07 މާޗް 2019 - 19:39

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޗާޕް ކުރުމަށް، އެމް7 އާއި ނޮވެލްޓީން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
މި ފަހަރުގެ އާންމު އިންތިޚާބުގެ ވޯޓު ކަރުދާސް ޗާޕް ކުރަން ޝައުގުވެރިވި ދެ ކުންފުނީގެ ތެރެއިން އެމް7 އަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވޯޓު ކަރުދާސް ޗާޕް ކުރި ކުންފުންޏެވެ. އެ އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕް ކުރުމުގެ ޝައުގުވެރިކަން ނޮވެލްޓީން ފާޅުކޮށް ބިޑް ކުރި އެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނަށް އެންމެ ރަނގަޅު ބައެއްގެ ގޮތުގައި ފެނުނީ އެމް7 އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ވޯޓު ކަރުދާސް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވައިލި ފުރުސަތުގައި ތިން ފަރާތަކުން މައުލޫމާތު ސާފު ކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމް7 އާއި ނޮވެލްޓީ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެން މައުލޫމާތު ސާފު ކުރި މީހުން، ވޯޓު ކަރުދާސް ޗާޕް ކުރުމަށް ޝަރުތު ހަމައެއް ނުވެ އެވެ.
"ބިޑް ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ބައެއް ބަލާފައި އިންތިޚާބުގެ ވޯޓު ކަރުދާސްތައް ޗާޕްކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ހަވާލު ކުރާނަން،" އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މަޖިލިސް އިންތިޚާބުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ އަންނަ އާދިއްތަ ދުވަހުގެ މެންދުރު ފަހު ދޭއް ޖެހުމާ ހަމައަށް އޮންނާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާހާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިކޮށް، އެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އިންތިޚާބު ބާތިލް ކުރަން އެންމެ ބޮޑަށް ފާހަގަ ކުރި އެއް ކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދެ ދަރިކަލެއްގެ މަސްލަހަތު އޮތް ކުންފުންޏެއް ކަމަށްވާ އެމް7 އަށް ވޯޓު ކަރުދާސް ޕްރިންޓް ކުރަން ދިނުމެވެ.
ވޯޓު ކަރުދާސް ޕްރިންޓް ކުރަން ނޮވެލްޓީން ބިޑް ހުށަހަޅައި، ގިނަ ޕޮއިންޓް ލިބިފައި ވަނިކޮށް އެ ބިޑްތައް ބާތިލް ކުރުމަށް ފަހު، އެމް7 ކުންފުންޏަށް އެ މަސައްކަތް ދިނީ ވަކި ގޮތަކަށް އިންތިޚާބުގެ ކަންކަން އަނބުރާލަން ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔުން އަމާޒުވެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް އޭރު އަމާޒުވި ފާޑުކިއުންތަކަށް އެ ކޮމިޝަނުން ރައްދު ދެމުން ބުނެފައި ވަނީ ބިޑް ކުރުމެއް ނެތި އެމް7 އަށް އެ މަސައްކަތް ދިނީ ސީދާ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުއްދަ ދެއްވައިގެން، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ވޯޓު އޮޅުވައިލި ކަމަށް ބުނެ އެ މައްސަލައިގައި ފާހަގަކުރި އެއްވެސް ކަމެއް ހިނގި ކަމުގެ ހެއްކެއް ދެއްކިފައި ނެތް ކަމަށެވެ.
އެމް7 އަށް ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލު ކުރުމަކީ އިންތިޚާބުގެ ކަންކަމުގައި ވަކި ބަޔަކަށް ފައިދާ ލިބޭ ގޮތަށް ކޮމިޝަނުން އަމަލު ކުރި ކަމެއް ކަމަށް ބާރު ލިބޭ ދަލީލެެއް ނޫން ކަމަށް ހުކުމްގައިވެ އެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ގަބޫލު ކުރެވޭ ނަމަ، ކޮރަޕްޝަންގެ އަމަލުތައް ބެލުމަށް އޮންނަ އުސޫލުގެ ތެރެއިން އެކަން ބެލުމަށް ހުރަހެއް ނެތް ކަން ހުކުމްގައި ފާހަގަ ކުރި އެވެ. އެ ހުކުމްގައިވާ ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓް ކަރުދާހުގައި މައްސަލަ ހުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ސުވާލު އުފެއްދުމުން ވޯޓް ކަރުދާހުގައި ހުންނަ ސެކިއުރިޓީ ފީޗަރސްގެ އިތުރުން މިފަހަރު އިންތިޚާބުގައި ބޭނުންކުރާ ކަރުދާހުގައި އިލެކްޝަންސް ކޮމިޝަންގެ ތައްގަނޑު ޖަހަން އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.