28 އޯގަސްޓް 2016 - 13:12

ތެލުގެ ވަގު ވިޔަފާރީގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަަޑައިގެންނެވި ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ނޫސް، ނިއު ޔޯކް ޓައިމްސް އިން އިއްޔެ ކުރި ތުހުމަތުތައް ސަރުކާރުން ދޮގުކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންޑަނުގައި ހުންނަވައިގެން ދެއްވި އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް ނިއު ޔޯކް ޓައިމްސްގައި ލިޔެފައި ވަނީ ރައީސް ޔާމީން އެސްޓީއޯ ހިންގެވިއިރު ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ)ގެ ތެލުގެ ވަގު ވިޔަފާރި މިޔަންމާގެ އަސްކަރީ ވެރިންނާ އެކު ކުރެއްވި ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެކަން އެމްޑީޕީ ސަރުކާރަށް ފަޅާއެރީ "އޮޅުމަކުން"ނެވެ. އެއީ އެމްޑީޕީ ސަރުކާރުގެ ކުރީކޮޅު ރާއްޖޭގައި ކާބަން ބޭނުންކުރާ މިންވަރު މަދުކުރަން ކުރި މަސައްކަތުގެ ތެރެއިން ހެދި އޮޑިޓަކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން މިހާރު ގެންދަވަނީ ދައުލަތުގެ ބިންތައް ވިއްކަވައިގެން ރައީސް ޔާމީނާއި އެ މަނިކުފާނުގެ ގާތް ބޭފުޅުން ބޮޑެތި ފައިދާތައް ނަންގަވަމުން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން އިބްރާހިމް ހުސެން ޝިހާބު، ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވީ، ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އެސްޓީއޯ އިން މިޔަންމާއާ އެކު ތެލުގެ ވަގު މުއާމަލާތްކުރިކަމުގެ ތުހުމަތުތަކަކީ ދޮގެއް ކަމަށެވެ.
ބިން ވިއްކުން ފަދަ ކަމަކުން ވެސް ރައީސް ޔާމީނާއި އެ މަނިކުފާނުގެ ގާތް ބޭފުޅުންނަށް އެއްވެސް އަމިއްލަ ފައިދާއެއް ލިބިވަޑައިގެންފައި ނުވާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
"އެފަދަ ހުރިހާ ކަމެއް ވެސް ކުރަނީ ދެ ފުށް ފެންނަ އުސޫލުތަކުގެ ދަށުން،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ އެންމެ ބޮޑު އެއް ނޫހަށް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ އިން ކާބަން ބޭނުންކުރާ މިންވަރާ ބެހޭ ގޮތުން ހެދި އޮޑިޓުން އެނގުނީ "ރާއްޖެ އަށް ތެޔޮ އެތެރެކުރާ މިންވަރަށް ވުރެ ރާއްޖޭން ތެޔޮ ބޭރުކުރާ މިންވަރު އިތުރުކަމެ"ވެ.
ތެލުގެ ވަގު ވިޔަފާރިން ލިބުނު ފައިސާގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި ވަނީ، ނަޝީދު ވިދާޅުވި ގޮތުގައި، ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ގެއްލުނު ފައިސާގެ ތެރެއިން 137 މިލިއަން ޑޮލަރު (2 ބިލިއަން ރުފިޔާ) ހޯދަން ކުރި މަސައްކަތުގެ ނަތީޖާއަކަށް ވީ، ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، އެ މަނިކުފާނު ޖަލަށް ލުމެވެ.
ތެލުގެ ވަގު ވިޔަފާރީގެ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓުކުރީ 2009 ގައި އިންޑިއާގެ ދަ ވީކް ނޫހުންނެވެ. އެ ނޫހުން އޭރު ބުނި ގޮތުގައި 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ ތެލުގެ ވަގު ވިޔަފާރި އެސްޓީއޯގެ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް ހިންގި އެވެ.
އެމްޑީޕީގެ ވެރިކަމުގައި މުލަކު ދާއިރާގެ މެމްބަރަކަށް ހުންނެވި އިރު ރައީސް ޔާމީން ވަނީ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި އެ ތުހުމަތުތައް ދޮގުކުރައްވައި، ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.
ތެލުގެ އެ ވިޔަފާރި ނަޝީދުގެ ވެރިކަމުގައި ރިޔާސީ ކޮމިޝަނަކުން ތަހުގީގު ވެސް ކުރި އެވެ. އަދި ބައިނަލްއަގުވާމީ އެކައުންޓިން ފާމް، ގްރާންޓް ތޯންޓަން މެދުވެރިކޮށް އޮޑިޓެއް ވެސް ހެދި އެވެ. އެކަމަކު ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު އެ މައްސަލަ ބެލުން ވަނީ ހުއްޓިފަ އެވެ.
ރައީސް ޔާމީނާ މެދު ކޮރަޕްޝަންގެ ތުހުމަތުކޮށް ނިއު ޔޯކް ޓައިމްސްގައި އަލުން ރިޕޯޓެއް މި ޖެހީ ބޭރުގެ މީޑިއާތަކުގައި ސަރުކާރަށް ގެއްލުންވާ ކަހަލަ ލިއުންތައް ޝާއިއުކުރުން އިތުުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދިވެހި ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން މިދިޔަ ބުރާސްފަތި ދުވަހު ބުންޏެވެ. އަދި ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާއިން ވަނީ ތަހުގީގީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. މި ރިޕޯޓު މި މަހުގެ 30 ގައި އިނގިރޭސިވިލާތުގައި ޕްރިމިއާ ކުރަން ވަނީ ހަމަޖައްސާފަ އެވެ.