08 މާޗް 2019 - 08:34

ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި އިންސާނުން ދީނަކަށް ތަބާވަނީ އެ މީހުންގެ ނަފްސާނީ ނުވަތަ ރޫހާނީ ނުވަތަ އިޖުތިމާއީ ބޭނުމެއް ފުއްދާލުމަށްޓަކައި އެކަންޏެވެ. މިގޮތުން މި ބޭނުން ފުއްދުމަށްޓަކައި އެމީހަކު އެންމެ ހިތްއެދޭ ދީނެއް ގަބޫލު ކުރުމުން އެ ނިމުނީ އެވެ. ހައްގު ވަކި ދީނެއް ނޯންނާނެ އެވެ. އަދި ކޮންމެ ދީނެއް ގަބޫލު ކުރިއަސް ދީންވެރިވުމަކީ އެމީހަކާ އެމީހަކު ގަބޫލުކުރާ ކަލަކާ ދެމެދުގައި އޮންނަ ގުޅުމެއް އެކަންޏެވެ. އެހެންކަމުން އެމީހަކު ތަބާވާ ދީނުގައި ކަލާނގެއަށް އަޅުވެތިވުމަށް ކުރަން އޮންނަ ކަމެއް ކުރުމުން ދީންވެރިވުމުގެ ބޭނުން ފުދޭނެ އެވެ. އެއަށްވުރެ ބޭރަށް ގޮސްގެން ނުވާނެ އެވެ. އެބަހީ ދިރިއުޅުމުގެ ހަޔާތުގެ އެކިއެކި ކަންކަމުގެ ތެރެއަށް ދީން ވަދެގެން ނުވާނެ އެވެ.
މި ފިކުރަކީ އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް ނިސްބަތްކޮށް ބުނާނަމަ މުޅިން ދޮގެއް ކަމުގައި ނުވެދާނެ އެވެ. ސަބަބަކީ އެއިން އެއްވެސް ދީނެއްގައި ދިރިއުޅުމުގެ ހަޔާތުގެ ޝާމިލު މަންހަޖެއް ނުވުމެވެ. އެ ދީންތަކުގެ ތެރެއިން ގިނަ ދީންތަކަކީ އަމިއްލައަށް ހަދައި ތަރައްގީ ކޮށްފައިވާ ދީންތަކެވެ. އަނެއްބައި ދީންތަކަކީ ބާވާލެއްވުނު ދީންތަކަށް، އޭގެ އަހުލުވެރިން ބަދަލު ގެނައުމަށް ފަހު ތަބާވަމުންދާ ދީންތަކެވެ. ދިރިއުޅުމުގެ ބައެއް ކަންކަމަށް ބޭނުންތެރި ބައެއް އުސޫލުތަކާއި ރިވެތި އަޚުލާގީ ވަރަށް ގިނަ ސިފަތައް ބައެއް ދީންތަކުގައި އެކުލެވޭކަން އިންކާރެއް ނުކުރެވޭނެ އެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ހަޔާތުގެ ހުރިހާ ކަމަކަށް އެކަށޭނަ ޝާމިލު އުސޫލުތަކެއް އެއިން އެއްވެސް ދީނަކު ނުވެ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު ދީންވެރިވުމުގައި އެންމެ މުހިންމު އަސާސަކީ އީމާންކަމުގެ ރުކުންތައް ފުރިހަމަ ކުރުމެވެ. އެއަށްފަހު ﷲ އާއި އިންސާނާއާ އޮންނަ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ޢިބާދާތުގެ ބައި ފުރިހަމަ ކުރުމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށް ފަހު އިންސާނާ އަދާކުރަންޖެހޭ ދީނީ ވާޖިބުތަކުގެ ތެރެއިން ޢިބާދާތުގެ ބައި އަދާ ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެހެންނަމަވެސް މީހާގެ ދީންވެރިކަން ފުރިހަމަ ކުރުމަށްޓަކައި އިސްލާމްދީނުގައި އަދިވެސް ވަރަށް މުހިންމު ދެބައެއް އޮވެ އެވެ. އެއީ މުޢާމަލާތާއި އަޚްލާޤެވެ. ހަގީގަތަށް ބަލާނަމަ އިސްލާމީ ޢަޤީދާ އާއި ޢިބާދާތުގެ ބޭނުމަކީ އިންސާނާގެ މުޢާމަލާތާއި އަޚްލާޤު ރަނގަޅު ކުރުމެވެ. މިކަން އިސްލާމީ ޢިބާދާތުތަކާ މެދު ފުންކޮށް ވިސްނާލައިފި ނަމަ ހާމަވެގެންދާނެ އެވެ. މިސާލަކަށް އިސްލާމްދީނުގެ ހުރިހާ ޢިބާދާތުތަކަކުންވެސް ރިވެތި އަޚުލާޤު ދަސްކޮށްދެ އެވެ. ހެޔޮގޮތުގައި މީހުންނާ މުޢާމަލާތު ކުރަން އާދަ ކުރުވަ އެވެ.
