11 މާޗް 2019 - 14:43

އެޑިސް އަބާބާ (މާޗް 11) - ވެރިރަށް އެޑިސް އަބާބާ އިން ފުރިތާ ހަ މިނިޓް ތެރޭ އިއްޔެ ވެއްޓުނު އިތިއޯޕިއަން އެއާލައިންސް އިން ދަތުރު ކުރަން ހަމަޖެހިފައިވާ ގްރީކް މީހަކު ގަޑިއަށް ނުދެވުމުން އޭނާ ސަލާމަތްވެއްޖެ އެވެ.

އެންޓޯނިސް މާވްރޮޕޯލޮސް ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ބުނެފައި ވަނީ އޭނާ އަށް ފްލައިޓް ކެޓީ ދެ މިނިޓް ލަހުން ޑިޕާޗާ ގޭޓަށް ދެވުމުން ކަމަށެވެ.
"ގޭޓާ ހަމައަށް ދާން އެއްވެސް މީހެއްގެ އެހީތެރިކަމެއް އަހަންނަކަށް ނުލިބުނު. އެކަމަކު މިއީ އަހަރެންގެ ނަސީބުގެ ދުވަސް،" ޓިކެޓުގެ ފޮޓޯއަކާ އެކު އޭނާ ޕޯސްޓްކޮށްފައިވާ ލިޔުމުގައިވެ އެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ސޮލިޑް ވޭސްޓް އެސޯސިއޭޝަންގެ ރައީސް މާވްރޮޕޯލޮސް ނައިރޯބީ އަށް ދަތުރު ކުރަން ހަމަޖެހިފައި ވަނީ އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމުގެ ބައްދަލުވުމެއްގައި ބައިވެރިވުމަށެވެ.
މާވްރޮޕޯލޮސް ބުނެފައިވާ ގޮތުގައި ފްލައިޓަށް ނޭރުވުމުން ޝަކުވާ ކުރުމުން އެއާޕޯޓުގެ ޕޮލިސް ސްޓޭޝަނަކަށް ވެސް އޭނާ ގެންދިޔަ ކަމަށެވެ.
"އެ މީހުން ބުނި އީޓީ302 ފްލައިޓުން ދަތުރު ނުކުރި ހަމައެކަނި ޕަސިންޖަރަކީ އޭނާ އަށް. އެކަމަށްޓަކައި ޝުކުރުވެރިވުމަށް ބުނި،" މާވްރޮޕޯލޮސް ބުންޏެވެ.
އެކަމަކު އިތިއޯޕިއަން އެއާލައިންސްގެ ދަތުރު ކުރަން ހަމަޖެހިފައިވާ ދުބާއީގެ ރައްޔިތަކު ވެސް ސަލާމަތްވެފައިވާ ކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފަ އެވެ.
ޚާލިދު އަލީ އަބްދުއްރަހުމާން ނައިރޯބީގެ ޖޯމޯ ކެންޔައްޓާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔައީ އޭނާގެ ދަރިފުޅު އަހުމަދު ޚާލިދު ރިސީވް ކުރާށެވެ. ޚާލިދު އަލީ ބުނި ގޮތުގައި އިތިއޯޕިއާ އެއާލައިންސްގެ އެރައިވަލް ދައްކައިދިނުމަށް އެއާޕޯޓުގެ ސެކިއުރިޓީ އޮފިޝަލުން ގާތު އެހުމުން އެ މީހުން ވަނީ އެ ބޯޓު ވެއްޓިއްޖެ ކަމަށް ބުނެފަ އެވެ.
"އިރުކޮޅަކުން އެޑިސް އަބާބާގައި ހުރި ދަރިފުޅު ގުޅާފައި ބުނި އެ ފްލައިޓަށް އޭނާ ނާރާ ކަމަށް. އަދި އެހެން ފްލައިޓެއްގައި ނައިރޯބީ އަށް ދާން މަސައްކަތް ކުރާ ކަމަށް،" ޚާލިދު އަލީ ބުންޏެވެ.
ވެއްޓުނު ބޯޓުން ދަތުރުކުރި 157 މީހުން ވަނީ މަރުވެފަ އެވެ. ބޯޓުން 30 ގައުމެއްގެ މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި ކެންޔާގެ 32 މީހަކާއި ކެނެޑާގެ 18 މީހުންނާއި އިނގިރޭސި ވިލާތުގެ ހަތް މީހުން އަދި އިންޑިއާގެ ހަތަރު މީހުން ހިމެނެ އެވެ. އދ.ގެ ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ 19 މީހަކު ވެސް ބޯޓުން ދަތުރުކުރި އެވެ. ސްލޮވާކިއާގެ ބޮޑު ވަޒީރު އެންޓަން ހަރްންކޯ ވަނީ އޭނާގެ އަނބިކަނބަލުންނާއި ދެ ބޭފުޅުން އެ ބޯޓުން ދަތުރުކުރި ކަމަށް ފޭސްބުކް މެސެޖެއްގައި ވިދާޅުވެފަ އެވެ.