10 މާޗް 2019 - 07:38

ސޯނަމް ކަޕޫރާއި އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ދަލްގޫރް ސަލްމާން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ޒޯޔާ ފެކްޓާ" އަންނަ ޖޫން މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން ނިންމަން ނިންމައިފި އެވެ.
ލިޔުންތެރިޔާ އަނޫޖާ ޗޯހަންގެ އަލަތު ވާހަކައިގެ ގޮތުގައި 2008 ގައި ނެރުނު "ޒޯޔާ ފެކްޓާ" އަކީ އެޑްޓަވައިޒިން އެޖެންސީއެއްގައި މަސައްކަތް ކުރާ ޒޯޔާ ޒުވާން އަންހެނަކާއ އިންޑިއާގެ ކްރިކެޓް ޓީމެއްގެ ނަސީބާ ގުޅިފައިވާ ގޮތް ކިޔައިދޭ ވާހަކައެކެވެ.
މި ވާހަކަ ފިލްމެއްގެ ގޮތުގައި ފޮކްސް ސްޓާ ސްޓާ ސްޓޫޑިއޯސް އާއި އެޑްލެބްސް ފިލްމްސް ގުޅިގެން ގެނެސްދޭ އިރު "ޒޯޔާ ފެކްޓާ" ގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ޖޯން އަބްރަހަމްގެ "ޕަރުމަނޫ" ޑައިރެކްޓް ކުރި އަބީޝެކް ޝަރުމާ އެވެ.
"ޒޯޔާ ފެކްޓާ" ގައި ސޯނަމްގެ ބައްޕަގެ ރޯލުން އޭނާގެ ބޮޑުބޭބެ ސަންޖޭ ކަޕޫރް ވެސް ފެނިގެން ދާނެ އެވެ.
ސޯނަމް އެންމެ ފަހުން ފެނިފައި ވަނީ ބައްޕަ އަނިލް ކަޕޫރާ އެކު ކުޅުނު އަދި މިދިޔަ މަހު ރިލީޒް ކުރި "އޭކް ލަޅްކީ ކޮ ދޭކާ ދޮ އޭސާ ލަގާ" އިންނެވެ.
ދެހާސް ސާދައިގައި ރިލީޒް ކުރި ހޮލީވުޑްގެ މަގުލޫބު ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމެކް "ދިލް ބޭޗާރާ" ސިނަމާތަކަށް ގެންނަ ތާރީހަކަށް މި އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަސް ހަމަޖައްސައިފި އެވެ.
ފޮކްސް ސްޓާ ސްޓޫޑިއޯ އިން މި އަހަރު ގެނެސް ދޭން ތާވަލުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ މަޝްހޫރު ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާގެ އަލަތު ޑައިރެކްޝަނެވެ. "ދިލް ބޭޗާރާ" ގެ ލީޑް ރޯލުން ފެނިގެން ދާނީ ސުޝާންތު ސިންގް ރާޖްޕޫތާއި ސަންޖަނާ ސާންގީ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި "ދިލް ބޭޗާރާ" ގެ ޝޫޓިން ފެށި އިރު، ފިލްމުގެ ނަމަކަށް ހަމަޖެއްސީ "ކިޒީ އޯރް މެނީ" އެވެ. އެއީ ފިލްމުގެ ލީޑް ދެ ތަރިން ކުޅޭ ކެރެކްޓާ އަށް ކިޔާ ނަންތަކެވެ. ނަމަވެސް ފަހުން ނަން ބަދަލު ކުރީ އެވެ.
އޭއާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދޭ "ދިލް ބޭޗާރާ" ގެ ހާއްސަ ރޯލަކުން ސައިފް އަލީ ހާން ވެސް ފެނިގެން ދާނެ އެވެ. މި ފިލްމުގައި ކިޔައި ދޭނީ ކެންސަރާ ހަނގުރާމަ ކުރާ ޒުވާން ދެ ލޯބިވެރިއެއްގެ ވާހަކަ އެވެ.
ކަންގަނާ ރަނާވަތު ބަތަލާގެ ރޯލް ކުޅޭ ފިލްމު "ޕަންގާ" އަންނަ އަހަރު ބެލުންތެރިންނަށް ގެނެސް ދޭން ނިންމައިފި އެވެ.
"ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުން އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓް ކުރާ މި ފިލްމު ތާވަލުކޮށްފައި ވަނީ ޖެނުއަރީ، 24، 2020 އަށެވެ. މިހާރު ޝޫޓިން ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ "ޕަންގާ" އަކީ އިންޑިއާގައި މަޝްހޫރު ކުޅިވަރެއް ކަމަށްވާ ކަބައްޑީގެ ތެރެއިން ދިމާވާ އާއިލީ ހާދިސާތަކެއް ކިޔައި ދޭނެ ފިލްމެކެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ނީނާ ގުޕްތާ، ޕަންޖާބީ އެކްޓަރު ޖެއްސީ ގިލް އަދި ރިޗާ ޗައްޑާ ހިމެނެ އެވެ.
އަޝްވިނީ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2017 ގައި ރިލީޒް ކުރި ކާމިޔާބު ފިލްމު "ބެރިލީ ކީ ބަރްފީ" އެވެ.
ކަންގަނާގެ އެންމެ ފަހުގެ ފިލްމު "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" ޖެނުއަރީ މަހު ރިލީޒްކޮށްފައިވާ އިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މެއި، 24 ގައި ރިލީޒް ކުރާ "މެންޓަލް ހޭ ކިޔާ" އިންނެވެ.
މި މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމު "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިކްމަކީ ކުރީގެ ބަތަލާ ބަގިޔާޝްރީގެ ފިރިހެން ދަރިފުޅު އަބިމަންޔޫ ދައްސާނީ ބޮލީވުޑަށް ތައާތަފުވާ ފިލްމެވެ. މިދިޔަ އަހަރު ޓޮރޮންޓޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާ ކުރި ފިލްމުގެ ބަތަލާއަކީ މިދިޔަ އަހަރު ވިޝާލް ބަރަދްވާޖްގެ "ޕަޓާޙާ" އިން ބޮލީވުޑަށް ތައާރަފު ކުރި ޓީވީ ބަތަލާ ރާދިކާ މަދަން އެވެ.
ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، ވަސަން ބާލާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ކޮމެޑީ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެ ކާސްޓުންގެ ތެރޭގައި ގުލްޝަން ދެވިއާ، މަހޭޝް މަންޖްރޭކަރް، ޖިމިތު ތްރިވޭދީ، ޝްވޭތާ ޕްރަސާދު ބާސޫ އަދި ޓީނާ ސިންގް ހިމެނެ އެވެ.