ހާއްސަ މެޗުގެ މެހެމާން ޒަވީ ރާއްޖެ އަތުވެއްޖެ
ހާއްސަ މެޗުގެ މެހެމާން ޒަވީ ރާއްޖެ އަތުވެއްޖެ

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު މާދަމާރޭ ކުޅޭ ފުޓްބޯޅަ މެޗުގެ ހާއްސަ މެހެމާން ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް ޒަވީ ހެނާންޑޭޒް ރާއްޖެ އަތުވެއްޖެ އެވެ.

ގަތަރުގެ އަލް ސާދު އަށް ކުޅޭ ޒަވީ ރާއްޖެ އައީ ގަތަރުގެ ވެރިރަށް ދޯހާ އިންނެވެ. އޭނާ އަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަރުހަބާ ކިޔާފައިވަނީ އެފްއޭއެމްގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އާއި އެ އެސޯސިއޭޝަނުގެ އިސްވެރިންނެވެ.

ޒަވީ އެއާޕޯޓުން ސީދާ ދިޔައީ އޭނާ ހުރުމަށް ހަމަޖެހިފައިވާ ޖުމެއިރާ ވިޓަވެއްލި ރިޒޯޓަށެވެ. އޭނާ މާލެ އަންނާނީ މާދަމާރޭގެ މެޗަށެވެ. މި މެޗުގައި ޒަވީ ނުކުޅުނު ނަމަވެސް، އޭނާ ސަޕޯޓަރުންނާ ބައްދަލުކުރާނެ އެވެ.

ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް ކުޅޭ މި މެޗުގައި މެހެމާނެއްގެ ގޮތުގައި ޒަވީ ބައިވެރިވި ނަމަވެސް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ފަބިއަން އަޔާލާ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކުރި ޒަވީ ވަނީ ސްޕެއިން ގައުމީ ޓީމަށް 133 މެޗު ކުޅެދީފަ އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޒަވީ ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް 1998 އިން 2015 އަށް 505 މެޗު ކުޅެދީފަ އެވެ. އެ ކްލަބާ އެކު އޭނާ ވަނީ ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ.