ސިޓީގައި މަޑުކުރާނެކަމުގެ ޔަގީންކަން ގާޑިއޯލާ ދީފި
ސިޓީގައި މަޑުކުރާނެކަމުގެ ޔަގީންކަން ގާޑިއޯލާ ދީފި

މެންޗެސްޓާ (މާޗް 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކުރިއިރު، މި ސީޒަނަށް ފަހު ވެސް ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ކޯޗު ޕެޕް ގާޑިއޯލާ ދީފި އެވެ.

ރޭގެ މޮޅާ އެކު ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 30 މެޗުން 74 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 29 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. ލިވަޕޫލް މިއަދު ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ބާންލީއާ ދެކޮޅަށެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމް ރޭ ވަނީ 2-1 އިން ސައުތެމްޓަން އަތުން ބަލިވެފަ އެވެ. ޓޮޓެންހަމް ތިން ވަނައިގައި އޮތީ 30 މެޗުން 61 ޕޮއިންޓާ އެކު އެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ސިޓީން ހިލާފުވެފައިވާތީ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މައްސަލަތައް ޔޫރަޕުގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިންނާއި އިނގިރޭސި އެފްއޭ އިން އަންނަނީ ސިޓީގެ މައްސަލަ ބަލަމުންނެވެ. މި ކަމުގެ ސަބަބުން ސިޓީ އަށް އަދަބެއް އައުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ގާޑިއޯލާ ސިޓީ ދޫކޮށް ޔުވެންޓަސް އަށް ދާން އުޅޭ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

"އަހަންނާއި މި ކްލަބާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި އިތުރު ދެ އަހަރު އެބައޮތް. މި ކްލަބުން އަހަރެން ވަކިކުރަންދެން ހުންނާނަން. ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް މާ ގިނަ ފުރުސަތުތަކެއް ތަނަވަސްނުކުރެވުނެވެ. މި ހާފުގައި އެ ޓީމަށް ލަނޑެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ސާޖިއޯ އަގުއޭރޯ އަށެވެ. ގޯލު ކުރިމަތިން އޭނާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ރޭގެ މެޗުގައި ސިޓީގެ ތިން ގޯލު ޖެހީ ރަހީމް ސްޓާލިން އެވެ. ދެ ވަނަ ހާފްގައި އޭނާ ހެދި މި ހެޓްރިކަކީ 2015 ވަނަ އަހަރަށް ފަހު އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ. މި މެޗުގައި މައްސަލަ ބޮޑުވީ ސްޓާލިން ޖެހި ފުރަތަމަ ގޯލެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ ވަނަ މިނިޓްގައި ސްޓާލިން ޖެހި ލަނޑު އޮފްސައިޑް ކަމަށް ފުރަތަމަ ލައިންސްމަން ދިދަ ނެގި ނަމަވެސް ފަހުން ރެފްރީއާ މަޝްވަރާކޮށް އެ ލަނޑު ގަބޫލުކުރަން ނިންމީ އެވެ. އެކަމާ ވަޓްފޯޑް ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. ސްޓާލިން އަނެއް ދެ ލަނޑު ޖެހީ 50 ވަނަ މިނެޓާއި 59 ވަނަ މިނިޓުގަ އެވެ.

މި މެޗުގައި ވަޓްފޯޑްގެ ހަމައެކަނި ގޯލު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޖެރާޑް ޑެލޮފޭއު އެވެ. އަންނަ ހަފްތާގައި އެފްއޭ ކަޕް މެޗެއް އޮތުމުން ރޭ ވަޓްފޯޑުން ނުކުތީ އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ބައެއް ކުޅުންތެރިން ނުލަ އެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޝަނުގައި ހުއްޓައި ޓޮޓެންހަމުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް ލީޑުނަގައިދިނީ ހެރީ ކޭން އެވެ. މިއީ ކެރިއަރުގައި ކޭން ޖެހި 200 ވަނަ ގޯލެވެ. ސައުތެމްޓަން އިން ނަތީޖާ އަނބުރާލީ މެޗުގެ ފަހު 15 މިނިޓް ތެރޭގަ އެވެ. ސައުތެމްޓަނަށް އެއްވަރުކޮށްދިނީ މެޗުގެ 76 ވަނަ މިނިޓްގައި ފްރާންސްގެ ފުލްބެކް ޔެން ވަލޭރީ އެވެ. އެ ޓީމު މޮޅުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ޖޭމްސް ވޯޑް-ޕްރައުސް އެވެ.