10 މާޗް 2019 - 10:34

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާގެ ގޮނޑި އަށް އޭނާ ހޮވުމަށްޓަކައި، މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންނަށް ތާއީދުކުރާ މީހުންގެ ވޯޓު ލިބޭނީ އޭނާ އަށް ކަމަށް އެ ދާއިރާ އަށް ވާދަކުރައްވާ ހުސައިން އަރީފް ރޭ ވިދާޅުވެއްޖެ އެވެ.

މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވާ ހުސައިން އަރީފްގެ ކެމްޕެއިން ރަސްމީކޮށް އިފުތިތާހު ކުރުމަށް ނޮވެލް ރެސްޓޯރަންޓުގައި ބޭއްވި ހަފުލާގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ދެ ރައީސުން ކަަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އެއީ ކަމަށެވެ. އަދި ވިދާޅުވީ، ނޮޅިވަރަމް ދާއިރާ އަށް މިހާރު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެ ލީޑަރުންނާ އެންމެ ގާތް އަދި އިސްލާހީ މަސައްކަތުގައި އެންމެ އިސް ސަފުގައި ވެސް ހުންނެވީ އޭނާ ކަމަށެވެ.

އެހެންވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ނޭދެވޭ ކަންކަން އިސްލާހުކޮށް، ގައުމު ހަމަ މަގަށް އެޅުވި ބޭފުޅަކަށް ވޯޓު ދޭ ނަމަ ނޮޅިވަރަމް ދާއިރާ އިން އެ ވޯޓު ހައްގު ހަމައެކަނި ބޭފުޅަކީ އެއީ ކަމަށް ހުސައިން އަރީފް ވިދާޅުވި އެވެ.
މި ފަހަރުގެ އާންމު އިންތިޚާބުގައި އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ހުސައިން އަރީފް ވިދާޅުވި ގޮތުގައި، އޭނާގެ ނަން މި ފަހަރުގެ ވޯޓު ކަރުދާހުގައި އޮތުމަކީ ވެސް ދާއިރާގެ މީހުންގެ ތާއީދު އޮތްކަން އަންގައިދޭ ކަމެކެވެ. އަދި 2014 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކާމިޔާބީ އަށް ފަހު ކުރިމަތިވީ ސިޔާސީ ގޮތުން ގައުމު ހަމަޖެހިފައި އޮތް ދުވަސްވަރެއް ނޫންކަން ވެސް އަރީފް ފާހަގަ ކުރެއްވި އެވެ.
ހުސައިން އަރީފް ވަނީ ނޮޅިވަރަމް ދާއިރާ އަށް ކުރިއަށް އޮތް ފަސް އަހަރަށް ކޮށްދެއްވާނެ ބައެއް ކަންކަން ވެސް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ދާއިރާގައި ތިބެގެން މަތީ ތައުލީމު ހާސިލްކުރުމުގެ ދަތިކަމާއި މަދަރުސާތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުން ހިމެނެ އެވެ. އަދި ވިޔަފާރީގެ ގޮތުންނާއި ސިއްހީ ދާއިރާގެ ފެންވަރު ވެސް އެ ދާއިރާ އަށް ރަނގަޅު ކޮށްދިނުމަކީ އޭނާ ވަކާލާތު ކުރައްވާ ކަމެކެވެ.