11 މާޗް 2019 - 13:14

ޕެރިސް (މާޗް 11) - އިތިއޯޕިއަން އެއާލައިންސްގެ ބޯއިން 737 މެކްސް 8 މަރުކާގެ ބޯޓެއް އިއްޔެ ވެއްޓުނު ހާދިސާ އަށް ފަހު މި ބާވަތުގެ ބޯޓުތަކުގެ ސަލާމަތާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މިއީ ފަސް މަސް ދުވަސްތެރޭ ވެއްޓުނު 737 މެކްސް 8 ގެ ދެ ވަނަ ބޯޓެވެ. މިދިޔަ އޮކްޓޯބަރު މަހު ވަނީ އިންޑޮނީޝިއާގެ ލަޔަން އެއާގެ 737 މެކްސް 8 ގެ ބޯޓެއް ވެސް ވެއްޓި ދަތުރުކުރި 189 މީހުން މަރުވެފަ އެވެ. ވެއްޓުނު ދެ ބޯޓަކީ ވެސް މުޅިން އާ ދެ ބޯޓެވެ.

މި ދެ ހާދިސާ އަށް ފަހު ޗައިނާ އާއި އިތިއޯޕިއަން އެއާލައިންސްގައި ބޭނުން ކުރާ 737 މެކްސް 8 ގެ ހުރިހާ ބޯޓެއް މިހާރު ވަނީ ގްރައުންޑްކޮށްފަ އެވެ.
އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓް އީޓީ302 ވެއްޓުނީ ވެރި ރަށް އެޑިސް އަބާބާ އިން ނައިރޯބީ އަށް ފުރިތާ ހަ މިނިޓް ފަހުންނެވެ. އެއާލައިން އިން ބުނީ ބޯޓު ފުރިތާ އިރުކޮޅެއްގެ ތެރޭގައި އަނބުރާ ޖައްސަން ބޭނުންވާ ކަމަށް ޕައިލެޓް ރިޕޯޓް ކުރި ކަމަށެވެ. ބޯޓު ދުއްވަން އިނީ މަތިންދާ ބޯޓު ދުއްވުމުގެ 8،000 ގަޑިއިރުގެ ތަޖްރިބާހުރި ޕައިލެޓެއް ކަމަށް އެއާލައިނުން ބުންޏެވެ. ބޯޓުގެ އެންމެ ފަހުގެ މެއިންޓެނެންސް ޗެކްކޮށްފައި ވަނީ ފެބްރުއަރީ 4 ގަ އެވެ.
ބޯއިން 737 މެކްސް-8 ގެ ބޯޓުތައް ކޮމާޝަލް ދަތުރުތަކުގައި ބޭނުން ކުރަން ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ. އިތިއޯޕިއަން އެއާލައިންސްގައި މި ބާވަތުގެ ހަ ބޯޓު ބޭނުން ކުރެ އެވެ.
ވެއްޓުނު ބޯޓުން ދަތުރުކުރި 157 މީހުން ވަނީ މަރުވެފަ އެވެ. ބޯޓުން 30 ގައުމެއްގެ މީހުން ދަތުރުކުރި އެވެ. އޭގެ ތެރޭގައި ކެންޔާގެ 32 މީހަކާއި ކެނެޑާގެ 18 މީހުންނާއި އިނގިރޭސި ވިލާތުގެ ހަތް މީހުން އަދި އިންޑިއާގެ ހަތަރު މީހުން ހިމެނެ އެވެ. އދ.ގެ ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރާ 19 މީހަކު ވެސް ބޯޓުން ދަތުރުކުރި އެވެ. ސްލޮވާކިއާގެ ބޮޑު ވަޒީރު އެންޓަން ހަރްންކޯ ވަނީ އޭނާގެ އަނބިކަނބަލުންނާއި ދެ ބޭފުޅުން އެ ބޯޓުން ދަތުރުކުރި ކަމަށް ފޭސްބުކް މެސެޖެއްގައި ވިދާޅުވެފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހު ލަޔަން އެއާގެ ބޯޓު ވެއްޓުނު ފަހުން އިންވެސްޓިގޭޓަރުން ބުނަމުން ދަނީ ބޯޓުގެ އޮޓޮމޭޓެޑް ސިސްޓަމް ބޭނުން ކުރުމުގައި އުނދަގޫތަކެއް ދިމާވާ ކަމަށް ޕައިލެޓުން ފާހަގަ ކުރާ ކަމަށެވެ. ބޯއިން 737 މެކްސްގެ އާ ފީޗާއެއްގެ ގޮތުގައި ހިމަނާފައިވާ އެންޓި-ސްޓޯލް ސިސްޓަމުގެ ސަބަބުން ބޯޓުގެ ކުރީކޮޅު ތިރިއަށްދާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
"މުޅިން އާ ދެ ބޯޓު އަހަރެއްގެ ތެރޭ ވެއްޓުމަކީ އޭވިއޭޝަން އިންޑަސްޓްރީން ކަންބޮޑުވާން ޖެހޭ ކަމެއް،" އެމެރިކާގެ ޓްރާންސްޕޮޓޭޝަން ޑިޕާޓްމަންޓުގެ ކުރީގެ އިންސްޕެކްޓާ ޖެނެރަލް މާރީ ޝިއާވޯ ވިދާޅުވި އެވެ.
އިތިއޯޕިއަން އެއާލައިންސްގެ ބޯޓު ވެއްޓުނީ އެންޓި-ސްޓޯލް ސިސްޓަމުގެ މައްސަލައަކުން ކަމެއް އަދި ނޭނގެ އެވެ.
އިތިއޯޕިއަން އެއާލައިންސްގައި ބޭނުންކުރާ ހުރިހާ 737 މެކްސް 8 ގެ ހުރިހާ ބޯޓެއް ގްރައުންޑްކޮށްފައިވާ އިރު ޗައިނާގެ އޭވިއޭޝަން ރިގިއިލޭޓާ އިނ މިހާރު ވަނީ އެ ގައުމުގެ ހުރިހާ އެއާލައިނެއްގައި ބޭނުންކުރާ މި މަރުކާގެ ބޯޓުތައް ގްރައުންޑް ކުރަން އަންގައިފަ އެވެ. އެއާ ޗައިނާ، ޗައިނާ އީސްޓަން އެއާލައިންސް އަދި ޗައިނާ ސަދަން އެއާލައިންސް އިން 737 މެކްސް 8 ގެ 90 އަށް ވުރެ ގިނަ ބޯޓު ބޭނުން ކުރެ އެވެ.
ކޭމަން އެއާވޭސް އިން ބޭނުން ކުރާ ބޯއިން 737 މެކްސް 8 ގެ ދެ ބޯޓު މިހާރު ވަނީ ގްރައުންޑްކޮށްފަ އެވެ. ނޯތު އެމެރިކާގެ ބައެއް އެއާލައިންސްތަކުން ވެސް މި ބާވަތުގެ ބޯޓުތައް ބޭނުން ކުރެ އެވެ. އެ އެއާލައިންތަކުން ބުނެފައި ވަނީ ތަހުގީގު މޮނިޓާ ކުރަމުންދާ ކަމަށެވެ. ސައުތު ވެސްޓް އެއާލައިންސްގައި 31 ބޯޓު، އެމެރިކަން އެއާލައިންސް އަދި އެއާ ކެނެޑާގައި 24 ބޯޓު ބޭނުން ކުރެ އެވެ.