ވެރިކަން ވައްޓާލަން މަސައްކަތް ކުރާނެ ކަމުގެ ނުސީދާ އިންޒާރެއް
ވެރިކަން ވައްޓާލަން މަސައްކަތް ކުރާނެ ކަމުގެ ނުސީދާ އިންޒާރެއް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓައިލަން މަސައްކަތް ކުރާނެ ކަމުގެ ނުސީދާ އިންޒާރެއް އިދިކޮޅުން ދީފި އެވެ.

ޕީޕީއެމާއި ޕީއެންސީން ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމުން ގެއްލުން ވާނެ ކަމަށާއި ތާރީހަކީ އަނބުރާ އިއާދަވާ އެއްޗެއް ކަމަށެވެ. އޭނާ ދެން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުން ވީ ގޮތް ސަރުކާރުން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން ހިނގި މުޒާހަރާތައް ފެށީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމުންނެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަބްދުﷲ ގާޒީ ދޫކޮށްލަން އިދިކޮޅުން ގޮވައިލަމުން ދިޔަ ގޮވައިލުމުގައި ފުލުހުން ބައިވެރިވެ، އެއާ ގުޅިގެން ހިނގި ހަމަނުޖެހުންތަކަކަށް ފަހުގަ އެވެ.

"ތިޔަ ބޭފުޅުން ރައީސް ޔާމީނު ދެކެ ބިރުން ރައީސް ޔާމީނު ހައްޔަރުކޮށްގެން އުޅުނީމާ ތިޔަ ބޭފުޅުންނަށޭ އޭގެ ގެއްލުން އާޚިރުގައި ވާނީ. ހަމަ ދަންނަވައިލަން ބޭނުން އަބްދުﷲ ގާޒީ ހައްޔަރުކުރީމާ ތިޔަ ބޭފުޅުންނަށް ދިމާވި ކަންތައްތައް މިއަދު ތިޔަ ބޭފުޅުންގެ ހިތްޕުޅު މައްޗަށް ގެންނަވަން އެބަ ޖެހެޔޭ. ތާރީހަކީ އަނބުރާ އިއާދަވާ އެއްޗެއް،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރުމާއި ރައީސް ޔާމީން ހައްޔަރު ކުރުމާ އެއްފަދަ ކަމަށް ދޭހަވާ މޭރުމަކުން އަދުރޭ ވާހަކަ ދެއްކެވި އިރު ނަޝީދުގެ ސަރުކާރުން އަބްދުﷲ ގާޒީ ހައްޔަރު ކުރީ ކޯޓު އަމުރެއް ނެތި އެވެ. އޭނާ ދޫކޮށްލަން އޭރު ސުޕްރީމް ކޯޓުން ވެސް ތަކުރާރުކޮށް ސަރުކާރަށް އެންގި އެވެ. ނަމަވެސް ރައީސް ޔާމީން މިހާރު ހައްޔަރުކޮށްފައި ހުރީ ކްރިމިނަލް ކޯޓުގެ އަމުރަކުންނެވެ. އެމަނިކުފާނު ހައްޔަރުކުރީ އެމަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ތުހުމަތުގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ.

ރައީސް ޔާމީނު ހައްޔަރުކޮށްފައި ހުރުމުން ޕީޕީއެމާއި ޕީއެންސީއަށް ވާ ގެއްލުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަދުރޭ މިއަދު ވިދާޅުވީ އެ ދެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް އެކަމުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނުގެ އެކައުންޓްތައް ފްރީޒް ކޮށްފައި ހުރުމުން ކެމްޕޭނަށް ހަރަދު ކުރުމުގައި މާލީ ދަތިތައް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކޮށްފައި އެހެރީ. އެނގިވަޑައިގަންނަވާނެ ކެމްޕޭނަކީ ފައިސާޔާ އެކީގައި ކުރެވޭ ކަމެއް. އެހުރިހާ ގޮތަކުން ދަތިކުރުމުގެ ފިޔަވަޅު މިއޮތީ އިންތިހާއަށް އަޅާފައި،" އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީނު ބަންދުން ދޫކޮށްލެވޭތޯ މަސައްކަތް ކުރާތީ ކެންޑިޑޭޓުންނަށް ދާއިރާތަކަށް ގޮސް ކެމްޕޭން ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުރެވުނު ވަރަކަށް ކެމްޕޭން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް، އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.