10 މާޗް 2019 - 16:19

ޕިއޮންޔަން (މާޗް 10) - ނޯތު ކޮރެއާގެ ވެރިރަށް ޕިއޮންޔަންއާ ކައިރި ސަރަހައްދަކުން މިސައިލެއް ނުވަތަ ސެޓެލައިޓެއް އުދުއްސާލަން ތައްޔާރުވަމުންދާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.
މިސައިލް އުދުއްސާލަން ތައްޔާރުވަމުންދަނީ ސަނުމްޑޮން ސަރަހައްދުގަ އެވެ. އެއީ ނޯތު ކޮރެއާ އިން ބެލެސްޓިކް މިސައިލް އާއި ރޮކެޓް އެސެމްބަލް ކުރާ ސައިޓެކެވެ. އެ ސައިޓްގައި ބޮޑެތި ވެހިކަލްތައް ހަރަކާތްތެރިވާ ކަމަށް ސެޓެލައިޓް މަންޒަރުތަކުން ހާމަވެފައިވެ އެވެ. އެ ފޮޓޯތައް އާއްމުކޮށްފައި ވަނީ އެމެރިކާގެ ޕަބްލިކް ރޭޑިއޯ ނެޓްވޯކް އެންޕީއާރް އިންނެވެ.
ސެޓެލައިޓް އުދުއްސާލަން ތައްޔާރުވަމުންދާ އިރު ނޯތު ކޮރެއާގެ ސޮހާއޭ ރޮކެޓް ލޯންޗް ސައިޓް އަލުން ތަރައްގީ ކުރަމުންދާކަމުގެ ރިޕޯޓްތައް މިދިޔަ ހަފުތާގައި ވަނީ އާއްމުވެފަ އެވެ. ސޮހާއޭ ސައިޓް ނައްތާލުމުގެ މަސައްކަތް ނޯތު ކޮރެއާ އިން މިދިޔަ އަހަރު ފެށި ނަމަވެސް އެމެރިކާއާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ނާކާމިޔާބުވުމުން، ސައިޓް ނައްތާލުމުގެ މަސައްކަތް ވަނީ މަޑުޖައްސާލައިފަ އެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެފައި ވަނީ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަސައްކަތް ނޯތު ކޮރެއާ އިން ކުރިއަށް ނުގެންދާ ނަމަ ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން މިދިޔަ މަހު ފަހުކޮޅު ވިއެޓްނާމުގައި ބޭއްވި ސަމިޓް ނާކާމިޔާބުވީ ވެސް ނޯތު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން ހުށަހެޅުމުންނެވެ.