12 މާޗް 2019 - 06:46

މިދިޔަ އަހަރު މަރުވި އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އެރީތާ ފްރޭންކްލިންގެ ވާހަކަ ކިޔައިދޭ ފިލްމު "ރެސްޕެކްޓް" އަންނަ އަހަރު ގެނެސްދޭން ނިންމައިފި އެވެ.

މި ފިލްމު ޕްރޮޑިއުސްކުރާ އެމްޖޭއެމުން ބުނި ގޮތުގައި "ދަ ވޮއިސް" ފަދަ ޝޯތަކުގައި ޖަޖްކަން ކޮށްފައިވާ ލަވަކިޔުންތެރިޔާ ޖެނިފާ ހަޑްސަން، 37، އެރީތާގެ ރޯލުން ފެނިގެންދާ ފިލްމު ރިލީޒްކުރާނީ އޮގަސްޓް، 14، 2020 ގަ އެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ "ތެލްމާ އެންޑް ލުއީ" އާއި "ނޭޝްވިލް" ލިޔުނު ކެލީ ޚޫރީ އެވެ.
"ރެސްޕެކްޓް" ގައި އެރީތާ ވަރަށް ކުޑައިރުން ފެށިގެން ލަވަކިޔުމުގެ ކެރިއާއެއް ބިނާކޮށް، މިއުޒިކީ ފަންނާނެއްގެ ގޮތުގައި ވިދާލައިގެން ދިޔަ ގޮތް ވަރަށް ފުރިހަމަ އަށް ކިޔައި ދޭނެ އެވެ.
އުމުރުން 76 އަހަރުގައި އޮގަސްޓް، 16، 2018 ގައި މަރުވި އެރީތާގެ ކެރިއަރުގައި ޖުމްލަ 17 ގްރެމީ އެވޯޑް ހާސިލުކޮށްފައިވެ އެވެ. އޭނާގެ ބައޮގްރަފިކަލް ޑްރާމާ އަށް ނަން ދީފައިވާ ވަނީ 1968 ގައި ފުރަތަމަ ގްރެމީ ލިބުނު ލަވަ "ރެސްޕެކްޓް" އާ ގުޅުވައިގެންނެވެ.
ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ކުޅަދާނަ ތިއޭޓާ ޑައިރެކްޓަރު ލިއެޒް ޓޮމީ އެވެ.