29 އޯގަސްޓް 2016 - 06:30

ފައިވާން ހެދުމަށް މަޝްހޫރު ޕާކިސްތާނު މީހަކު ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާނަށް ފުއްލާ ހަމުން ފައިވާނެއް ހެދުމުން ޖަލަށް ދާން ޖެހިއްޖެ އެވެ.

ޑޯންނިއުސްގައި ބުނާ ގޮތުން ޕާކިސްތާނުގެ ޕިޝާވަރްގައި، ނޫރް ޖަހާން ކިޔާ ޝާހްރުކްގެ ދެބެންގެ ދެ ދަރި މީހަކު ދިރިއުޅެ އެވެ. ނޫރް ޖަހާން އަކީ ދޭތެރެ ދޭތެރެއިން ޝާހްރުކް ކައިރިއަށް އިންޑިއާ އަށް ގޮސް އުޅޭ މީހެކެވެ. އެގޮތުން އޭނާ އެންމެ ފަހުން ޝާހްރުކަށް ޒިޔާރަތްކުރި ފަހަރު ޕިޝާވަރްގެ ޚާއްސަ ފައިވާނެއް ހަދައިދިނުމަށް ޝާހްރުކް އޮތީ ނޫރް ޖަހާން ގާތުން އެދިފަ އެވެ.
ޝާހްރުކް އެދުނު ވައްތަރުގެ ފައިވާނެއް ތައްޔާރުކޮށްދިނުމަށް، ފައިވާން ހަދަން މަޝްހޫރު މީހެއްގެ ކައިރިއަށް ނޫރް ޖަހާން ދިޔަ އެވެ. މިއީ އޭނާ ޝާހްރުކް އާ ބައްދަލުކުރަން ވަރަށް އަވަހަށް އިންޑިއާއަށް ދަތުރެއް ކުރަން އުޅޭތީ ހަދިޔާއަކަށް ގެންދާ ފައިވާނެއް ކަމަށް، ފައިވާން ހަދާ މީހާ ކައިރީ ނޫރް ޖަހާން ބުންޏެވެ.
ފައިވާން ހަދާ މީހާ ވެސް އިއްތިފާގަކުން ވީ ޝާހްރުކްގެ ވަރަށް ބޮޑު ފޭނަކަށެވެ. އެހެންވެ ނޫރް ޖަހާން އަށް ފައިވާން ހަދައިދޭއިރު އޭނާ ވެސް ޝާހްރުކަށް ފައިވާނެއް ހަދިޔާއަކަށް ފޮނުވަން ގަސްތުކޮށް ފުއްލާގެ ހަމުން ވަރަށް ޚާއްސަ ފައިވާނެއް ހެދި އެވެ.
ނަމަވެސް ޖަހާންގީރް މިފަދަ ފައިވާނެއް ޝާހްރުކަށް ހަދިޔާކުރަން ތައްޔާރުކުރާ ވާހަކަ މީހުން ދައްކާ އަޑު ޕާކިސްތާންގެ ވައިލްޑްލައިފް ޑިޕާޓްމަންޓްގެ އޮފިޝަލުންނަށް އިވި މިކަން ބޮޑު މައްސަލައަކަށްވީ އެވެ. ފުއްލާ އަކީ އެ ގައުމުގައި ހިމާޔަތްކުރެވިފައިވާ ޖަނަވާރަކަށް ވާތީ އޭގެ ހަމުން އެއްޗެއް އުފެއްދުމަކީ ކުށެކެވެ. އެހެންވެ އެމީހުން ފުލުހުންނަށް މިކަމުގެ ޝަކުވާ ހުށަހެޅީ އެވެ.
ޕާކިސްތާން ފުލުހުން ބުނީ ވައިލްޑްލައިފް ޑިޕާޓްމަންޓުން މައްސަލަ ޖެއްސުމާ ގުޅިގެން ޖަހާންގީރް ހައްޔަރުކޮށް މިހާރު ޖަލަށް ލާފައިވާ ކަމަށެވެ.
އަދި މިހާރް ޕޭޝާވަރްގެ ވައިޑްލައިފް ޑިޕާޓްމަންޓުގެ އޮފިޝަލުން ގެންދަނީ ޖަހާންގީރް ހެދި ފައިވާނުގައި ހަގީގަތުގައި ވެސް ބޭނުންކޮށްފައި ވަނީ ފުއްލާގެ ހަންތޯ ޔަގީން ކުރުމަށް ޓެސްޓް ކުރަމުންނެވެ. އެއީ ފުއްލާގެ ހަން ކަން ސާބިތުވެއްޖެ ނަމަ ވައިލްޑްލައިފް ގާނޫނުތަކުގެ ދަށުން ބޮޑު ޖޫރިމަނާއެއްކޮށް ކޯޓަށް ވެސް މައްސަލަ ހުށަހަޅާނެކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެ ކުރިން 1997 ގައި ވެސް ނޫރް ޖަހާން ވަނީ ޝާހްރުކަށް ޕާކިސްތާނުގައި ތައްޔާރުކުރާ މިފަދަ ފައިވާން ހަދިޔާ ކޮށްފަ އެވެ.
ޖަހާންގީރް އަކީ މި ސްޓައިލްގެ ފައިވާން އުފެއްދުމަށް ޕާކިސްތާނުގައި ވަރަށް މަޝްހޫރު މީހެކެވެ. ތަންކޮޅެއް ކުރިން އޭނާ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް މިނިކާވަގުގެ ހަމުން ފައިވާނެއް ތައްޔާރުކޮށްދީފަ އެވެ.