08 މާޗް 2019 - 19:59

މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) މާޒިޔާ އަށް ސޮއިކޮށްފި އެވެ.

މާޒިޔާ އަކީ ޅ. ހިންނަވަރަށް އުފަން ލިލީ ފުރަތަމަ ޑިވިޝަނުގައި ކުޅޭނެ ތިން ވަނަ ޓީމެވެ. މީގެ ކުރިން އޭނާ ވަނީ ނިއުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފަ އެވެ.
ނިއު ރޭޑިއަންޓުން 2009 ވަނަ އަހަރު ކެރިއަރު ފެށި ލިލީ ވަނީ 2015 ވަނަ އަހަރާ ހަމައަށް އެ ޓީމަށް ކުޅެފަ އެވެ. އޭނާ 2016 ވަނަ އަހަރު ކުޅުނީ ޓީސީ އަށެވެ. އަލުން ނިއު އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ފަހަތުގެ ކޮންމެ މަގާމަކަށާއި ބައެއް މެޗުތަކުގައި މެދުތެރެއަށް ވެސް ކުޅެފައިވާ ލިލީ ވަނީ ނިއުއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. އަދި މުހިއްމު މެޗުތަކުގައި ލަނޑު ވެސް ވަނީ ޖަހައިފަ އެވެ.
އުމުރުން 30 އަހަރުގެ ލިލީ ވަނީ ގައުމީ ޓީމަށް ވެސް ވަރަށް ފަހަކާ ޖެހެންދެން ކުޅެފަ އެވެ. ގައުމީ ކޯޗުކަމާ މިހާރު ހުރި ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ހަވާލުވި ފަހުން ލިލީ އަށް ފުރުސަތު ނުލިބެ އެވެ. ލިލީ އަންނަނީ އޭނާގެ ރަށުގައި އަމިއްލަ ނަމުގައި ފުޓްބޯޅަ އެކެޑަމީއެއް މިދިޔަ އަހަރުން ފެށިގެން ހިންގަމުންނެވެ.
ލިލީ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން ސޮއި ހޯދި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މާޒިޔާ އިން ވަނީ ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ވަހީދު ހަަސަން (އިއްބެ) އަދި ވިކްޓަރީ އަށް މޮޅު ކުޅުމެއް ދެއްކި ހުސެއިން ނިހާން (ނިހާޓް) އާ އެކު ވެސް ތިން އަހަރުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
އަދި 2014 ވަނަ އަހަރުން ފެށިގެން މާޒިޔާ އަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ވެސް ވަނީ މާޒިޔާއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެ. އިރޭގެ އިތުރުން ފާއިތުވި އަހަރު މާޒިޔާ އަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި މަޑުކުރާނެ ކަމަށް ބެލެވެ އެވެ.
މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އަދި ދާދި ފަހުން ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ގާސިމް ސައްމާމު (ސައްމެ) އެވެ.
އަންނަ ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށް އެފްއޭއެމުން އިއުލާނުކޮށްފައިވާއިރު، މިދިޔަ އަހަރު މާޒިޔާ އަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވެސް މި އަހަރު އެ ޓީމުން ނުފެންނާނެ އެވެ. އިންމަ ވަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭއާ ހަވާލުވެފަ އެވެ.