ލޯބިވާ މީހަކާ ކައިވެނިކުރަން ކެރިއަރު ގުރުބާންކުރަން ކެޓުރީނާ ތައްޔާރު
ލޯބިވާ މީހަކާ ކައިވެނިކުރަން ކެރިއަރު ގުރުބާންކުރަން ކެޓުރީނާ ތައްޔާރު

ފިލްމީ ކެރިއަރުގައި ލިބިފައިވާ ބޮޑެތި ކާމިޔާބީތަކާއި މަޝްހޫރުކަން ދޫކޮށްލާފައި ލޯބިވާ މީހަކާ އެކު ޒަވާޖީ ހަޔާތެއް ފަށަން ތައްޔާރު ކަމަށް ބޮލީވުޑްގެ ބަތަލާ ކެޓުރީނާ ކައިފް ބުނެފި އެވެ.

މިކަމާ ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބު ކެޓުރީނާ ދިނީ ވަރަށް އަވަހަށެވެ. އޭނާ ބުނީ ލޯބިވާ މީހަކާ ކައިވެނި ކުރުމާއި ފިލްމީ ކެރިއަރުގެ ތެރެއިބް ކޮންމެވެސް އެއް ކަމެއް ޚިޔާރުކުރަން ޖެހިއްޖެ ނަމަ އެއްވެސް ޖެހިލުމެއް ނެތި އޭނާ ޚިޔާރު ކުރާނީ ކައިވެނި ކަމަށެވެ.

"ގެވެހި އަންބަކަށް ވެގެން ދަރިންނާއެކު ގޭގައި ވަގުތު ހޭދަކުރުމަކީ އަހަރެން އެންމެ ހިތް އެދޭ ކަންތައް ކަމަށް ގަބޫލު ކުރެވިއްޖެ ހާލަތެއްގައި އެފަދަ ކައިވެންޏަކަށް އަހަރެންގެ ފިލްމީ ކެރިއަރު ގުރުބާން ކުރަން ތައްޔާރު،" ކެޓުރީނާ ބުނެފައިވެ އެވެ.

ކެޓުރީނާ އާއި ސިދާރްތު މަލްހޯތުރާ ކުޅެފައިވާ "ބާރް ބާރް ދޭކޯ"ގެ އިޝްތިހާރުގައި ފެންނަ ގޮތުން ފިލްމީ ކެރިއަރަށް ބުރޫ އަރާފާނެތީ ކައިވެންޏަށް ސިދާރްތުގެ ކެރެކްޓާ ފަސް ޖެހެ އެވެ. އެހެންކަމުން ކެރިއަރެއް ބިނާކުރަން ކައިވެނިކުރަން ބޭނުންނުވަނީ ހަމައެކަނި ފިރިހެނުންތޯ ކެޓުރީނާ ކުރެން އެހުމުން ބުނީ މިޒަމާނުގައި އަންހެނުން ވެސް ކެރިއަރެއް ބިނާ ކުރުމަށް ކައިވެނި ކުރަން ފަސްޖެހޭ ކަމަށެވެ. އަދި ކައިވެނިކޮށްގެން ދަރިން ހޯދުން ފަހަށް ޖައްސާލާ އަންހެނުން މިޒަމާނުގައި ވަރަށް ގިނަކަމަށެވެ.

ކެޓުރީނާ އެންމެ ފަހުން ކުޅުނު "ބާރް ބާރް ދޭކޯ" އަންނަ މަހު ނުވައެއްގައި ރިލީޒްކުރަން ދަނީ ތައްޔާރުވަމުންނެވެ. މި ފިލްމުގެ ޓްރެއިލާ އާއި ލަވަތަކުން ކެޓުރީނާ އާއި ސިދާރްތުގެ ކެމިސްޓްރީ ވަރަށް ރަނގަޅުކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

މި ފިލްމަކީ ކެޓުރީނާގެ ކެރިއަރަށް ވަރަށް މުހިއްމު ފިލްމެކެވެ. ސަބަބަކީ ރަންބީރު ކަޕޫރާއި ކެޓުރީނާ ހައެއްކަ އަހަރު ވަންދެން ރައްޓެހިވެގެން އުޅެފައި ދާދިފަހުން ރުޅިވި ފަހުން ބޮލީވުޑް ބައެއް މީހުން ކެޓުރީނާ އަށް ފުރަގަސް ދީފައިވާތީ އެވެ.