28 އޯގަސްޓް 2016 - 13:50

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އަށް ހައްވާ އީޝާލް ރިޔާޒު ކުރި ޗެލެންޖް އޭނާ ފުރިހަމަ ކުރުމުން، ދެން އީޝާލް ޗެލެންޖް ކުރީ ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށެވެ. ދަގަނޑޭ މިހާރު ވަނީ އެ ޗެލެންޖް އުފަލާއެކު ގަބޫލުކޮށްފަ އެވެ.
މަރޭ ފެށި "ޓްރެއިން ވިތު އެމްވީ ޗެމްޕްސް"އާ ގުޅުވައިގެން އީޝަލްއާ ކުރި ޗެލެންޖް ފުރިހަމަކުރަން މަރޭ ވަނީ އީޝާލްއާ އެކު އިއްޔެ ޓްރެކް ދަނޑުގައި ދުވުމުގެ ޓްރެއިނިން ހަދައިފަ އެވެ. މި ޓްރެއިނިންގައި އީޝާލްގެ ކޯޗު ނަސީރު އިސްމާއިލް ވެސް ބައިވެރިވި އެވެ. މިއަދު 10 ވަނަ އުފަންދުވަސް ފާހަގަކުރާ އީޝާލް، އަށް ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ކޯޗުކޮށްދޭތާ މިއަދަށް ވަނީ އެއް އަހަރު ފުރިފަ އެވެ.
ޓްރެއިނިން ނިންމުމަށް ފަހު އީޝާލް ދެން ޗެލެންޖްކުރީ ދަގަނޑޭ އަށެވެ. ދަގަނޑޭ މިއަދު ވަނީ އޭނާގެ ފޭސްބުކް މެދުވެރިކޮށް ޗެލެންޖް ގަބޫލުކޮށްފަ އެެވެ.
އެކޮންޑްރޮޕްލާސިއާ (ޑްވޯފިޒަމް) ހުންނަ އީޝާލް އަކީ ކުޅިވަރަށް ވަރަށް ބޮޑަށް ލޯބިކުރާ ކުއްޖެކެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓުގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. ނިއުގެ ބައެއް މެޗުތައް ބަލަން ބައްޕައާ އެކު ދަނޑަށް ވެސް ގޮސްފައިވާއިރު ނިއުގެ ކުޅުންތެރިން ވަނީ އީޝާލްއާ އެކު ބައްދަލުކޮށް ފޮޓޯ ވެސް ނަގައިފަ އެވެ. އީޝާލް ވަނީ މީގެ ކުރިން ދިރާގު ރޯޑު ރޭހުގައި ވެސް ދުވެފަ އެވެ.
ޓްރެއިން ވިތު ޗެމްޕިއަންސް އަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ އެތުލީޓުންނާ އެކު ތަމްރީން ހެދުމަށް މަރޭ އަމިއްލަ އިސް ނަގައިގެން ފެށި ކަމެކެވެ. ރާއްޖޭގެ ބައެއް އެތުލީޓުންނާ އެކު ތަމްރީން ހެދުމަށް ފަހު މަރޭ ވަނީ ރާއްޖޭގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި ސެލެބްރިޓީންނަށް އެ ފުރުސަތު ދީފަ އެވެ. އެންމެ ފަހުން، ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަދި މައުމޫން އަބްދުލްގައްޔޫމަށް ވަނީ ޗެލެންޖް ދެއްވައިފަ އެވެ؛ އެ ހަތަރު ރައީސުން ވެސް ވަނީ އެކަން ގަބޫލުފުޅުކުރައްވައިފަ އެވެ.
ރައީސް ވަހީދު މާލޭ ފަތާ ޓްރެކުގައި ރާއްޖޭގެ އެއް ވަނަ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަންއާ އެކު ޓްރެއިނިން ފުރިހަމަކުރެއްވިއިރު، ރައީސް އަބްދުﷲ ޔާމީން ޓްރެއިނިން ފުރިހަމަ ކުރެއްވީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއާ އެކު އިއްޔެ އާ ރަށުގަ އެވެ.