10 މާޗް 2019 - 12:54

އެމްސްޓެޑަމް (މާޗް 10) – ޔޫރަޕުގެ ވަރަށް ގިނަ ކްލަބްތަކަކުން ފާރަލަމުން އަންނަ އަޔަކްސްގެ އުއްމީދީ ޑިފެންޑަރު މެތިއަސް ޑި ލީޓް އަންނަ ސީޒަނުގައި ލިވަޕޫލުން ފެނިދާނެ ކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.
އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ މި ސީޒަނުގައި ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އަންނަ ސީޒަނުގައި އޭނާ ބޮޑު ޓީމަކަށް ބަދަލުވާނެކަން ވަރަށް ޔަގީނެވެ. އޭނާ އަށް ޝައުގުވެރިވާ ކްލަބްތަކަކީ ލިވަޕޫލުގެ އިތުރުން ބާސެލޯނާ، ބަޔާން މިއުނިކް، މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސް އެވެ.
ދާދި ފަހުން ޑި ލީޓް ބުނީ ލިވަޕޫލުން އޭނާ ހޯދަން މަސައްކަތްކުރާކަން އެނގޭ ކަމަށެވެ. ލިވަޕޫލުގެ ޑިފެންޑަރު ވާޖިން ވެން ޑައިކަކީ ޑި ލީޓްއާ އެކު ނެދަލެންޑްސް ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިޔެކެވެ. އޭނާ ބުނީ ވެން ޑައިކުގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވާ ކަމަށާއި ލިވަޕޫލަކީ ވަރުގަދަ ޓީމެއް ކަމަށެވެ.
"އެކަމަކު އަހަރެން މިވަގުތު ފޯކަސްކޮށްގެން މިހުރީ އަޔަކްސް އަށް. ބަލަމާ ފަހުން ވާނެ ގޮތެއް. ލިވަޕޫލުން ބަދަލުވުން އެއީ ވެދާނެ ކަމަށް،" ޑި ލީޓް ބުންޏެވެ.
ނެދަލެންޑްސްގެ ގައުމީ ކޯޗު ރޮނާލްޑް ކޫމަން ވެސް ބޭނުންވަނީ ޑި ލީޓް ލިވަޕޫލަށް ދިއުމަށް ކަމަށް ބެލެވެ އެވެ. ސަބަބަކީ އޭރުން ވެން ޑައިކާ އެއްކޮށް ކްލަބް ލެވެލްގައި ކުޅެވި އޭގެ ފައިދާ ގައުމީ ޓީމަށް ކުރުމެވެ.
ބާސެލޯނާ އިން ވަނީ އަޔަކްސްގެ އުއްމީދީ މިޑްފީލްޑަރު ފްރޭންކީ ޑި ޔޮންގް އަންނަ ސީޒަނުގައި ގެނައުމަށް އަޔަކްސްއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އޭގެ ފައިދާ ނަގައި ޑި ލީޓް ގެންނަން އެ ކްލަބުން ބޭނުންވެ އެވެ.