28 މެއި 2016 - 07:25

ފިލްމް އިންޑަސްޓްރީއަކީ ފިނިފެން މަލުގެ ދާނެއް ނޫނެވެ. ހޮލީވުޑާއި ބޮލީވުޑްގައި ވެސް އަނދިރި ފަރާތް ހަމަ އެހާމެ އަނދިރި އެވެ.

މަޝްހޫރުކަމާއި ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ.
ހާއްސަކޮށް އެކްޓަރުންނަކީ ތަފާތު ތަޖުރިބާތަކާ ކުރިމަތިލާން ޖެހޭ ބައެކެވެ. އެއީ ކުރިން ވެސް މިހާރު ވެސް ކަން ހިނގާ ގޮތެވެ. ތަފާތަކީ އެ ވާހަކަތައް ދައްކަން ގިނަ ބަޔަކު ބޭނުން ނުވުމާއި ވާހަކަ ދައްކައިގެން އިންޑަސްޓްރީގެ އަނދިރި ފަރާތް ހާމަކުރަން ފަސް ޖެހުމެވެ. ގިނަ ފަހަރަށް ފުރުސަތެއް ލިބެނީ ވެސް ބައެއްގެ ތެރޭގައި "އުނގުޅިގެންނެވެ."
މިދިޔަ ހަފުތާގައި ހޮލީވުޑްގެ ޒުވާން އެކްޓަރު އެލިޖާ ވުޑް ބުނި ގޮތުގައި ހޮލީވުޑަކީ "ކުޑަކުދިންނާ ބެހޭ" ތަނެކެވެ. އޭނާ ބުނި ގޮތުގައި އުމުރުން ޅަ ކުދިންނަށް ޖިންސީ ފުރައްސާރަތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
އެކަމަކު އެފަދަ ކަމެއް އަމިއްލަ އަށް ތަޖުރިބާ ކުރަން ޖެހުނު ކަމެއް އެލީޖާ، 35، ނުބުނެ އެވެ.
އޭނާ އެފަދަ ވާހަކަތަކެއް ދައްކާފައި ވަނިކޮށް އެކްޓަރު ކޮރޭ ފެެލްޑްމަން ވަނީ އެއަށް ވުރެ ފާޅުކަން ބޮޑުކޮށް އެ ވާހަކަ ދައްކައިފަ އެވެ.
ކޯރޭ ބުނި ގޮތުގައި ހޮލީވުޑްގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ފަރާތުން ފުރާވަރުގެ ކުދިންނަށް ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހުމަކީ އާންމު ކަމެކެވެ. އޭގައި އަންހެން ކުއްޖެއް ފިރިހެން ކުއްޖެއް ތަފާތެއް ނެތެވެ.
އޭނާއަކީ ވެސް އެކަމުގެ ޝިކާރައެއް ކަމަށް ކޯރޭ ބުންޏެވެ. ހަމަ އެއާ އެކު އޭނާގެ ވަރަށް ގާތް އެހެން އެކްޓަރަކަށް ވެސް އެ ތަޖުރިބާ އުމުރުން 11 އަހަރުގައި ކުރަން ޖެހުނު ކަމަށް ކޯރޭ ބުންޏެވެ.
"ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި އިރު އެތައް ފަހަރެއްގެ މަތިން އެތައް ބައެއްގެ ފަރާތުން އަހަންނަށް ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހުނު،" ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "އެ ހިތްދަތިކަމުން އަރައިގަންނަން ވަރަށް ކެތްތެރިކަމާ އެކު މަސައްކަތް ކުރަން ޖެހުނު. ވަރަށް ބޮޑަށް ފަރުވާ ހޯދަން ޖެހުނު."
ކޯރޭ ބުނީ އެފަދަ ގޯނާތައް ކުރިމަތިވެފައި ހުރީ ކޮން ބައެއްގެ ފަރާތުންކަން ހާމަ ކުރަން ވެސް ތައްޔާރަށް ހުރި ކަމަށެވެ.
"އެކަމަކު އެފަދަ މީހުންގެ ނަންތައް ހާމަކޮށްފި ނަމަ، އެ މީހުންގެ ފަރާތުން ދެން އަހަންނަށް ގާނޫނީ މައްސަލަތަކަކާ ވެސް ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތް،" އޭނާ ބުންޏެވެ.
ކޯރޭ ބުނީ ކުޑަކުދިންނަށް "ލޯ އަޅާ" މީހުންނަށް މި ޒަމާނަކީ އަދި މާ ފަސޭހަކޮށް އެކަން ކުރެވެން އޮތް ޒަމާނެއް ކަމަށެވެ.
"މިހާރު ކުޑަކުދިން ވެސް މި ތިބެނީ ސޯޝަލް ޕްލެޓްފޯމްތަކަށް ހުޅުވިފައި. އެހެންވީމާ ކުދިން އަތުގައި ޖައްސަން މިހާރު މާ ފަސޭހަކޮށް މިއޮތީ،" އޭނާ ބުންޏެވެ.