07 މާޗް 2019 - 17:39

ދީނީ މައުލޫމާތު ހޯދާއި އެކި ކަންކަން އޮޅުން ފިލުވުމަށް، ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންނާ "ކޮފީ މޭޒަކުން" ބައްދަލު ކުރުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި ޒުވާނުންނަށް ހާއްސަކޮށްގެން އެތަނުން ފުރަތަމަ ފަހަރަށް ހިންގަން ފެށި "ކޮފީ މޭޒު" ޕްރޮގްރާމްގެ ދަށުން، އަންނަ އާދިއްތަ ދުވަހު އޮލިވްގާޑަން ރެސްޓޯރަންޓުގައި ޝައިޚް ފައްޔާޒް އަލިމަނިކާއި ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާއި ޑރ. ސައުދުﷲ އަލީ ޒުވާނުންނާ ބައްދަލު ކުރައްވާނެ އެވެ.
ތިން ބޭފުޅުން ވެސް ތިއްބަވާނީ ވަކިވަކިން ކަމަށާއި ބޭނުން ޒުވާނަކު އެ ތަނަށް ގޮސް، އިލްމުވެރިންނާ ސުވާލު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ބޮޑެތި ދީނީ އިލްމުވެރިންނާ ބައްދަލުކޮށް، ސުވާލުކޮށް ދީނީ މައުލޫމާތު ބަދަލު ކުރެވޭނެ އެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބު އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ ދީނީ އިލްމުވެރިންނާ ބައްދަލުކޮށް، ޒުވާނުންނަށް ދީނީ ކަންކަމާ ގުޅޭގޮތުން ބޭނުން ސުވާލު ކުރެވޭނެ ކަމަށެވެ.
"އެ ވަގުތު ކޮފީ ވެސް ހަމަ ހިލޭ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އަހުމަދުﷲ ވިދާޅުވި ގޮތުގައި މި ފަދަ ޕްރޮގްރާމެއް ފެށުމަށް ނިންމީ، އެ މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ދަރުހާއި ދީނީ މައުލޫމާތު ދޭ ސެޝަންތަކުގައި މުޅިން ވެސް އެއް ބަޔަކު ބައިވެރިވާތީ އެވެ. އެހެންވެ، އެ މިނިސްޓްރީގެ މަގްސަދަކީ "ޒުވާނުން ނާންނާތީ އެ މީހުންނާ ހަމައަށް އިލްމުވެރިން ދިޔުން" ކަމަށް ވިދާޅުވި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކިހާ ދުވަހެއް ވަންދެން ކަމެއް މިނިސްޓްރީއަކުން އަދި ކަނޑައެއް ނާޅަ އެވެ. އެކަމަކު ޒުވާނުންގެ ތަރުހީބު އެކަމަށް ލިބޭ ނަމަ ގަވައިދުން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.