11 މާޗް 2019 - 14:01

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޑައިވިން ސްޕޮޓް ކަމަށްވާ "ވިކްޓަރީ ރެކް" ކައިރިއަށް ޑައިވްކުރުމުގެ ހުއްދަ، ތިން އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ހައުސިން މިނިސްޓްރީން އަލުން ދީފި އެވެ.
ހުޅުލޭގެ ހުޅަނގު ދެކުނު ފަރާތު ފަރު ކައިރިއަށް އަޑިއަށް ގޮސްފައިވާ "ވިކްޓަރީ" ބޯޓުގެ ސަބަބުން އުފެދުނު ހިތްގައިމުކަން ދެކިލަން ޑައިވްކުރުން މަނާކުރީ ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމާ އެކު 2016 ގަ އެވެ.
އެ ބޮޑު މަޝްރޫއުގެ ސަބަބުން އެ ސައިޓަށް ގެއްލުން ލިބިދާނެތީ އެ ސަރަހައްދު ވަކިކުރަން ހަތަރު ބޮއި ވެސް އެޅި އެވެ. ނަމަވެސް އެހާ ބޮޑު މަސައްކަތެއްގެ ތެރޭގައި ކިސަޑާއި އެކި ފާޑުފާޑުގެ ކުނި އެޅުން ނުހުއްޓުވޭނެތީ، އޭގެ ގެއްލުން ކޮންމެވެސް ވަރަކަށް ސައިޓަށް ވަނީ ލިބިފަ އެވެ.
އެ ސަރަހައްދު ބެެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރަމުން އަންނަ އަދި ޑައިވްކުރަން ހާއްސަ، ޑައިވް ޑެސްކްގެ މެނޭޖިން ޑިރެކްޓަރު އާދަމް އަޝްރަފު ވިދާޅުވީ ވިކްޓްރީ ރެކް އަލުން ހުޅުވާލީ ފެބްރުއަރީ 21 ގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބްރިޖު މަސައްކަތާ ގުޅިގެން ކޮންމެވެސް ވަރަކަށް އެތަނުގެ ބައިތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އަދި ބްރިޖްގެ މަސައްކަތުގައި ބޭނުންކުރި އުޅަނދުފަހަރުން ނަގިލި ލުމުންނާއި ކިސަޑު ފޭބުމުގެ ސަބަބުން ރެކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޝަރީފް ވިދާޅުވީ އެ ސަރަހައްދުގެ ދިރުންތައް އިތުރުވެފައިވާ ކަމަށެވެ.
"ދެ އަހަރު ވަންދެން އެ ސަރަހައްދަށް މޫދަކަށް ނޭރެވޭ. މީހުން އާންމުކޮށް ނޭރުމުން މަސްތަކާއި އެ ސަރަހައްދުގެ ދިރުންތައް ރަނގަޅުވެފައިވާކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ވިކްޓްރީ ރެކަށް ލިބިފައިވާ ގެއްލުން އެންމެ ފުރިހަމައަށް އެނގޭނީ ސާވޭއެއް ހެދިގެން ކަމަށް ވާތީ އެކަން ވަރަށް އަވަހަށް ކުރާނެ އެވެ.
ހުޅުލެ ފަރު ކައިރިއަށް 1981 ގައި ފެތުނު ވިކްޓަރީ ބޯޓް އޮތް ސަރަހައްދަކީ ދުނިޔޭގައި ވެސް މަޝްހޫރު ޑައިވިން ސްޕޮޓެކެވެ. އެ ބޯޓު އަޑިއަށް ދިޔައީ މުދާ ހިފައިގެން ގާދޫކޮލުން ވަދެގެން ދަނިކޮށް ހުޅުލޭގެ ފަރަށް އަރައިގެންނެވެ. ފުންކުރަން ވެގެން ބޯޓު ފަހަތަށް ޖަހައިގެން ވަކި ހިސާބަކަށް ދިޔަ ތަނުން ބޯޓު ދިޔަވެ، އަޑިޔަށް ދިޔައީ އެވެ.