ޗެމްޕިއަންސް ލީގުގެ ކުރިން ޔުވެންޓަސް ހިތްވަރު ހޯދައިފި
ޗެމްޕިއަންސް ލީގުގެ ކުރިން ޔުވެންޓަސް ހިތްވަރު ހޯދައިފި

ޓިއުރިން (މާޗް 9) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ އަތުން 4-1 އިން ހޯދި މޮޅާ އެކު ލީގުގެ އެއް ވަނައިގައި 19 ޕޮއިންޓަށް ލީޑުފުޅާކޮށް ޔުވެންޓަސް އިން ޗެމްޕިއަންސް ލީގުގެ މެޗަށް ދިއުމުގެ ކުރިން ހިތްވަރު ހޯދައިފި އެވެ.

އަންނަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ޔުވެންޓަސް ނުކުންނާނީ އަމިއްލަ ދަނޑުގައި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޔުވެންޓަސް ބަލިވީ 2-0 އިންނެވެ. މި ފަހަރު ޗެމްޕިއަންސް ލީގަށް ޓާގެޓްކުރި ޔުވެންޓަސް އަށް ކުރިމަތީގައި އޮތީ އުނދަގޫ މެޗެކެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އޮތީ 27 މެޗުން 75 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ މުހިއްމު ކުޅުންތެރިން ނުކުޅެ އެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ހިމެނެ އެވެ. ރޭގެ މެޗުގައި ޔުވެންޓަސް އިން ވިދާލީ ދެ ގޯލު ޖެހި ޒުވާން ކުޅުންތެރިޔާ މޮއިސް ކީން އެވެ. ފުރަތަމަ ހާފުގައި ޔުވެންޓަސް އަށް ދެ ގޯލުގެ ލީޑެއް ނަގައިދިނީ އުމުރުން 19 އަހަރުގެ ކީން އެވެ.

ދެ ވަނަ ހާފްގައި މެޗުގެ 67 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ޔުވެންޓަސްގެ ތިން ވަނަ ލަނޑު ޖެހީ އެމްރޭ ޗާން އެވެ. އޭގެ ހަތަރު މިނިޓް ފަހުން ބްލައިސް މަޓުއިޑީ ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މި މެޗުގައި އުދިނޭޒީން ޖެހި ހަމައެކަނި ގޯލު މެޗުގެ 84 ވަނަ މިނިޓްގައި ކާމިޔާބުކުރީ ކެވިން ލަޒާނިއާ އެވެ.

ޔުވެންޓަސް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލީ 1996 ވަނަ އަހަރު އެވެ. ފާއިތުވި އަހަރުތަކުގައި އެ ޓީމުން ވަނީ ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. ޔުވެންޓަސް އިން މި ފަހަރު ބޮޑު ހަރަދެއް ކުރުމަށް ފަހު ރޮނާލްޑޯ ގެނެސް ޓީމު ވަރުގަދަކުރީ ޗެމްޕިއަންސް ލީގަށެވެ.

ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ އެ ޓީމުން ޗެމްޕިއަންސް ލީގު މި ފަހަރު ކާމިޔާބު ނުކުރިޔަސް އެއީ ފެއިލްވި ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަހަރެމެން މި ދަނީ ޖެހިޖެހިގެން އަށް ވަނަ ލީގު ތަށި ހޯދުމަށް މަސައްކަތް ކުރަމުން. އަހަރެމެންނަށް އިޓާލިއަން ސުޕަ ކަޕް ލިބިއްޖެ. ދެން ޗެމްޕިއަންސް ލީގު ނުހޯދާތާ އެހާ ގިނަ ދުވަސްވެފައިވާއިރު އެ ނުލިބި ނިންމާލާ ކޮންމެ އަހަރަކީ ފެއިލިއާ އެއް ނޫން،" އަލެގްރީ ބުންޏެވެ.

އަމިއްލަ ދަނޑުގައި އެތުލެޓިކޯއާ ދެކޮޅަށް ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އަލެގްރީ ވަނީ ބުނެފަ އެވެ.