އަނެއްކާވެސް އަނިލް ކަޕޫރްގެ ޒުވާންކަމުގެ ވާހަކަ
އަނެއްކާވެސް އަނިލް ކަޕޫރްގެ ޒުވާންކަމުގެ ވާހަކަ

ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރު ކުރުކޮށް ސިފަކުރާ ނަމަ ގިނަ ބަޔަކު ބުނާނީ މިހެންނެވެ؛ މުސްކުޅިވުމެއް ނެތް، ތާއަބަދަށް ޒުވާނެކެވެ. މި ވާހަކަ މި ދުވަސްކޮޅު ޓްވިޓާގައި ފޭނުން އަންނަނީ ވަރަށް ފޯރީގައި ދައްކަމުންނެވެ.

އުމުރުން 62 އަހަރުވި އިރު، ބޮޑެތިވެފައިވާ ތިން ދަރިން ވެސް ތިބި، އަނިލް މިހާރު ވެސް ފެންނަނީ އޭނާގެ ދަރިންހާ ޒުވާންކޮށެވެ. ކައިވެނި ވެސް ކޮށްފައިވާ ދޮށީ ދަރިފުޅު ސޯނަމް ކަޕޫރަށް މިހާރު 33 އަހަރެވެ.

ދެވަނަ ދަރިފުޅު ރިއާ ކަޕޫރަށް 32 އަހަރެވެ. ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރަށް 28 އަހަރެވެ.

ދަރިންގެ އުމުރާއި އަނިލް އަދިވެސް ހުރި ސިފަ އަށް ބަލާ އިރު، އެ އުމުރުގެ ދަރިންތަކެއް އޭނާގެ ތިބި ކަމަށް ބައެއް މީހުންނަށް ގަބޫލު ކުރަން ވެސް ދަތި ވެދާނެ އެވެ. އެކަމަކު ހަގީގަތަކީ އަނިލްއަކީ ހަމަ ހަގީގަތުގައި ވެސް މުސްކުޅިވުމެއް ނެތް މީހެއް ކަމެވެ.

އޭނާ ދާދި ފަހުން ސޮއިކުރި މޯހިތު ސޫރީގެ އައި ފިލްމު "މަލަންގް" ގެ ޒުވާން ކާސްޓާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރި އިރު އަނިލްގެ ޒުވާންކަން ކުރިއަށް ވުރެ މާ ބޮޑަށް ވެސް ހުރީ ފެންނާށެވެ.

އޭނާއާ އެކު އެ ފޮޓޯ އިން ފެންނަނީ 33 އަހަރުގެ އަދިތިޔާ ރޯއި ކަޕޫރާއި 35 އަހަރުގެ ކުނާލް ކޭމޫ އާއި 26 އަހަރުގެ ބަތަލާ ޑިޝާ ޕަޓްނީ އާއި މޯހިތު ސޫރީ، 37، އެވެ.

ފޮޓޯ އިން ފެންނަ ގޮތުގައި އެ ހުރިހާ އެންމެންގެ ޒުވާންކަމާއި ތާޒާކަމަށް ވުރެ އަނިލްގެ ޗާލުކަން ބޮޑެވެ. އަދި އޭނާގެ ހެއާ ސްޓައިލް ހުރި ގޮތާއި ހެދުން އަޅާފައި ހުރި ގޮތުން ވެސް ހީވަނީ ހަމަ ވިއްސަކަށް އަހަރުގެ ޅަދޮޅު ޒުވާނެއްހެންނެވެ. މި ވާހަކަ ޓްވިޓާގައި އެތައް ބަޔަކު ފާހަގަކޮށް، އެ މީހުންގެ ޝުއޫރުތައް ބަންޑުންކޮށްލާފައިވެ އެވެ.

އެއް ބަޔަކު އަނިލްގެ ޒުވާންކަން ސިފަކޮށްފައި ވަނީ އުމުރުން ދުވަސްވާ ވަރަކަށް ޒުވާންވާ މީހެއްގެ ރޯލް ބްރެޑް ޕިޓް ކުޅުނު 2009 ގެ ފިލްމު "ކިއުރިއަސް ކޭސް އޮފް ބެންޖަމިން ބަޓަން" ގެ ވާހަކައިންނެވެ.

ޓްވިޓާގައި ފޭނަކު ބުނި ގޮތުގައި އަހަރެމެން މިހާރު 2019 ގައި ތިބި އިރު، އަނިލް އަދިވެސް ހުރީ 90ގެ އަހަރުތަކުގެ ތެރޭގަ އެވެ. އަދި ބައެއް މީހުން ވަނީ އަނިލް ކަނީ ކޯޗެއްތޯ އާއި އެ ޒުވާންކަމުގެ ކޮބައިތޯ ވެސް ސުވާލުކޮށްފަ އެވެ.

އެހެން މީހަކު ބުނީ އަނިލް ލީޑް ރޯލް ކުޅުނު ފުރަތަމަ ފިލްމު 1983 ގެ "ވޯ ސާތު ދިން" ގައި އޭނާ ފެންނަ ވަރަށް ވުރެ މިހާރު މާ ޒުވާން ކަމަށެވެ. އަދި ދަރިފުޅު ސޯނަމްގެ ދަރިއެއްގެ ރޯލް ކުޅެން ވެސް އަނިލް ފައްކާވާނެ ކަމަށް ވެސް އެހެންް މީހެއްގެ ޓްވީޓެއްގައި ބުންޏެވެ.