28 އޯގަސްޓް 2016 - 11:49

އައްޑޫ ހަންކެޑައިގައި ތަރައްގީ ކުރަން ނިންމާފައިވާ ސިޓީ ހޮޓަލުގެ މަސައްކަތް އަވަސްކޮށް ދޭން އެދި އައްޑޫ ސިޓީ ކައުންސިލުން ސަރުކާރަށް ސިޓީއެއް ފޮނުވައިފި އެވެ.

ކައުންސިލުން ބުނީ މި މަހުގެ 21 ވަނަ ދުވަހު ފޮނުވި ސިޓީގައި، ހަންކެޑައިގެ މަޝްރޫއު އަވަސްކޮށް ދިނުމަށާއި އެ މަޝްރޫއު ކުރިއަށް ނުގޮސް ލަސްވާ ސަބަބު ވެސް ސާފުކޮށް ދިނުމަށް އެދިފައިވާނެ ކަމަށެވެ.
މަރަދުއާ އިންވެގެން އޮންނަ ހަންކެޑެއިގައި 100-160 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން އެންމެ ފުރަތަމަ ހުޅުވައިލީ 2005 ގަ އެވެ. މި މަޝްރޫ އެންމެ ފުރަތަމަ ސަރުކާރުން ހަވާލު ކުރީ ތޫނޑު ފްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް އެ ކުންފުންޏަށް ދިން މުއްދަތުގެ ތެރޭގައި މަޝްރޫއު ފުރިހަމަ ކުރެވިފައި ނުވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތޫނޑު އަތުން ހަންކެޑެ ވަނީ ނަގައިފަ އެވެ.
ހަންކެޑެ ރަށް ތަރައްގީ ކުރަން ސަރުކާރުން ފަހުން ހަވާލު ކުރީ ސިންގަޕޫރުގެ ކްރެސެންޑާޒް ގްރޫޕާ އެވެ. އެ ކުންފުނިން ކުރިން ބުނެފައިވާ ގޮތުގައި ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް 2013 ވަނަ އަހަރު ފަށާނެ އެވެ. ނަމަވެސް މިހާތަނަށް އައިއިރު ހަންކެޑެ ތަރައްގީ ކުރުމާ ގުޅޭ އެއްވެސް ކަމެއް ކުރިއަކަށް ނުދެ އެވެ.
އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ކުރިއަށް ގެންދަން ރާވައިފައިވާ މަޝްރޫއުގެ ދަށުން ރިސޯޓެއް ތަރައްގީ ކުރަން މިހާރުގެ ސަރުކާރުން އިއުލާން ކުރި އިސްމެހެލާހެރައިގެ މަސައްކަތް ވެސް ކުރިއަކަށް ނުދެ އެވެ.
ޓޫރިޒަމް މިނިސްްރީން ބުނެފައިވާ ގޮތުގައި އެ ރަށް ތަރައްގީ ކުރަން ހަވާލު ކުރާނެ ކުންފުންޏެއް ވަނީ ނިންމައިފަ އެވެ. އަދި އެ ކުންފުންޏާ އެކު ވަރަށް އަވަހަށް ސޮއި ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އަހަރުގެ ފަހުކޮޅު ވިދާޅުވެފައިވެ އެވެ. އެއީ މިނިސްޓަރުކަމުގެ މަގާމާ ޒަމީރު ހަވާލުވެވަޑައިގަތް ދުވަސްކޮޅެވެ.
ފަހުން އިސްމެހެލާހެރައާ ބެހޭ އެއްވެސް ވާހަކައެއް ސަރުކާރުން ނުދައްކަ އެވެ.