އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުގެ ހައްގުގައި ސެރީނާ ތެދުވެއްޖެ
އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުގެ ހައްގުގައި ސެރީނާ ތެދުވެއްޖެ

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 11) - އެމެރިކާގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނެކޭ އެއްވަރަށް މުސާރަ ހޯދަން އެ ގައުމުގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާގެ ފުރިހަމަ ސަޕޯޓް ލިބޭނެ ކަމަށް މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ބުނެފި އެވެ.

އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުގެ ހައްގުގައި ސެރީނާ ތެދުވެއްޖެ
އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުގެ ހައްގުގައި ސެރީނާ ތެދުވެއްޖެ

މި އަހަރުގެ ޖޫން މަހު އަންހެން ވޯލްޑް ކަޕް ދިފާއުކުރަން އަމާޒުހިފާފައިވާ އެމެރިކާގެ އަންހެން ޓީމުގެ 28 ކުޅުންތެރިންވަނީ މިދިޔަ ހުކުރު ދުވަހު މުސާރައިގައި ގެންގުޅޭ ތަފާތުކުރުންތަކާ މެދު ހިތްހަމަނުޖެހިގެން އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަޙަޅައިފަ އެވެ.

އަންހެން ގައުމީ ޓީމަށް އޮތް ސަޕޯޓް ދައްކުވައިދިނުމުގެ ގޮތުން ސެރީނާ ބުނީ މިހާރު ތިބި އަންހެން ކުޅުންތެރިން އަޑު އެ އުފުލަނީ އަންހެން ފުޓްބޯޅައިގެ މުސްތަގުބަލުގެ ހައްގުގައި ކަމަށެވެ. އެކަމަށް ސެރީނާ މިސާލު ނެގީ 1970 ގެ އަހަރުތަކުގައި ޓެނިހުގައި ހަމަހަމަކަން ގެނައުމަށް ބިލީ ޖީންގެ ކިބައިންނެވެ.

"އަހަންނަށް އެނގޭ މުސާރައިގައި ވަރަށް ބޮޑު ތަފާތު ކުރުންތައް އެބަހުރިކަން. އަހަންނަށް އެނގޭ އެއްޗަކީ އަހަރެން ޓެނިސް މި ކުޅެނީ މީގެ އަހަރުތަކެއްގެ ކުރިން އަހަރެމެންނަށް ޓަކައި އެހެން ބަޔަކު ތެދުވީމަކަން. މިއީ ފުޓްބޯޅައިގައި ވެސް ހަަމަހަމަކަން ގެނައުމަށް އަޑުއުފުލަންވީ ވަގުތު،" ޓެނިހުގެ ގްރޭންޑްސް ސްލޭމް މުބާރާތްތަކުގައި ތަފާތު ގިނަ ރެކޯޑްތަކެއް ހަދާފައިވާ ސެރީނާ ބުންޏެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު އޮތް އަންހެން ވޯލްޑް ކަޕް ތަށި އުފުލާލުމަށް ފަހު ޖެހިގެން އައި އަހަރު އެމެރިކާ ޓީމުގެ އެންމެ މަޝްހޫރު ފަސް ކުޅުންތެރިއަކު ވަނީ މުސާރައިގެ ހަމަހަމަކަން ގެންނަން އަޑުއުފުލައި މައްސަލަ ހުށަހަޅައިފަ އެވެ. މިހާރު އޮންނަ ގޮތުން އެމެރިކާގެ އަންހެން ޓީމުގެ ކުޅުންތެރިންނަށް ލިބެނީ ފިރިހެން ޓީމަށް ލިބޭ މުސާރަ އާއި ބޯނަނުގެ 50 ޕަސެންޓެވެ.

އެމެރިކާގެ ގައުމީ ޓީމުގެ ގޯލްކީޕަރު ހޯޕް ސޯލޯ ބުނީ އެމެރިކާގެ އަންހެން ޓީމަކީ އެ ގައުމު ފަހުރުވެރިކޮށްދޭ އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެއް ކަމަށާއި އެ ޓީމަށް ހައްގު މިންވަރަށް ހަމަހަމަކަން އޮންނަން ޖެހޭ ކަމަށެވެ.

"އަހަރެމެންނަކީ ދުނިޔޭގެ އެއް ވަނަ ޓީމު. އަހަރެމެން އަތުގައި ތިން ވޯލްޑް ކަޕް އެބައޮތް. އަދި ހަތަރު އޮލިމްޕިކް ރަން މެޑަލް ވެސް އެބައޮތް. އެކަމަކު އަހަރެމެންނަށް ވުރެން ބޮޑު މުސާރައެއް ލިބޭ ހަމައެކަނި ވޯލްޑް ކަޕްގައި ކުޅެލަން ދާ ފިރިހެން ޓީމަށް. މިއީ އެންމެ ރަނގަޅު ގޮތެއް ނޫން. އުސޫލެއްގެ ތެރެއިން ހަމަހަމަކަން އޮންނަން ޖެހޭނެ،" ސޯލޯ ބުންޏެވެ.

އަންހެން ގައުމީ ޓީމުން ލޮސް އެންޖެލެސް ޑިސްޓްރިކްޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން މިހާތަނަށް އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

އަންނަ ޖޫން މަހު 7 ވަނަ ދުވަހު ފްރާންސްގައި ފަށާ އަންހެން ވޯލްޑް ކަޕްގައި އެމެރިކާ ހިމެނެނީ ތައިލެންޑް އާއި ޗިލީ އަދި ސްވިޑެންއާ އެކު ގްރޫޕު އެފް ގަ އެވެ.