އިންސާނުން ދިރިއުޅެމުން މިދަނީ ޖަމާއަތްތަކުގަ އެވެ. އެހެންވެ އެންމެން އެކުގައި އުޅޭއިރު އެކަކު އަނެކަކަށް ހެޔޮގޮތުގައި މުޢާމަލާތު ނުކުރާނަމަ ހަމަޖެހޭ ދިރިއުޅުމެއް ވޭތުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މިސަބަބަށްޓަކައި އިންސާނުން އެކަކު އަނެކަކަށް އަދާކޮށްދޭން ޖެހޭ ހައްގުތަކަކީ ﷲ އަށް ޚާއްޞަކޮށް އަދާކުރަން ޖެހޭ ހައްގުތަކަށް ވުރެ ވަރުގަދަ ހައްގުތަކެއް ކަމުގައި ވެއެވެ. އެހެނީ އޭގައި އިންސާނުންގެ ހައްގާ އެކު ﷲ ގެ ހައްގު ވެސް ހިމެނޭތީ އެވެ. އަދި ﷲ ގެ ހައްގެއް އަދާކުރުމުގައި މީހަކު ފަރުވާކުޑަ ކުރިއަސް ﷲ އެކަން ޢަފޫ ކޮށްދެއްވައި އޭނާގެ ފާފަ ފުއްސެވި ކަމުގައި ވިއަސް މީހެއްގެ ހައްގެއް އަދާކުރުމުގައި ފަރުވާކުޑަ ކޮށްފިނަމަ އެ ހައްގު އަދާ ނުކުރާހާ ހިނދަކު ނުވަތަ އެމީހާ އެކަން މަޢާފުކޮށް ނުދޭހާ ހިނދަކު ﷲ އެކަން ޢަފޫކޮށް ނުދެއްވާނެތީ އެވެ. އިންސާނާ އަށް ކުރެވޭ ކުށްތަކުން ތައުބާވުމަށްޓަކައި އޮންނަ ޝަރުޠުތަކުގެ ތެރޭގައި ވެސް މީހެއްގެ ހައްގަކަށް އަރައިގަނެވިފައިވާ ނަމަ އެ ހައްގެއް ރައްދުކޮށްދިނުން ހިމެނެ އެވެ.
ހެޔޮގޮތުގައި އެހެން މީހުންނާ އެކު މުޢާމަލާތު ކުރުމަކީ މިހާ މުހިންމު ކަމެއް ކަމުގައިވާ އިރު މިކަން ކުރެވޭނީ ދޭދޭ މީހުންގެ މެދުގައި އޮންނަ އެކިއެކި ގުޅުންތައް ޢަދުލުވެރިކަމާއި އެކަކު އަނެކަކަށް އިޙުސާންތެރިވުމުގެ މަތީގައި އޮވެގެންނެވެ. އަދި އެފަދަ ގުޅުންތަކުގައި، މިސާލަކަށް ގަނެވިއްކުމާއި ކައިވެންޏާއި ވަރިއާއި ހިބަ ފަދަ މުޢާމަލާތު ތަކުގައި، އިސްލާމީ އުޞޫލުތަކާއި ހަމަތަކަށް ތަބާވެގެންނެވެ. އަދި އެކަންކަމުގައި އޮންނަ އިސްލާމީ ރިވެތި އަދަބުތަކަށް ވެސް ތަބާވެގެންނެވެ. މީހާގެ އެންމެހާ ޢަމަލުތަކުގައި އިޚްލާޞްތެރި ވެގެންނެވެ. މީހުންނަށް އަނިޔާދިނުމާއި ގެއްލުން ދިނުމުން ސަލާމަތް ވެގެންނެވެ.
