އަކްޝޭ ކުމާރު އެމެޒޯންގެ ވެބް ސީރީޒަށް ސޮއިކުރީ 90 ކްރޯޑް ރުޕީސްގެ ފީއަކަށް
އަކްޝޭ ކުމާރު އެމެޒޯންގެ ވެބް ސީރީޒަށް ސޮއިކުރީ 90 ކްރޯޑް ރުޕީސްގެ ފީއަކަށް

އަކްޝޭ ކުމާރު ލީޑް ރޯލް ކުޅޭ ގޮތަށް މި މަހުގެ 5 ވަނަ ދުވަހު ލޯންޗް ކުރި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ދި އެންޑް" އަށް އޭނާ ސޮއިކުރީ 90 ކްރޯޑް ރުޕީސްގެ ފީއަކަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަކްޝޭ މިހާތަނަށް ކުޅޭ ފުރަތަމަ ވެބް ސީރީޒަށް އެއްބަސްވީ 90 ކްރޯޑް (13 މިލިއަން ޑޮލަރު) ގެ އަގަކަށް ނަމަވެސް އެކަން އެމެޒޯނުން ކަށަވަރެއް ނުކޮށްދެ އެވެ.

އެކަމަކު ޔަގީންވާ ކަމަކީ އަކްޝޭ އަށް ބޮޑު އަގެއް ހުށަހަޅަން އެއްވެސް ބަޔަކު ފަސްނުޖެހޭނެ ކަމެވެ. އޭނާއަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ކުޅޭ ކޮންމެ ފިލްމެއް ހިޓަކަށް ހަދައި ދޭނެ ކަމުގެ ގެރެންޓީއެއް އޮންނަ އަދި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އެކްޓަރެވެ.

ނޫސްތަކުން ބުނި ގޮތުގައި މި ވަގުތު ވަރަށް ގިނަ ފިލްމުތަކެއް ވެސް އަތުގައި ހުރި އަކްޝޭ އެމެޒޯންގެ ވެބް ސީރީޒަށް އެއްބަސްވި އެއް ސަބަބަކީ ދޮށި ފިރިހެން ދަރިފުޅު އާރާވް ބާޓިއާ އެކަމަށް ހިތްވަރު ދިންލެއް ބޮޑުކަމުންނެވެ. ވާކިން ޓައިޓްލްއަކަށް "ދި އެންޑް" ގެ ނަން ދީފައިވާ ވެބް ސީރީޒްއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އަކްޝޭ ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ މި މަހުގެ 21 ގައި ރިލީޒް ކުރާ "ކޭސަރީ" އިންނެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "މިޝަން މަންގަލް"، "ގުޑް ނިއުސް"، "ހައުސްފުލް 4" އަދި "ސޫރިޔަވަންޝީ" ހިމެނެ އެވެ.