12 މާޗް 2019 - 06:43

ޓީވީ ސިލްސިލާތައް ކުޅެގެން މަޝްހޫރުކަން ހޯދުމަށް ފަހު، މިހާރު ބޮލީވުޑަށް ވަދެފައިވާ ބަތަލާ މޯނީ ރޯއި އަށް އަނެއްކާ ވެސް ފިލްމެއްގެ ލީޑް ބަތަލާއެއްގެ ރޯލް ލިބިއްޖެ އެވެ.
މި ފަހަރު އޭނާ ސޮއިކޮށްފައި ވަނީ އެކްޓަރު ނަނާޒުއްދީން ސިއްދީގިއާ އެކު ކުޅޭ "ބޯލެ ޗޫޅިޔާ" އަށެވެ. މި ފިލްމަކީ ނަވާޒުއްދީންގެ ކޮއްކަ ޝަމަސް ސިއްދީގީ ޑައިރެކްޓް ކުރާ ފިލްމެކެވެ.
ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފިލްމުގެ ބަތަލާގެ ރޯލް ޝްރަދާ ކަޕޫރަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އޭނާ ބިޒީކަމުން ވަގުތު ދެވެން ނެތުމުން މޯނީ އަށް ފުރުސަތު ދިނީ އެވެ. ނަވާޒުއްދީނާއި ޝަމަސް ވެސް ވަނީ ޓްވިޓާގައި މޯނީ ފިލްމަށް ނެގިކަން ކަށަވަރުކޮށް ދީ، ނަވާޒާއި މޯނީ އެކުގައި ނަގާފައިވާ ފަސްޓްލުކް ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.
ލޯބީގެ ވާހަކައަކަށް ހަދާ "ބޯލެ ޗޫޅިޔާ" ގެ ޝޫޓިން މެއި މަހު ފަށާ ގޮތަށް އެއްވާނެއްގައި ކުރިއަށް ގެންގޮސް، ޖޫން މަހު ނިންމައިލަން ވަނީ ހަމަޖައްސައިފަ އެވެ. އަދި ފިލްމު މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނާނެ ކަމަށް ޕްރޮޑިއުސަރު ރާޖޭޝް ބާޓިއާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި "ބޯލެ ޗޫޅިޔާ" ގެ އެންމެ ހާއްސަ އެއް އުސްއައްޔަކަށް ވާނީ ނަވާޒުއްދީނާއި މޯނީގެ ކެމިސްޓްރީ އެވެ.
"އަހަންނަށް ވަރަށް ޔަގީން މި ޖޯޑު ވަރަށް ހިޓް ޕެއާކަށް ވާނެކަން. މޯނީއަކީ ހަގީގަތުގައި އަދިވެސް އޭނާގެ ހުރި ކުޅަދާނަކަން އެއްކޮށް ދައްކައިލަން ފުރުސަތު ފަހިނުވެ ހުރި ބަތަލާއެއް. އެހެންވެ އަހަރެމެން ވަރަށް އުފާ ކުރަން މި ފިލްމަށް އޭނާ ގެނެވުނީތީ،" ރާޖޭޝް ބުންޏެވެ.
ނަވާޒުއްދީނު ވެސް ބުނީ މޯނީއާ އެކު މަސައްކަތްކޮށްލާ ހިތުން އޭނާ ފިލްމުގެ ޝޫޓިން ފަށަން ކެތްމަދުވެފައިވާ ކަމަށެވެ.
ނަވާޒުއްދީނާއި ސާނިއާ މަލްއުތުރާ ލީޑް ރޯލް ކުޅެފައިވާ ފިލްމު "ފޮޓޯގްރާފް" އަންނަ އަންނަަ ހުކުރު ދުވަހު ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، އޭނާ މިހާރު އަންނަނީ ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީއާ އެކު "މޯޓީޗޫރް ޗަކްނަޗޫރް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
މިދިޔަ އަހަރު އަކްޝޭ ކުމާރުގެ "ގޯލްޑް" އިން ބޮލީވުޑަށް ތައާރަފުވި މޯނީގެ އިތުރު ތިން ފިލްމެއް ވެސް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ.
އެއީ އެޕްރީލް 12 ގައި ރިލީޒް ކުރާ ޖޯން އަބްރަހަމްގެ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އާއި ރާޖްކުމާރު ރާއޯއާ އެކު ކުޅެ، އޮގަސްޓް 30 ގައި ރިލީޒް ކުރާ "މޭޑް އިން ޗައިނާ" ގެ އިތުރުން އަޔާން މުކަރްޖީ ޑިސެމްބަރު މަހު ގެނެސްދޭ "ބުރައްމަސްތުރާ" އެވެ.