"އަދުރޭ ކަހަލަ ޒުވާނުންނާ" އެކު ޕާޓީ ކުރިއަށް ގެންދަން އެދި ޒާހިދު ޕީޕީއެމުން ވަކިވެއްޖެ
"އަދުރޭ ކަހަލަ ޒުވާނުންނާ" އެކު ޕާޓީ ކުރިއަށް ގެންދަން އެދި ޒާހިދު ޕީޕީއެމުން ވަކިވެއްޖެ

ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ފަދަ "ޒުވާނުންނާ" އެކު ޕާޓީ ކުރިއަށް ގެންދަން ގޮވާލައްވަމުން، ޒާހިދު ރަމީޒް އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

"އަދުރޭ ކަހަލަ ޒުވާނުންނާ" އެކު ޕާޓީ ކުރިއަށް ގެންދަން އެދި ޒާހިދު ޕީޕީއެމުން ވަކިވެއްޖެ
"އަދުރޭ ކަހަލަ ޒުވާނުންނާ" އެކު ޕާޓީ ކުރިއަށް ގެންދަން އެދި ޒާހިދު ޕީޕީއެމުން ވަކިވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުގައި މިވަގުތު މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީއެއްގައި، ކުރިން ނިއު ޕޯޓް ރެސްޓޯރެންޓް ހިންގެވި ޒާހިދު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އޭނާ ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވަން ނިންމެވީ ޔާމީންގެ ފުރިހަމަ އެއްބާރުލުމާ އެކު ކަމަށެވެ. އެކަމަކު އެމަނިކުފާނު ޖަލަށް ގެންދިޔަ ދަނޑިވަޅު ބަލާފައި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާއި އޭނާއަށް ސަޕޯޓްކުރާ މަދު ބަޔަކު ވެގެން ޕީޕީއެމާއި ޕީއެންސީގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.

ޒާހިދު ރުޅިއައީ، ހިތަދޫ މެދު ދާއިރާއަށް އޭނާ ކެމްޕޭންކުރައްވަނިކޮށް، އެ ދާއިރާއަށް ޖުމްހޫރީ ޕާޓީން ވާދަކުރާ ކެންޑިޑޭޓަށް ޕީޕީއެމާއި ޕީއެންސީން ތާއިދުކުރަން ނިންމުމުންނެވެ. އިއްޔެ އެ ދެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވަނީ ޖޭޕީގެ 27 ކެންޑިޑޭޓަކަށް ޕީޕީއެމް/ޕީއެންސީން ތާއީދު ކުރަން ނިންމިކަން އިއުލާން ކުރައްވައިފަ އެވެ.

ޒާހިދު ތުހުމަތުކުރެއްވި ގޮތުގައި އަބްދުއްރަހީމްމެން ވަނީ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން، އެއީ އެމަނިކުފާނުގެ ނިންމެވުން ކަމަށް ވިދާޅުވެ އެކި ގޮތްގޮތުން ޕާޓީ ގަޑުބަޑުކޮށް، ޕާޓީ ހައިޖެކްކުރައްވައިފަ އެވެ. އަދި އޭނާގެ ބަދަލުގައި ޖޭޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމުން ސިފަކުރެއްވީ "މަހުޖަނެއްގެ ޕާޓީއަށް އެ ދާއިރާގެ ތާއީދު ވިއްކާލައި، އެންމެ މަތީ އަގު ދިން ބަޔަކަށް އޭނާގެ ހައްގުތައް ނީލަން ކިޔުމު"ގެ ގޮތުގަ އެވެ.

ޒާހިދު ވިދާޅުވީ ޕާޓީގެ ޒަމާންވީ ހިދުމަތްތެރިން މަގުމަތިކޮށް، މަދު ބައެއްގެ ޖީބުތަކަށް ބަރުވާނެހެން އިންތިޚާބުގެ ކަންކަން ހަމަޖެއްސުމަކީ ރިޔާސީ އިންތިޚާބުން ވެސް ޕީޕީއެމް ބަލިވި އެއް ސަބަބު ކަމަށެވެ.

"ޕާޓީ ހައިޖެކްކޮށް، އެ މީހުންނަށް މަންފާ ވާނެ ގޮތަކަށް ޓިކެޓްތައް ބަހާލައި، މަހުޖަނަކަށް ވިކި ހުސްވާ މަންޒަރު ބަލަން، ރައީސް ޔާމީން ނުހުންނެވުމަކީ ފަހަރެއްގައި ހެޔޮ ފާލެކެވެ،" ޕީޕީއެމުން ވަކިވެ، އެ ޕާޓީގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްދެއްވުން އެދި ފޮނުއްވި ސިޓީގައި ޒާހިދު ވިދާޅުވި އެވެ.

އިދިކޮޅު ދެ ޕާޓީން ތާއީދުކުރި ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންގެ ތެރޭގައި މަޖިލިހުގެ ރައީސް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާ އަށް ވާދަކުރައްވާ، ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި ކުރީގެ ޔޫތު މިނިސްޓަރު އަދި ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިރުތިޝާމް އާދަމާއި ވިލިމާލެ ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މަޖިލިހުގައި މިހާރު ޖުމްހޫރީ ޕާޓީ ތަމްސީލްކުރައްވާ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ޒާހިދަކީ ޔާމީންގެ ދިފާއުގަ އާއި ޕީޕީއެމާ އިދިކޮޅު މީހުންނަށް ވަރަށް ހުތުރުކޮށް ފާޑުކިއުއްވި، ޕީޕީއެމްގެ ކައުންސިލް މެމްބަރެކެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކަށް ބޮޑެތި އިންޒާރުތައް ވެސް، ޔާމީންގެ ވެރިކަމުގައި ދެއްވާފައިވެ އެވެ.