07 މާޗް 2019 - 22:40

މާޒިޔާ އަށް ކުޅޭ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.

ތ. ތިމަރަފުއްޓަށް އުފަން އިރޭ ވަނީ މާޒިޔާއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެ.
އިސްމާއިލް އާސިފް (ކުޑަހީނާ)ގެ އިރުޝާދުގެ ދަށުން ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިރޭ މާޒިޔާއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިންގެ ތެރޭގައި އިރޭ ހިމެނެ އެވެ. އޭނާ ވަނީ މާޒިޔާއާ އެކު ޔޫތު މުބާރާތް ވެސް ކުޅެފަ އެވެ. އަދި ސީނިއާ ޓީމުގެ ކެޕްޓަންކަން ވެސް ގިނަ މެޗުތަކެއްގައި ކުރި އެވެ.
އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މާޒިޔާ އަށް 2014 ވަނަ އަަހަރު ކުޅުނުއިރު، އިރޭ ވަނީ އެ އަހަރު ރާއްޖޭގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިންގައި ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ ކްރޮއޭޝިއާގެ ކޯޗު ޕީޓަ ސެގާޓް ހަވާލުވި ފަހުން އިރޭ އަށް ވަނީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފަ އެވެ. މިދިޔަ އަހަރު ސިންގަޕޫރާއި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ފުރަތަމަ އެގާރައިގައި ހިމެނުނުއިރު، މިއީ އިރޭ އަށް ލިބިގެންދިޔަ ފުރަތަމަ ބޮޑު ފުރުސަތުތަކެވެ.
ދިހަ އަހަރަށް ފަހު މިދިޔަ އަހަރު ރާއްޖޭން ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ހިމެނޭ އިރޭ ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އޭނާ ވަނީ މާޒިޔާއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ތަށި އުފުލާލައިފަ އެވެ.
މާޒިޔާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް ވަހީދު ހަަސަން (އިއްބެ) އަދި ވިކްޓަރީ އަށް މޮޅު ކުޅުމެއް ދެއްކި ހުސެއިން ނިހާން (ނިހާޓް) އާ އެކު ވެސް ތިން އަހަރުގެ އެއްބަސްވުމެއް ހަދައިފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާ ދޫކޮށް ދިޔަ ކުޅުންތެރިންނަކީ ދަ ގްރާންޑޭ އަށް ސޮއިކުރި ޔަސްފާދު ހަބީބު (މުލަކޭ) އާއި ޓީސީ އަށް ބަދަލުވި އިސްމާއިލް އީސާ (މެސީ) އެވެ. އަދި ދާދި ފަހުން ގްރީން ސްޓްރީޓްސް އަށް ސޮއިކުރި ގާސިމް ސައްމާމު (ސައްމެ) އެވެ.
މިދިޔަ އަހަރު މާޒިޔާ އަށް ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވެސް މި އަހަރު އެ ޓީމުން ނުފެންނާނެ އެވެ. އިންމަ ވަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭއާ ހަވާލުވެފަ އެވެ. ޓީމަށް އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް މާޒިޔާ އިން އަންނަނީ ކުރަމުންނެވެ. އަދި ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާ އަށް އިތުރު ކުޅުންތެރިން ގެންނާނެ ކަމަށް ބެލެވެ އެވެ.
މިހާތަނަށް ކްލަބްތަކުން ސޮއި ހޯދި ކުޅުންތެރިންނަށް ބަލާއިރު އަރަމުން އަންނަ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިން ގުޅުނީ މާޒިޔާއާ އެވެ.
މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޖޫން މަހު ކަމަށް އެފްއޭއެމުން ވަނީ އިއުލާނުކޮށްފަ އެވެ. އެކަމަކު އެފްއޭއެމްގެ ކަލަންޑަރު އަދި އާންމުކޮށްފައެއް ނުވެ އެވެ. އެފްއޭއެމުން އެންމެ ފަހުން ބުނީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް ކަލަންޑަރު ފައިނަލް ކުރާނެ ކަމަށެވެ.