28 އޯގަސްޓް 2016 - 10:47

ޑިޓިއުން ބޭންޑްގެ އާ ލަވަ "އައްޗި ޗީ ޗީ" މިހާރު މިއޮތީ ބެލުންތެރިންނާ ހިސާބުގަ އެވެ. ޓީޒާ އިން ވެސް ފެނުނު ގޮތަށް، މި ލަވައިގެ ވީޑިއޯ ވަރަށް ތަފާތެވެ.
ދިވެހި ލަވައެއް މީގެ ކުރިން ގެނެސްދީފައި ނުވާ ކަހަލަ ތަފާތު ކޮންސެޕްޓަކަށް، ތަފާތު ކެރެކްޓާތަކަކާ އެކު "އައްޗި ޗީ ޗީ" ގެނެސް ދީފައިވެ އެވެ.
ލަވަ ގެނެސްދީފައި ވަނީ ހޮލީވުޑްގެ "ސިން ސިޓީ" ސްޓައިލަށެވެ. އެހެންވެ މީގެ ހާއްސަ ކަމަކީ ކަޅާއި ރަތް ކުލަ އެވެ. ލަވަ ކިޔައިފައި ވަނީ ބޭންޑްގެ ފިރިހެން ލީޑް ވޯކަލިސްޓް އަހުމަދު ފުރުގާން (ފުޖީ) އެވެ.
ތަފާތު ގޮތަކަށް ލަވަ ގެނެސް ދިނުމުގެ ފަހަތުގައި އޮތީ ޗޮޕާޓެވެ.
ޑިޓިއުނުން ބުނެފައިވާ ގޮތުގައި ލަވައިގައި ދައްކައި ދެނީ ބޭންޑަށް ދިމާވި ހަގީގީ ހާދިސާއެކެވެ. ލަވައިގެ ސްޓޯރީބޯޑް ރާވައިފައި ވަނީ ޗޮޕާޓުންނެވެ. ލަވަ ބަލާލުމުން ލަވަ އަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
އާންމުކޮށް ފެންނަ ދިވެހިލަވަތަކާ މާ ބޮޑަށް ވެސް ތަފާތުކޮށް "އައްޗި ޗީ ޗީ" ގެނެސް ދޭން ކޮށްފައި ހުރި މަސައްކަތްތަކަށް ހިތްވަރު ވެސް ދޭން ޖެހެ އެވެ.
އެހެންވެ މި ލަވަ ބެލުންތެރިންނަށް ވެސް ކަމުދާނެ ކަމަށް ބަލާ ހިނގާށެވެ. ޑިޓިއުނުން އެންމެ ފަހުން ގެނެސް ދިން ވީޑިއޯ ލަވަ "ވައި ސޯންގް" އަކީ ވެސް އެހާ ބޮޑަށް ވައިގައި ހިފި ލަވައެކެވެ.
"އައްޗި ޗީ ޗީ" ލަވަ ބެލުންތެރިންނަށް ކަމުދޭތޯ ބަލަން ލަވަ ބަލާލަމާ ހިނގާށެވެ.