މަރުވެފައި އޮތް މީހަކު ގެސްޓްހައުސްއަކުން ފެނިއްޖެ
މަރުވެފައި އޮތް މީހަކު ގެސްޓްހައުސްއަކުން ފެނިއްޖެ

މަރުވެފައި އޮތް ޒުވާނަކު މާލޭގެ ގެސްޓްހައުސްއެއްގެ ތެރެއިން މިއަދު ހެނދުނު ފެނިއްޖެ އެވެ.

ފުލުސް އޮފީހުން ބުނީ މަރުވެފައި އޮތް 34 އަހަރުގެ ފިރިހެނަކު ފެނިފައިވާ ކަމަށާއި ނަމަވެސް ތަހުގީގު މި ވަގުތު ކުރިއަށް ދާތީ އެ މައްސަލައިގެ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.

"މަރުވެފައި އޮއްވާ ފެނުނީ. އޭނާ އަމިއްލައަށް މަރުވީ ކަމެއް ނުވަތަ އެހެން ގޮތަކުން މަރުވީ ކަމެއް އަޅުގަނޑުމެންނަށް އަދި ބުނާކަށް ނޭނގޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހު މާލޭގެ ގެއެއްގައި މަރުވެފައި އޮތް ޒުވާނަކު ފެނިފައިވެ އެވެ. އަދި އުމުރުން 27 އަހަރުގެ އަންހެނަކު ހުޅުމާލޭގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ވެސް ފެނުނެވެ.

މިއިން އެއްވެސް މަރަކާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ފަހުން ހާމަކޮށްފައެއް ނުވެ އެވެ.