29 އޯގަސްޓް 2016 - 06:32

އިންޑިއާގެ މަދްޔާޕްރަދޭޝްގެ ދާމޯ ޑިސްޓްރިކްޓުގައި މިދިޔަ ހޮނިހިރު ދުވަހު ބަހެއްގައި ދަތުރުކުރި އަންހެނަކު ދަތުރުމަތީގައި މަރުވުމުން އެ މީހާ އާއި އޭނާގެ ފިރިމީހާ އަދި ތުއްތު ދަރިފުޅު ޖަންގައްޔެއްގެ ތެރެއަށް ބާލުވައިފި އެވެ.
ރާމް ސިންގް ކިޔާ މީހާ ބުނެފައި ވަނީ ބަހުގައި ދަތުރުކުރީ ވިހެއުމަށް ފަހު އަނބިމީހާ ވަރަށް ބޮޑަށް ބަލިވެ ހާލު ބޮޑުވާން ފެށުމުން އަވަށާ ވަރަށް ދުރުގައިވާ ހޮސްޕިޓަލަކަށް ދާން ކަމަށެވެ. ނަމަވެސް ދަތުރުގެ މެދަކާ ހިސާބުން ސިންގްގެ އަންހެނުން މަރުވީ އެވެ.
އަންހެންމީހާ މަރުވުމާ އެކު ބަހުގެ ކޮންޑަކްޓަރު ބަސް ހުއްޓައި، ސިންގް ބަހުން ފޭބުމަށް އެންގި އެވެ. އެންމެ ފަހުން މަޖުބޫރުވެގެން އަނބިމީހާގެ ގަބުރާއި ތުއްތު ދަރިފުޅާ އެކު ސިންގް ބަހުން ފޭބި އެވެ. އެ މީހުން ޖަންގައްޔެއްގެ ތެރެއަށް ދޫކޮށްލާފައި ދިޔައީ ބޯކޮށް ވާރޭ ވެސް ވެހެމުން ދަނިކޮށެވެ.
މި މައްސަލާގައި ކޮންޑަކްޓަރާ ސުވާލުކުރުމުން ބުނެފައި ވަނީ ގަބުރަކާ އެކު ދަތުރުކުރަން ބަހުގައި ތިބި މީހުން ހިތްހަމަނުޖެހުމުން އެގޮތަށް އަމަލުކުރީ ކަމަށެވެ.
ގަދަކަމުން ބަހުން ބޭލުވުމުން ރާމް ސިންގް އޭނާގެ އަނބިމީހާގެ ގަބުރު ބިންމަތީގައި ބާއްވައިގެން ކުޑަ ކުއްޖާއަށް ބުއްފުޅި ދެވޭތޯ މަސައްކަތްކުރަނިކޮށް އެހިސާބުގަނޑުން ދަތުރުކުރި ގާނުނީވަކީލުންގެ ދެ މީހަކަށް ފެނިގެން އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި އެ މީހުން ފުލުހުންނަށް ގުޅައިގެން އެތަނަށް ގެނެސް ގެޔާ ހިސާބަށް ގެންގޮސްދިނެވެ.