11 މާޗް 2019 - 05:41

ދީޕިކާ ޕަދްކޯން ބަތަލާގެ ރޯލް ކުޅޭ ބައޮގްރަފިކަލް ޑްރާމާ "ޗަޕާކް" ޑައިރެކްޓްކުރަން ތައްޔާރުވަމުން އަންނަ މެގްނާ ގުލްޒާރު، ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގަށް ވެސް ފިލްމެއް ހުށަހަޅައިފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ މިދިޔަ އަހަރު އާލިއާ ބަޓާ އެކު "ރާޒީ" ގެނެސް ދިން މެގްނާ ރަންވީރަށް ހުށަހެޅީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ވަރުގަދަ ބަތަލެއް ކަމަށްވާ ސޭމް ބަހާދޫރުގެ ނަމުން މަޝްހޫރުވި ފީލްޑް މާޝަލް ސޭމް ހޯމްސްޖީ ފްރަމްޖީ ޖަމްޝޭދީ މަނެކްޝޯ އެމްސީގެ ވާހަކަ ކިޔައިދޭ ފިލްމެވެ.
އެޕްރީލް، 3، 1914 ގައި އުފަންވި ސޭމް ބަހާދޫރު މަރުވީ ޖޫން، 27، 2008 ގަ އެވެ. އޭނާއަކީ 1971 ގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ހަނގުރާމައިގައި އިންޑިއާގެ އަސްކަރިއްޔާގެ ޗީފް އާމީ ސްޓާފްގެ މަގާމު ވެސް އަދާކުރި މީހެކެވެ. އިންޑިއާ ސަރުކާރުން ދޭ މަތީ ޝަރަފު ޕަދުމާ ބުޝަން އާއި ޕަދުމާ ވިބުޝަން އެވޯޑް ވެސް ސޭމް ބަހާދޫރަށް ލިބިފައިވެ އެވެ.
އޭނާގެ ވާހަކަ ކިޔައިދޭ ފިލްމު ރަންވީރަށް ހުށަހެޅި ނަމަވެސް، އެ ފިލްމަށް އޭނާ ސޮއިކުރިކަން އަދި ކަށަވަރެއް ނޫނެވެ. މި ފިލްމުގެ މަސައްކަތް މެގްނާ ކުރާނީ ދީޕިކާއާ އެކު ގެނެސްދޭ "ޗަޕާކް" އަށް ފަހު އެވެ.
ރަންވީރު ވަނީ މީގެ ކުރިން ވެސް ތާރީހީ ޝަހުސިއްޔަތުންގެ ރޯލްތަކެއް ކުޅެފަ އެވެ. އެއީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުމާވަތު" ގައި ކުޅުނު އަލައްދީން ހިލްޖީގެ ރޯލާއި 2015 ގައި "ބަޖިރާއޯ މަސްތާނީ" ގައި ކުޅުނު ބަޖިރާއޯގެ ރޯލެވެ.
އޭނާ މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ކްރިކެޓް ފިލްމު "83" އަކީ ވެސް ބައޮގްރަފިކަލް ޑްރާމާއެކެވެ. ކަބީރު ހާން ޑައިރެކްޓް ކުރާ ފިލްމުގައި ރަންވީރު ކުޅޭނީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވްގެ ރޯލެވެ.
މީގެ އިތުރުން ކަރަން ޖޯހަރުގެ "ތަހުތު" އަކީ ވެސް ރަންވީރު ފެނިގެން ދާނެ ފިލްމެކެވެ. މި ވެސް ތާރީހީ ކެރެކްޓާއަކުން އޭނާ ފެންނާނެ ފިލްމެކެވެ.