09 މާޗް 2019 - 15:04

މިދިޔަ އަހަރުތަކުގައި މާޒިޔާ އަށް ކުޅުނު އަހުމަދު އިމާޒް (އާއްކޮ) މި ފަަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ އަށް ސޮއިކޮށްފި އެވެ.

އުމުރުން 26 އަހަރުގެ އާއްކޮ މީގެ ކުރިން ވަނީ މާޒިޔާގެ އިތުރުން އީގަލްސް އަށް ވެސް ކުޅެފަ އެވެ. ދަ ގްރާންޑޭ އަކީ އާއްކޮ ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ތިން ވަނަ ޓީމެވެ.
ކްލަބް އީގަލްސްގައި 2011 ވަނަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕުން ފާހަގަވި އާއްކޮ އަށް އެ ފަހަރު ސީނިއާ ޓީމުން ވެސް ވަނީ ފުރުސަތު ދީފަ އެވެ. އެ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ޓީމުތަކުން އޭނާ ހޯދަން އޭރު ޝައުގުވެރިވި އެވެ.
އާއްކޮ އެންމެ ފުރަތަމަ 2014 ވަނަ އަހަރު މާޒިޔާ އަށް ކުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު 2015 ވަނަ އަހަރު އެއްބަސްވުން ދާއިމީކުރި އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފަހަކަށް އައިސް އަނިޔާގެ ސަބަބުން އާއްކޮ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވި ނަމަވެސް ބައެއް މެޗުތަކުގައި ކުޅެން އަރައި އޭނާ ވަނީ މުހިއްމު ލަނޑުތަކެއް ޖަހައިފަ އެވެެ.
ފަޅިންނާއި އެންމެ ކުރިއަށް ވެސް ކުޅޭ އާއްކޮ ވަނީ ގައުމީ ލެވެލްގައި ވެސް ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ އަކީ 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އަދި މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް އާއްކޮ ކުޅުނެވެ.
އާއްކޮގެ އިތުރުން މިދިޔަ އަހަރު މާޒިޔާ އަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ހަސަން (އައްމަޑޭ) އާއި ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭ އަށް ބަދަލުވެފަ އެވެ. އަދި ޓީސީ ސްޕޯޓްސް ކްލަބާއި ޒުވާން ގައުމީ ޓީމަށް ކުޅެފައިވާ ޒުވާން ޑިފެންޑަރު މުރުތަލާ އަދުނާން (މުރު) ވެސް ވަނީ ދަ ގްރާންޑޭ އަށް ސޮއިކޮށްފަ އެވެ.
ދަ ގްރާންޑޭ އަށް އިރުޝާދުދޭނީ މިދިޔަ އަހަރު މާޒިޔާ އަށް ކޯޗުކޮށްދިން އަދި ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރި އިސްމާއިލް މަހަފޫޒް (އިންމަ) އެވެ.