ދާއިމީ ކޯޗުކަން ދޭން ސޯލްޝެއާއާ މަޝްވަރާކޮށްފި
ދާއިމީ ކޯޗުކަން ދޭން ސޯލްޝެއާއާ މަޝްވަރާކޮށްފި

ލަންޑަން (މާޗް 9) - މެންޗެސްޓާ ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން މިހާރު ވަގުތީ ކޯޗަކަށް ހުރި އޮލެ ގުނަ ސޯލްޝެއާ އަށް ދޭން، އޭނާއާ އެކު ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށް ސޯލްޝެއާއާ ޓީމު ހަވާލުކުރި މި ސީޒަނުގެ ނިޔަލަށެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޕީއެސްޖީ ދަނޑުގައި ޔުނައިޓެޑުން ހޯދި ތާރީހީ މޮޅަށް ފަހު އެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދުމާ އެކު ސޯލްޝެއާގެ އެއްބަސްވުން ދާއިމީކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ފުޓްބޯޅަ އެނަލިސްޓުންނާއި ޔުނައިޓެޑްގެ ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ މެޗަށް ފަހު ޔުނައިޓެޑްގެ ބޯޑުގެ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މެޖޯރިޓީ މެމްބަރުން ހުށަހެޅީ ސޯލްޝެއާ އަށް ދާއިމީ އެއްބަސްވުމެއް ދޭށެވެ. އެ ބައްދަލުވުމަށް ފަހު ވުޑްވާޑް ވަނީ ސޯލްޝެއާއާ މަޝްވަރާކޮށްފަ އެވެ.

ޔުނައިޓެޑުގެ ހުށަހެޅުންތަކާ އެއްގޮތަށް ކުރިއަށްދާން ސޯލްޝެއާ ނިންމިއިރު، އޭނާ ބޭނުންވީ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ވުރެ ކުޑަ މުސާރައެކެވެ. މޮރީނިއޯ އެންމެ ފަހުން ޔުނައިޓެޑުގެ ކޮންޓްރެކްޓް އާ ކުރީ އަހަރަކު 15 މިލިއަން ޕައުންޑް ލިބޭ ގޮތަށެވެ. ސޯލްޝެއާ އެއްބަސްވީ އަހަރަކު 7.5 މިލިއަން ޕައުންޑަށެވެ.

އެންމެ ފަހުން ސޯލްޝެއާ ކޯޗަކަށް ހުރި މޯލްޑޭ އިން އޭނާ އަށް ދެނީ އަހަރަކު 400،000 ޕައުންޑެވެ. ޔުނައިޓެޑްގެ ކޯޗުކަމާ ސޯލްޝެއާ ހަވާލުވިއިރު، މޯލްޑޭ އިން ވަނީ އޭނާއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި މުހިއްމު މެޗެއްގައި ރަށުންބޭރުގައި މާދަމާ އާސެނަލާ ދެކޮޅަށް ކުޅުމުގެ ކުރިން ސޯލްޝެއާ އަށް ވަނީ ޔުނައިޓެޑްގެ އެއްބަސްވުމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ. ސޯލްޝެއާ ބުނީ އެއްބަސްވުން ދާއިމީ ކުރުމުގެ ވާހަކަތައް ބޮޑަށް ދެކެވެނީ މީޑިއާގައި ކަމަށާއި އޭނާ އަދިވެސް ވިސްނަނީ ޔުނައިޓެޑުގައި ހުންނާނީ ޖޫން މަހާ ހަމައަށް ކަމަށެވެ.

ސޯލްޝެއާ އެންމެ ފުރަތަމަ ޔުނައިޓެޑާ ހަވާލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ އެއްބަސްވުން ދާއިމީކުރަން މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ. ސޯލްޝެއާއާ އެކު ޔުނައިޓެޑަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޔުނައިޓެޑްގެ ތާރީހުގައި އެންމެ ހާއްސަ ފަރާތް ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ ބައިވެރިވުން ކްލަބްގައި ބޮޑުވުމެވެ. ސޯލްޝެއާ ހަވާލުވި ފަހުން ޔުނައިޓެޑްގެ ގިނަ މެޗުތަކެއް ބަލަން ފާގަސަން ދަނޑަށް ދެ އެވެ.