ވެއްޓުނު އިތިއޯޕިއާގެ ބޯޓުން އެކަކު ވެސް ސަލާމަތް ނުވޭ
ވެއްޓުނު އިތިއޯޕިއާގެ ބޯޓުން އެކަކު ވެސް ސަލާމަތް ނުވޭ

އެޑިސް އަބާބާ (މާޗް 10) - ވެރިރަށް އެޑިސް އަބާބާ އިން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މިއަދު ވެއްޓުނު އިތިއޯޕިއަން އެއާލައިންސްގެ ބޯޓުން އެކަކު ވެސް ސަލާމަތް ނުވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ކެންޔާގެ ވެރިރަށް ނައިރޯބީ އަށް ދަތުރުކުރި އީޓީ302 ފްލައިޓުން 149 ޕަސިންޖަރުންނާއި އަށް ކްރޫން ދަތުރުކުރި އެވެ. ބޯޓުން 33 ގައުމެއްގެ މީހުން ދަތުރުކުރި ކަމަށް އެއާލައިނުން ބުނެ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބޯޓު ވެއްޓި ބިމުގައި ޖެހުމާ އެކު އަލިފާން ރޯވި އެވެ. ބޯޓު ވެއްޓުނުކަން ފުރަތަމަ އިއުލާން ކުރެއްވީ އިތިއޯޕިއާގެ ބޮޑު ވަޒީރު އަބިޔީ އަހުމަދެވެ. ބޯޓު އުފެއްދި ބޯއިން ކުންފުނިން ބުނެފައި ވަނީ ވަރަށް ގާތުން އެ ހާދިސާ ބަލަމުންދާ ކަމަށެވެ.

ވެއްޓިފައި ވަނީ ބޯއިން 737-800 މެކްސް މަރުކާގެ ބޯޓެކެވެ. މިދިޔަ އޮކްޓޯބަރު ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ ބޯޓަކީ ވެސް ބޯއިން 737-800 މެކްސްގެ ބޯޓެވެ. ޖަކާޓާ އިން ފުރިތާ 13 މިނިޓް ތެރޭ ކަނޑަށް ވެއްޓުނު އެ ބޯޓުން ދަތުރު ކުރި 189 މީހުން ވަނީ މަރުވެފަ އެވެ.

ބޯއިން 737މެކްސް-8 އަކީ މާކެޓަށް އާ ބޯޓެކެވެ. އެ ބާވަތުގެ ބޯޓުތައް ބޯއިން އިން ނެރެފައި ވަނީ 2016 ވަނަ އަހަރު އެވެ. އިތިއޯޕިއަން އެއާލައިންސްގެ ފްލީޓަށް 737މެކްސް-8 ގެ ބޯޓުތައް ގެނެސްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އިތިއޯޕިއާ އެއާލައިންސް އިން އެފްރިކާގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކުރެ އެވެ. އެއީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމުގެ ރެކޯޑް އޮތް އެއާލައިނެއް ނަމަވެސް 2010 ވަނަ އަހަރު އެ އެއާލައިނުގެ ބޯޓެއް ބެއިރޫތުން ނައްޓާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މެޑިޓެރޭނިއަން އަށް ވެއްޓި 90 މީހުން މަރުވި އެވެ.

އިތިއޯޕިއަން އެއާލައިންސް އަށް އެންމެ ހިތާމަވެރި ހާދިސާއެއް ދިމާވެފައި ވަނީ ނޮވެމްބަރު 2016 ގައި އެ އެއާލއިނުގެ ބޯޓެއް ހައިޖެކް ކުރުމުންނެވެ. އެޑިސް އަބާބާ އިން ނައިރޯބީ އަށް ދަތުރުކުރި އެ ބޯޓު ވެއްޓުނީ ތެޔޮ ހުސްވުމުންނެވެ. އޭރު ޕައިލެޓުން ދިޔައީ އިމަޖެންސީގައި ބޯޓު ކަނޑަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެކަމަކު ބޯޓު ޖައްސަނިކޮށް ވަނީ ފަރެއްގައި ޖެހިފަ އެވެ. އެ ހާދިސާގައި ބޯޓުގައި ތިބި 175 މީހުންގެ ތެރޭން 123 މީހުން މަރުވި އެވެ.