މިދެންނެވި ކަންކަމަކީ ހަގީގަތުގައި އިސްލާމް ދީނުގެ ކުޑަ މިންވަރެއް ނޫނެވެ. އަދި ކިއެއްތަ އެއީ މުޅި އިސްލާމް ދީނެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީސް ކުރައްވަނީ "ދީނަކީ މުޢާމަލާތު" ކަމުގަ އެވެ. ނަމާދުކޮށް ރޯދަހިފައި ޞަދަޤާތްދީ އުޅޭ، އެހެންނަމަވެސް އަވައްޓެރިންނަށް އުނދަގޫކުރާ އަންހެނެއްގެ ވާހަކަ ކީރިތިރަސޫލާގެ އަރިހުގައި ދެންނެވުނު ހިނދު އެކަލޭގެފާނު ހަދީސް ކުރެއްވީ "އެކަމަނާ ވަނީ ނަރަކައިގަ އެވެ." މިއިން ދޭހަވަނީ ކޮންއެއްޗެއްތޯ އެވެ؟ އިންސާނުން އެކަކުއަނެކަކާ ދެމެދު އޮންނަ ގުޅުންތަކުގައި އިސްލާމީ ހަމަތަކާއި އުޞޫލުތަކަށް ތަބާނުވާހާ ހިނދަކު އަދި ރިވެތި އަޚްލާޤާ އެއްސަފުން ނުދާހާ ހިނދަކު އޭނާ ﷲ އާ އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި އަޅުކަންތައް އަދާކުރި ކަމުގައިވިއަސް އޭނާގެ ދީން ފުރިހަމަ ނުވާނެ ކަމެވެ.
ހެޔޮގޮތުގައި މުޢާމަލާތު ކުރާ ފުރިހަމަ އިންސާނެއްގައި ހުންނަން ޖެހޭ ވަރަށް ގިނަ ސިފަތަކެއް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. ސޫރަތުލް އިސްރާއުގައި 23 ވަނަ އާޔަތުން 38 ވަނަ އާޔަތާ ދެމެދު މިފަދަ ވަރަށް މުހިންމު ސިފަތަކެއް ބަޔާން ކުރައްވާފައިވެ އެވެ. އެސިފަތަކުގެ ވާހަކަ ފެށިފައިވަނީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރު ކުރަމުންނެވެ. އެދެމީހުންނާ ދިމާއަށް ކިތަންމެ ކުޑަބަހެއް ނަމަވެސް ނުރުހިގެން ނުބުނުމަށެވެ. އަދި އެދެމީހުންނަށް ކިޔަމަންވެ އެދެމީހުންނަށް ހެޔޮދުޢާ ކޮށްދިނުމަށެވެ. އެއަށް ފަހު ދެން އަންގަވަނީ ގާތްތިމާގެ މީހުންނާއި މިސްކީނުންނާއި ހާލުގައި ޖެހިފައިވާ މީހުންނަށް ހެޔޮކޮށް ހިތައި އެމީހުންގެ ހައްގުތައް އަދާކުރުމަށެވެ. އަދި އިސްރާފު ނުކުރުމަށެވެ. ހޭދަކުރުމުގައި މެދުމިންވަރެއް ގެންގުޅުމަށެވެ. އަދި ފަގީރުވެދާނެ ކަމުގެ ބިރަށް ދަރިން މެރުމުގެ އާދަ ދޫކޮށްލުމަށެވެ. ދެން އޭގެފަހުގައި އަންގަވަނީ ޒިނޭ ނުކުރުމަށާއި ހައްގެއް އޮވެގެން މެނުވީ އިންސާނަކު ނުމެރުމަށާއި ޔަތީމުންގެ މުދަލަށް އަރައިނުގަތުމަށެވެ. އަދި ޢަޙުދުތަކަށް ރައްކާތެރިވުމަށެވެ. އެއަށްފަހު، މިނެކިރުމުގައި މަކަރު ނުހެދުމަށާއި އިންސާފުވެރި ގޮތުގައި ވަޒަން ކުރުމަށް އަންގަވާފައިވެ އެވެ. ފުރިހަމަ އިންސާނެއްގެ ކިބައިގައި ހުންނަން ޖެހޭ މިސިފަތައް ބަޔާން ކުރާ އެއާޔަތްތައް ނިންމާލައްވާފައިވަނީ ނޭނގޭ ކަންކަމުގެތެރެއަށް ވަދެ ނުގަތުމަށާއި ބޮޑާކަމާ އެކު ބިމުގައި ހިނގާ ނޫޅުމަށް އަމުރު ކުރައްވަމުންނެވެ.
