ޓީމު ނަަގަނީ މީޑިއާ އަށް ބަލައިގެންނެއް ނޫން: ގާޑިއޯލާ
ޓީމު ނަަގަނީ މީޑިއާ އަށް ބަލައިގެންނެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ (އޮގަސްޓް 28) - ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިން އުފާކޮށްދިނުމަކީ ވާނެ ކަމެއް ނޫން ކަމަށާއި މެޗުތަކަށް ޓީމު ނަގަނީ މީޑިއާ އަށް ބަލައިގެނެއް ނޫން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވުމަށް ފަހު ސިޓީގެ ބައެއް ކުޅުންތެރިން މެޗުތަކުގައި ބޭނުންނުކުރާތީ ގިނަ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. ކީޕަރު ޖޯ ހާޓާއި ޔާޔާ ޓޫރޭ، އެލަކުއިމް މަންގަލާ އަދި ވިލްފްރިއެޑް ބޮނީ ފަދަ ކުޅުންތެރިންނަށް ޓީމުން ޖާގަ ލިބުން ވަނީ އުނދަގޫވެފަ އެވެ.

ގާޑިއޯލާ ބުނީ ކުޅުންތެރިންނަށް ޓީމުން ޖާގަ ނުލިބުމުން އަލުން މީޑިއާ އަށް އެ ވާހަކަތައް ގެންދިއުމުގެ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށެވެ.

"ކޮންމެ ޓީމެއްގައި ތިބޭ 30 ކުޅުންތެރިން އުފާކޮށްދިނުމަކީ ވާނެކަމެއް ނޫން. އެގާރަ ކުޅުންތެރިން މެޗަކަށް މި ނެގެނީ. ބާކީ ތިބޭ 19 ކުޅުންތެރިންނަށް ވިސްނެނީ އެ ކުޅުންތެރިން ބާކީވެފައިވާ ކަމަށް. ދެން އެ ކުޅުންތެރިން އެ ވާހަކަ ގެންދަނީ މީޑިއާ އަށް. އޭގެ ބަދަލުގައި ފަރިތަކުރުންތަކުގައި ޓީމަށް އެރޭވަރަށް ހިތްވަރުކުރުން މާ ރަނގަޅު. އަހަންނަކީ ކުޅުންތެރިންގެ ކޯޗެއް،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމު މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

ގާޑިއޯލާ ބުނީ ދާދި ފަހުން ބާސެލޯނާ ދޫކޮށް ސިޓީއާ ގުޅުނު ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ މިރޭ ނުކުޅޭނެ ކަމަށެވެ.

"ބްރާވޯ އަދި މެޗެއް ކުޅޭ ވަރަށް ތައްޔާރެއް ނޫން. މި މެޗުގައި ކުޅުވާ ކީޕަރެއް އަދި ނުނިންމަން. ވެސްޓް ހޭމް އަކީ އާދައިގެ ޓީމެއް ނޫންކަން އެނގޭ މިިދިޔަ އަހަރު އެ ޓީމު ނެރެފައިވާ ނަތީޖާތައް ބަލާލުމުން،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ސީޒަނުގައި ސިޓީ އަތުން ވެސްޓް ހޭމް މޮޅުވީ 2-1 އިންނެވެ. މިއީ 2003 ވަނަ އަހަރަށް ފަހު ސިޓީ ދަނޑުގައި ވެސްޓް ހޭމް އަށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ. ވެސްޓް ހޭމްގެ ކޯޗު ސްލަވެން ބިލިޗް ބުނީ މިިދިޔަ އަހަރުގެ ކާމިޔާބީ މި ސީޒަނުގައި ވެސް ތަކުރާރު ކުރެވޭނެ ކަމަށެވެ.

ސިޓީ އާއި ވެސްޓް ހޭމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.