11 މާޗް 2019 - 17:43

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލްކޮށް، އަލުން ބިޑަށް ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިއުލާނެއްގައި ބުނީ ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ބައެއް ހޯދަން ކުރިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް މީހުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންވެ، ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން އެ ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.
އިއުލާންގައިވާ ގޮތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ ބުދަ ދުވަހު މެންދުރު ފަހު ކަމަށް ވެސް އިއުލާންގައިވެ އެވެ.
އިއުލާންގައިވާ ގޮތުން ބިޑު ސެކިއުރިޓީ ވާން ޖެހޭނީ ސަރުކާރަށް ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓު ކަމަށާއި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ކަމަށް އިއުލާންގައިވެ އެވެ.
މަޖިލިސް އިންތިޚާބުގައި ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ބައެއް ހޯދަން ކުރި ފުރަތަމަ އިއުލާނާ ގުޅިގެން ޝައުގުވެރިކަން ފާޅުކުރީ އެމް7 އާއި ނޮވެލްޓީންނެވެ.
އެމް7 އަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވޯޓު ކަރުދާސް ޗާޕް ކުރި ކުންފުންޏެވެ. އެ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕް ކުރުމުގެ ޝައުގުވެރިކަން ނޮވެލްޓީން ފާޅުކޮށް ބިޑް ކުރި އެވެ. އެކަމަކު، އީސީ އަށް އެންމެ ރަނގަޅު ބައެއްގެ ގޮތުގައި ފެނުނީ އެމް7 އެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕުކުރީ އެކަމަށް ކުރިމަތިލި ދެ ވަނަ ޗާޕުހާނާ އިން ހުށަހެޅި އަގަށް ވުރެ ތިން މިލިއަން ރުފިޔާ ބޮޑުކޮށެވެ. ކުޑަ އަގެއް ހުށަހެޅީ ނޮވެލްޓީންނެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޗާޕުޚާނާ އިން ހުށަހެޅީ 25 ވޯޓު ކަރުދާސް ހިމެނޭ ފޮތެއް ޗާޕުކުރަން 63.80ރ. އެވެ. އެކަމަކު 25 ކަރުދާސް ހިމެނޭ ފޮތެއް ޗާޕްކުރެވޭނެ އަގަކަށް އެމް7 އިން ހުށަހެޅީ 345.85ރ. އެވެ.
ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާހާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިކޮށް، އެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އިންތިޚާބު ބާތިލް ކުރަން އެންމެ ބޮޑަށް ފާހަގަ ކުރި އެއް ކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދެ ދަރިކަލެއްގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށްވާ އެމް7 އަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިނުމެވެ.
ވޯޓު ކަރުދާސް ޕްރިންޓް ކުރަން ނޮވެލްޓީން ބިޑް ހުށަހަޅައި، ގިނަ ޕޮއިންޓް ލިބިފައި ވަނިކޮށް އެ ބިޑްތައް ބާތިލް ކުރުމަށް ފަހު، އެމް7 ކުންފުންޏަށް އެ މަސައްކަތް ދިނީ ވަކި ގޮތަކަށް އިންތިޚާބުގެ ކަންކަން އަނބުރާލަން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް އޭރު އަމާޒުވި ފާޑުކިއުންތަކަށް އެ ކޮމިޝަނުން ރައްދު ދެމުން ބުނެފައި ވަނީ ބިޑް ކުރުމެއް ނެތި އެމް7 އަށް އެ މަސައްކަތް ދިނީ ސީދާ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުއްދަ ދެއްވައިގެން، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ވޯޓު އޮޅުވައިލި ކަމަށް ބުނެ އެ މައްސަލައިގައި ފާހަގަކުރި ކަމެއް ހިނގި ކަމުގެ ހެއްކެއް ދެއްކިފައި ނެތް ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓް ކަރުދާހުގައި މައްސަލަ ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފެއްދުމުން ވޯޓް ކަރުދާހުގައި ހުންނަ ސެކިއުރިޓީ ފީޗާސްގެ އިތުރުން މިފަހަރު އިންތިޚާބުގައި ބޭނުންކުރާ ކަރުދާހުގައި އިލެކްޝަންސް ކޮމިޝަންގެ ތައްގަނޑު ޖަހަން އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.