މި ސިފަތަކަކީ އިންސާނާގެ އިސްލާމްވަންތަކަން ފުރިހަމަކުރުމަށްޓަކައި ނުހަނު ބޭނުންތެރި ސިފަތަކެވެ.
މި ސިފަތަކާ އަދި މިނޫންވެސް އެހެން ސިފަތައް ފުރިހަމަ ކުރެވޭނީ ދިރިއުޅުމުގެ ހަޔާތުގެ ކޮންމެ ކަމެއް އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކޮށްގެންނެވެ. މިގޮތުން މިސާލަކަށް އިގުތިސާދީ ދާއިރާއަށް ބަލާއިރު މުދާ އުފެއްދުމާއި، މުދާ ރޯލު ކުރުމާއި، މުދަލުގެ ބޭނުން ހިފުމުގައި ހިންގަން ޖެހޭ ހުރިހާ މުއާމަލާތެއް އިސްލާމީ މިންގަނޑުން ބޭރުނުވެ ކުރުމުންނެވެ. ދުނިޔޭގެ ދިރިއުޅުމުގައި ވަކި ބަޔަކު މިނޫން އެހެން ގޮތަކަށް ތަބާވި ނަމަވެސް އެގޮތަށް މުސްލިމުން ދީލާނުލައި ތިބެގެންނެވެ. ހަމައެފަދައިން ސިޔާސީ ދާއިރާއަށް ބަލާއިރު ގާނޫނުތައް ހެދުމާއި، ވެރިން އައްޔަން ކުރުމާއި، ގާނޫނާ އެއްގޮތަށް ވެރިކަން ކުރުމާއި، އަދުލު އިންސާފުގެ ކަންކަން ކުރިއަށް ގެންދިއުމާއި މިފަދަ ހުރިހާ ކަމެއްގައިވެސް ﷲ ބާވާލައްވާފައިވާ ހުކުމާ ޚިލާފު ނުވާ ގޮތަށް ކަންކަން ކޮށްގެންނެވެ. އެކަމަކު މިއާ ޚިލާފަށް ބައެއް ކަންކަން ﷲ އަންގަވާފައިވާ ގޮތަށް ކޮށްފައި އަނެއް ބައިކަންކަން ވަކި ބަޔަކު ރުއްސަން އެހެން ގޮތަކަށް ކުރާ ނަމަ އެއީ ﷲ ބާވާލެއްވި ފޮތުގެ އެއްބަޔަށް އީމާންވެ އަނެއް ބަޔަށް ކުފުރު ވުމެވެ. (އަލްބަޤަރާ 85). އަދި ޒަމާނާއި ތަނަށް ނުފެތޭތީ އޭ ކިޔާފައި ދީން ސިޔާސީ ކަންކަމުން އެއްފަރާތް ކޮށްލުމަކީ ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ހުކުމް ކުރުން ދޫކޮށްލުމެވެ. ކީރިތި ޤުރުއާނުގައި މިކަން ސިފަ ކުރައްވާފައި ވަނީ ކާފިރުން ނުވަތަ ފާސިޤުން ނުވަތަ އަނިޔާވެރިން ކުރާނެ ކަމެއްގެ ގޮތުގައެވެ. (އަލްމާއިދަތު 44-47).
ވީމާ އިސްލާމް ދީނަކީ ހަމައެކަނި ﷲ އާ އިންސާނާއާ ދެމެދު އޮންނަ ގުޅުމެއް އެކަންޏެއް ނޫނެވެ. އެއާ އެކު ހެޔޮގޮތުގައި މުޢާމަލާތު ކުރުމާއި ރިވެތި އަހުލާގީ ސިފަތައް އަށަގެންނެވުން ހިމެނެއެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރުމުގައި އެކަންކަން އިސްލާމްވަންތަ ކުރުވުން ވެސް ހިމެނެއެވެ. ލާދީނިއްޔަތު ނުވަތަ ސެކިއުލަރިޒަމް އަކީ މުސްލިމުންނަށް އެކަށީގެންވާ ގޮތެއް ނޫނެވެ.