11 މާޗް 2019 - 09:03

ސްރީ ލަންކާގައި ބޭއްވި ގިމަ-ހާ އިންޓަނޭޝަނަލް ކަރާޓީ ޗެމްޕިއަންޝިޕުން ރާއްޖޭގެ ކަރާޓީ ތެޅުންތެރިން ހަތް ރަން މެޑަލާއި އެއް ރިހި މެޑަލް ހޯދައިފި އެވެ.

މިދިޔަ ދެ ދުވަހު ކުރިއަށްދިޔަ މި މުބާރާތުގައި ދެކުނު އޭޝިއާގެ ހަތަރު ގައުމަކުން 600 އަށް ވުރެ މީހުން ބައިވެރިވި އެވެ.
ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނީ އަހުމަދު ފަޒީލާއި އަލީ ހައިޝަމާއި އިބްރާހިމް ޒުހައިރާއި ރާޝިޔާ މުހައްމަދާއި އައިޝަތު ތާނީ އާއި އަހުމަދު ރިވާޖް އަދި މުހައްމަދު ނޫހު ރިލްވާނެވެ. ރިހި މެޑަލް ހާސިލްކުރީ އަހުމަދު މާއިލް ޝިޔާމެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކަރާޓީ ތެޅުންތެރިންނަށް ހޯދައިދިނީ ރާއްޖޭގައި ހަރަކާތްތެރިވާ ޝޮޓާކަން ކިއު ކަރާޓޭ ޑޫ މޯލްޑިވްސް ޖަމިއްޔާ އިންނެވެ.
ޖަޕާން ގިމަ ހާ ޝޮޓަކަން އެސޯސިއޭޝަނުން ރާވައިގެން ބާއްވާ މި މުބާރާރތުން މިދިޔަ ދެ އަހަރު ވެސް ރާއްޖޭން ބޮޑެތި ކާމިޔާބީތަކެއް ހޯދި އެވެ. އެގޮތުން 2017 ވަނަ އަހަރު ނުވަ ރަން މެޑެއްޔާއި ހަތް ރިހި މެޑަލް އަދި އެއް ލޯ މެޑަލް ހޯދި އެވެ. މިދިޔަ އަހަރު ވެސް ދެ ރަން މެޑަލް ހާސިލްކުރި އެވެ.