ސިޓީ އަށް ސަސްޕެންޝަނެއްގެ ބިރު ބޮޑު
ސިޓީ އަށް ސަސްޕެންޝަނެއްގެ ބިރު ބޮޑު

ލަންޑަން (މާޗް 8) - މެންޗެސްޓާ ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައިވާތީ ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ މައްސަލަތައް ޔޫރަޕުގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ތަހުގީގުކުރަމުން އަންނައިރު، އެ ކަމުގައި ސިޓީ އަށް ސަސްޕެންޝަނެއް އައުމުގެ ބިރު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ޖަރުމަނާއި ރަޝިއާގެ ބައެއް މީޑިއާތަކުން ވަނީ ޕީއެސްޖީ އާއި ސިޓީން އެފްއެފްޕީގެ ގަވާއިދުތަކާ ހިލާފަށް ގިނަ ހަރަދުތަކެއް އޮޅުވާލައިގެން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ ލިޔުންތަކެއް ލީކުކޮށްލައިފަ އެވެ.

ޔުއެފާ އިން ބުނީ މި މައްސަލައިގައި މި ވަގުތު މާ ބޮޑު ތަފްސީލެއް ދެވެން ނެތް ކަމަށާއި ސިޓީ އާއި ގުޅޭ ގިނަ މައްސަލަތަކެއް ތަހުގީގުކުރެވެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ނިންމާލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

ސިޓީން ވަނީ އުސޫލުން ބޭރުން އެ ޓީމުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި ޔުއެފާގެ ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ. އަދި ސިޓީ އަކީ ކްލަބް ވަރުގަދަ ކުރުމަށާއި އެހެން ހަރަދުތައް ކުރުމުގައި އެންމެ ފުރިހަމަ އަށް ޕްރޮފެޝަނަލްކޮށް އަމަލުކުރަމުން އަންނަ ކްލަބެއް ކަމަށާއި ސިޓީއާ ގުޅޭ ރަސްމީ ލިޔެކިއުންތައް މީޑިއާތަކުން ނަހަމަ ގޮތުގައި ބޭނުންކުރާތީ އެކަމާ ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

މީޑިއާތަކުން އާންމުކޮށްފައިވާ ސިޓީގެ ލިޔެކިއުންތަކުގައިވާ ގޮތުން ސިޓީން އެފްއެފްޕީ ގަވާއިދުތަކާ ހިލާފަށް ކްލަބަށް ފައިސާ އެތެރެ ކުރުމުގައި މަކަރު ހަދާފައިވަނީ އެކި ސްޕޮންސަރުން މެދުވެރިކޮށް ކްލަބަށް ހަރަދުކޮށްގެން ކަމަށާއި އެކަމަކު އެ ހަރަދުތަކުގެ ތަފްސީލެއް ސިޓީގެ އެއްވެސް ރަސްމީ އެކައުންޓްތަކުން ނުހިމަނައި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި މައްސަަލަ ސިޓީގެ މައްޗަށް ސާބިތުވެއްޖެނަމަ އެ ޓީމަށް އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެ އެވެ. އެފްއެފްޕީ ގަވާއިދާ ހިލާފުވެއްޖެނަމަ ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭގޮތަށް ސަސްޕެންޑްކުރަން ޔުއެފާ އިން މީގެ ކުރިން ވެސް ވަނީ ނިންމައިފަ އެވެ. އަދި އެފްއެފްޕީއާ ހިލާފުވެފައިވާ މިންވަރު ބޮޑުވެއްޖެނަމަ ވަގުތުން ސަސްޕެންޑް ކުރުމުގެ އިހުތިޔާރު ވެސް ޔުއެފާ އަށް ލިބިދެ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މީގެ ކުރިން ބުނީ ކްލަބްގެ ވެރިން އޭނާ އަށް ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން ދީފައި ކަމަށެވެ.

އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން ޔުއެފާ އިން މީގެ ކުރިން ވެސް ވަނީ ސިޓީ އަށް 2014 ވަނަ އަހަރު ފިޔަވަޅު އަޅައިފަ އެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ސިޓީގެ ސްކޮޑު މަދުކުރަން ނިންމީ އެވެ.

އިނގިރޭސި އެފްއޭ އިން މިހާރު އަންނަނީ ސިޓީން ޖޭޑަން ސަންޗޯ ގެނައިއިރު ދެއްކި ފައިސާތަކެއްގެ މައްސަލައެއް ބަލަމުންނެވެ. ސިޓީން ސަންޗޯ އުމުރުން 14 އަހަރުގައި ގަތީ 200،000 ޕައުންޑް ދީފަ އެވެ. ޒުވާން ކުޅުންތެރިން ރަޖިސްޓްރީ ކުރާއިރު ވަކި ފައިސާތަކެއް އޭޖެންޓުންނަށް ހަރަދުކުރުމަކީ އިނގިރޭސި އެފްއޭ އާއި ފީފާގެ ގަވާއިދުތަކާ ހިލާފު ކަމެކެވެ.