10 މާޗް 2019 - 07:37

މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަލަންކް" ކުރިން ރިލީޒް ކުރަން އޮތް ތާރީހަށް ވުރެ ދެ ދުވަސް ކުރިން ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، އަބީޝެކް ވަރުމަން ޑައިރެކްޓްކޮށްފައިވާ މި ޕީރިއަޑް ޑްރާމާ ކުރިން އަންނަ މަހުގެ 19 ގައި ރިލީޒްކުރަން ނިންމި ނަމަވެސް، ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 17 އަށެވެ.
"ކަލަންކް" އަކީ 1940 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް، އަބީޝެކް ލިޔެ، ޑައިރެކްޓްކޮށް 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ޕްރޮމޯޝަން މިހާރު ފަށާފައިވާ އިރު، މައިގަނޑު ކާސްޓުންނަށް ފިލްމުގައި ކިޔާ ނަންތަކާ އެކު، ވަކިވަކި ޕޯސްޓަރުތަކެއް ވެސް ވަނި އާންމުކޮށްފަ އެވެ.
"ކަލަންކް" އަކީ ނުވަދިހައިގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދާލި އެއް ޖޯޑު އަދި ލޯބީގެ ގުޅުމެއް ވެސް ކުރިން ބޭއްވި މަޝްހޫރު ދެ ތަރިން ކަމަށްވާ މަދޫރީ ޑިކްސިޓާއި ސަންޖޭ ދަތު ވެސް އެކީގައި ވަރަށް ގިނަ އަހަރުތަކަކަށް ފަހު ސްކްރީނުން ފެނިގެން ދާނެ ފިލްމެކެވެ. ފިލްމުގައި މަދޫރީ ކުޅެފައިވާ ކެރެކްޓާގެ ނަމަކީ ބަހާރް ބޭގަމް އެވެ. "ކަލަންކް" ގެ އެ ރޯލް ކުރިން ކުޅެން އޮތީ ސްރީދޭވީ އެވެ.
ނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ މަރުވުމުން މަދޫރީ އަށް ފިލްމުން ފުރުސަތު ލިބުނީ އެވެ.
ސަންޖޭ "ކަލަންކް" އިން ފެނިގެން ދާނީ ބަލްރާޖް ޗައުދަރީގެ ރޯލުންނެވެ. ވަރުން ދަވަންއަކީ ޒަފަރެވެ. އާލިއާ ބަޓްގެ ކެރެކްޓާއަކީ ރޫޕް އެވެ. ސޮނާކްޝީއަކީ ސަތިއާ އެވެ. އަދި އަދިތިޔާ ރޯއި ކަޕޫރާކީ ދޭވް ޗައުދަރީ އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ކްރިތީ ސެނަން، ކުނާލް ކޭމޫ، ކިއާރާ އަދުވާނީ އަދި ޓީވީ އެކްޓަރު ހިތޭން ތޭޖްވާނީ ހިމެނެ އެވެ.
ކަރަން ބުނީ "ކަލަންކް" ގެ ޓީޒާ ޓްރެއިލާ އަންނަ އަންގާރަ ދުވަހު ދައްކައިލާނެ ކަމަށެވެ. މި ފިލްމަކީ އޭނާގެ ސްޓޫޑިއޯ ދަރްމާ ޕްރޮޑަކްޝަނން ގެނެސްދޭ ފުރަތަމަ ޕީރިއަޑް ޑްރާމާ އެވެ.
"ކަލަންކް" އަކީ 2014 ގައި ރިލީޒް ކުރި "2 ސްޓޭޓް" ގެނެސް ދިން އަބީޝެކްގެ ދެވަނަ ޑައިރެކްޝަނެވެ.