08 މާޗް 2019 - 21:32

ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައި، ފުރާނަ ދޫކޮށްލަން ޖެހުނަސް ދިވެހި ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.
ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިފައިންނާ ބައްދަލުކުރައްވައި ޝަމާލް ވިދާޅުވީ، ސިފައިންނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމުގައި ކެރިގެން ސާބިތުކަންމަތީ ދެމިތިބޭނެ ބަދަހި ލަޝްކަރެއް ކަމަށެވެ.
ސިފައިންނަކީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ގާނޫނީ ހުވާކޮށްގެން ތިބޭ ބައެއް ކަމަށާއި އެހެންބަޔަކު އެ މަސައްކަތްކުރާނެ ކަމަށް ގޮވާލަންޏާ އެއީ ސިފައިންނަށް ބުނާ ބަދު ބަހެއް ކަމަށް ވިދާޅުވި އެވެ.
"އެހެން ބަޔަކު އެކަން ކުރާނެ ކަމަށް ގޮވާލަންޏާ އެއީ އަޅުގަނޑުމެންނަށް ބުނާ ބަދު ބަހެއް. ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާއި ސިޔާދަތުގައި މިވަރުގެ ކުޑަކުޑަ ކޫރެއް އެޅެންޏާ ވެސް އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެނ އެންމެ ފަހު ވަޒަނާ ހަމައަށް، އެންމެ ފަހު މީހާއާ ހަމައަށް އަޅުގަނޑުމެން ހަނގުރާމަކުރާނަން،" ޝަމާލް ވިދާޅުވި އެވެ.
ޝަމާލް ވަނީ ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރުގަދަކުރުމަށް ޒަމާނީ ޕްރޮފެޝަނަލް ފޯސްއަކަށް އެމްއެންޑީއެފް ހެދުމަށްޓަކައި މުއައްސަސާ ރިފޯމްކޮށް ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ. އަދި ގާނޫނީ ވާޖިބު އަދާކުރުމުގައި ސިފައިންނަށް މަތިކޮށްފައިވާ ޒިންމާތަކާއި ރައްޔިތުންނާއި ސިފައިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.