11 މާޗް 2019 - 11:30

ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓީމަކުން ސްރީ ލަންކާގެ ނިގަމްބޯ އިން ޖަފްނާ އަށް ބައިސިކަލުގައި ހަ ދުވަހުގެ ޓުއާއެއްކޮށްފި އެވެ.
މިއީ ކަސްރަތުގެ ތެރެއިން ބައިސިކަލް ދުއްވުން ޕްރޮމޯޓްކުރުމަށް ރާއްޖޭގައި ހަރަކާތްތެރިވާ މި ޖަމިއްޔާ އިން މިހާ ދިގު ރާސްތާއެއް ބައިސިކަލުގައި ކަޑައްތުކުރި ފުރަތަމަ ފަހަރެވެ. ކޮލަމްބޯގެ އުތުރުން އެއާޕޯޓާ ކައިރީ އޮންނަ ނެގަމްބޯ އާއި ލަންކާގެ އެންމެ އުތުރުގައި އޮންނަ ޖަފްނާއާ ދެމެދު 363.4 ކިލޯމީޓަރުގެ ރާސްތާގެ ޓުއާގައި ބައިވެރިވީ 12 ބައިވެރިންނެވެ. ދުއްވުމުގައި ހޭދަކުރީ ހަތަރު ދުވަހެވެ. ކޮންމެ ދުވަހެއްގެ ފަތިހު ދަތުރު ފަށައި، 80 ވަރަކަށް ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރެ އެވެ. އެއަށް ފަހު ރޭގަނޑު ހޮޓަލެއްގައި މަޑުކުރަނީ އެވެ.
ބައިކް މޯލްޑިވްސް އިން މީގެ ކުރިން ވެސް ރާއްޖޭން ބޭރަށް ދަތުރުކޮށް ބައިސިކަލް ބުރުތައް ބާއްވާފައިވެ އެވެ. އަދި ރާއްޖޭގައި، ލ. އަތޮޅު ބައިސިކަލް ދުއްވުމުގެ މުބާރާތެއް ވަނީ ބާއްވައިފަ އެވެ. ބައިކް މޯލްޑިވްސްގެ ސީއީއޯ އަހުމަދު ހަސަން ދީދީ (ރެޑިއަމް) ވިދާޅުވީ މިފަދަ ޓުއާތަކެއް އެހެން ގައުމުތަކުގައި ބާއްވަން ރާވާފައިވާ ކަމަށެވެ.
މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ފަށައި މިހާރު ފޯރީގައި ކުރިއަށްގެންދާ މި ހަރަކާތުގައި ކޮންމެ ހަފުތާ ބަންދެއްގައި ހުޅުމާލޭގައި ބައިސިކަލް ދުއްވަ އެވެ. އެކަމަށްޓަކައި އެމްޓީސީސީން ހާއްސަ ފެރީއެއް ބާއްވައިދިނެވެ.
ބައިކް މޯލްޑިވްސްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނާއި ކްލަބްތަކާއި ޖަމިއްޔާތަކަށް އޮވެ އެވެ. އެގޮތުން މި ފަހަރު ލަންކާ ޓުއާގައި ވެސް އެ ގައުމުގައި ކިޔަވަން ހުންނަ ދަރިވަރަކު ބައިވެރިވި އެވެ.