ވެއްޓުނު ބޯޓުގެ ކަޅުފޮށި ހޯދައިފި
ވެއްޓުނު ބޯޓުގެ ކަޅުފޮށި ހޯދައިފި

އެޑިސް އާބާބާ (މާޗް 11) - ވެރިރަށް އެޑިސް އަބާބާ އިން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓުނު އިތިއޯޕިއަން އެއާލައިންސްގެ ބޯޓުގެ ކަޅު ފޮށި ތަހުގީގު ޓީމުން ހޯދައިފި އެވެ.

ނައިރޯބީ އަށް ދަތުރުުކުރި ބޯއިން 737 މެކްސް 8 ގެ ބޯޓުން ދަތުރުކުރި 157 މީހުން ވަނީ މަރުވެފަ އެވެ. އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޯޓުގެ ކަޅުފޮށި ނުވަތަ ޑިޖިޓަލް ފްލައިޓް ޑޭޓާ ރެކޯޑަރުގެ އެހީގައި ބޯޓު ވެއްޓެން ދިމާވި ސަބަބު ހޯދަން ފަސޭހަ ވާނެ ކަމަށެވެ. ކަޅު ފޮށީގައި ހިމެނޭ ކޮކްޕިޓް ވޮއިސް ރެކޯޑަރު ވެސް ވަނީ ހޯދައިފަ އެވެ.

އިތިއޯޕިއާ އެއާލައިންސްގައި ބޭނުން ކުރާ 737 މެކްސް 8 ގެ ބޯޓު ވެއްޓުމާ ގުޅިގެން ދުނިޔޭގެ ބައެއް އެއާލައިންތަކުގައި ބޭނުން ކުރާ މި ބާވަތުގެ ބޯޓުތައް މިހާރު ދަނީ ގްރައުންޑް ކުރަމުންނެވެ. އެންމެ ފަހުން ގްރައުންޑް ކޮށްފައި ވަނީ އިންޑޮނީޝިއާގައި ބޭނުން ކުރާ 737 މެކްސް 8 ގެ ބޯޓުތަކެވެ.

ޗައިނާ އާއި އިތިއޯޕިއަން އެއާލައިންސް އިން ވެސް މިހާރު ވަނީ 737 މެކްސް 8 ގެ ހުރިހާ ބޯޓެއް ގްރައުންޑް ކޮށްފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ ބޯޓަކީ ވެސް 737 މެކްސް 8 ގެ ބޯޓެކެވެ.

ވެއްޓުނު ބޯޓުން 30 ގައުމެއްގެ މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި ކެންޔާގެ 32 މީހަކާއި ކެނެޑާގެ 18 މީހުންނާއި އިނގިރޭސި ވިލާތުގެ ހަތް މީހުން އަދި އިންޑިއާގެ ހަތަރު މީހުން ހިމެނެ އެވެ. އދ.ގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރާ 19 މީހަކު ވެސް ބޯޓުން ދަތުރުކުރި އެވެ. ސްލޮވާކިއާގެ ބޮޑު ވަޒީރު އެންޓަން ހަރްންކޯ ވަނީ އޭނާގެ އަނބިކަނބަލުންނާއި ދެ ބޭފުޅުން އެ ބޯޓުން ދަތުރުކުރި ކަމަށް ފޭސްބުކް މެސެޖެއްގައި ވިދާޅުވެފަ އެވެ.