28 އޯގަސްޓް 2016 - 11:17

ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވާދަކުރަން ރަނގަޅު ތަމްރީންތަކެއް ލިބިފައިވާ ކަމަށާއި ދެން ބޭނުންވަނީ މުބާރާތުގައި އެ ތަމްރީންތަކުގެ ބޭނުން ހިފަން ކަމަށް ރާއްޖެ ޓީމުގައި ހިމެނޭ ސެއިލަރު އަބްދުލްޣަފޫރު އަލީ (ގައްބެ) ބުނެފި އެވެ.
ކްރޮއޭޝިއާގައި މިއަދު ފަށާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނެނީ ގައްބެގެ އިތުރުން އާދަމް ފައިސަލް (އެޑަމް) އެވެ. ރާއްޖޭން މި މުބާރާތުގައި ބައިވެރިވަނީ ޓޮޕްކެޓުން ދިން ދައުވަތެއްގަ އެވެ.
މި މުބާރާތް ފެށުމުގެ ކުރިން ހުރިހާ ބައިވެރިންނަށް ޓުއާ ކުރިއަށްގެންދަން ނިންމި ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ ކެންސަލް ކޮށްފަ އެވެ.
"ތަޖުރިބާހުރި އެންމެ ރަނގަޅު ސެއިލަރުންގެ ފަރާތުން ތަމްރީންތަކެއް ލިބިއްޖެ ރާއްޖޭގެ ޓީމަށް. ވަރަށް މޮޅު އެ މީހުން. މޮޅު މީހުންނާ އެކު މިހެން އުޅެ ޓްރެއިން ވެލުމުން ވަރަށް ގިނަ އެއްޗެހި އެނގޭ. ކަޓަމަރާން ދުއްވުމާއި ރޭސް ޖެހުން ވަރަށް ތަފާތު. މިއީ އެންމެ ދުވަހެއްގެ ރޭހެއް ނޫން. ތިން ދުވަހު ހެނދުނާއި ހަވީރު ދިހަ ރޭސް ކުރިއަށްދާނެ. ދެން ޕޮއިންޓުން ވަނަ ހޮވާނީ،" ގައްބެ ބުންޏެވެ.
ރާއްޖޭގެ ސެއިިލިން ޓީމުން ވަނީ މިދިޔަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. އެހެން ނަމަވެސް މިއީ ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
އެޑަމް ބުނީ މުބާރާތުގައި ވާދަކުރުމަށް ވަގުތު އޮއްވާ ކްރޮއޭޝިއާ އަށް ދެވުމުން މާހައުލަށް ހޭނެން ފުރުސަތު ލިބުނު ކަމަށެވެ.
"ޓޮޕްކެޓުން ރާއްޖޭގެ ޓީމަށް ހަމަޖައްސާދީފައި މިހިރީ ފެންވަރު ރަނގަޅު ކޯޗެއް. ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ. އަސްލު މުބާރާތުގައި ވާދަކުރަން ކުރިން އާދެވުމަކީ ވަރަށް ރަނގަޅަށް ދިޔަ ކަމެއް. އެއީ ރާއްޖޭގެ ވަޔާއި ކްރޮއޭޝިއާގައި ވައިޖެހޭ ގޮތް ތަފާތުވާނެ. މާހައުލަށް ހޭނެން ވެސް ފުރުސަތު ލިބިއްޖެ. އަނެއްކާ އަނެއް ހިތްހަމަ ޖެހުމަކީ އެންމެ މޮޅު ސެއިލަރުންނާ ބައްދަލުވުން،" އެޑަމް ބުންޏެވެ.
ޓޮޕްކެޓް ސެއިލިން ވޯލްޑް ޗެމްޕިއަންޝިޕްގައި މި ފަހަރު ތަފާތު އަށް ގައުމަކުން 70 ކަޓަމަރާން ރަޖިސްޓްރީ ކޮށްފައިވާއިރު، 124 ސެއިލަރުން ވާދަކުރާނެ އެވެ.