07 މާޗް 2019 - 15:26

އަންހެނުންގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް، ރާއްޖޭގެ ތާރީޚުން ފެންނަ އަންހެން ޝަހުސިއްޔަތު، ރެހެންދި ހަދީޖާ އާއި ފިރިހެނުންނާއި އަންހެނުން ތަފާތުކުރާ، ރަދީފުގެ ބަސްތަކަކުން މިއަދު މިސާލު ނަންގަވައިފި އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިސާލަކަށް ރެހެންދި ހަދީޖާ ނެންގެވީ ތާރީޚުގައި އެކަމަނާއާ ބެހޭ ގޮތުން ބޭއިންސާފު ކަންކަން ހުރުމުން ކަމަށް ވިދާޅުވެ އެވެ.
ޝިދާތާ ފާހަގަކުރެއްވި ގޮތުގައި ރެހެންދި ހަދީޖާ އެނގެނީ ދެ ފިރިކަލުންނާއި ކޮއްކޮ އަވަހާރަކޮށްލި ރާނީއެއްގެ ގޮތުގަ އެވެ. އެކަމަކު އެގޮތަށް ރެހެންދި ހަދީޖާ އަމަލްކުރެއްވި ސަބަބު ހާމަކޮށްފައި ނުވުމަކީ ތަފާތު ކުރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ތާރީޚީ ފަތްފުތްތަކުގައިވާ މިފަދަ ހާދިސާތަކުގެ އެންމެ ފުރިހަމަ މައުލޫމާތު ހާމަކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ޝިދާތާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދުވަސްވަރު ރަސްކަން ވާރުތަވާ ގޮތާއި ރަސްކަމެއް ފޭރިގަތުމުން ގާނޫނުގައި އޮތް އަދަބަށް ވެސް ރިއާޔަތްކޮށް ފުރިހަމަ މައުލޫމާތު ދިވެހި ތާރީޚުން އެނގުން މުހިއްމު ކަމަށެވެ. އަދި ރެހެންދި ހަދީޖާގެ ރަނިކަމުގައި ހިނގި ފަދަ ހާދިސާތައް ރަސްރަސްކަލުންގެ ޒަމާނުގައި ވެސް ހިނގާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެފަދަ ރަސްކަލުން ބަތަލުންގެ ގޮތުގައި ސިފަކުރެވިފައިވާކަން ފެންނަން އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
ދިވެހި ބަހުގެ ރަދީފުގައި އަންހެނުންނާއި ފިރިހެނުންގެ ތައާރަފް ލިޔެފައިވާ ގޮތަށް ވެސް ޝިދާތާ ފާޑުވިދާޅުވި އެވެ. އެގޮތުން "ފިރިހެން" މި ލަފުޒުގެ މާނައިގައި "ހިތްވަރު ގަދަ" މިހެން ލިޔެފައިވާ އިރު "އަންހެން" ސިފަކުރުމުގައި އެގޮތަށް މާނަކޮށްފައި ނެތުމަކީ މައްސަލައެއްގެ ގޮތުގައި އޭނާ ނެންގެވި އެވެ.
"ހިތްވަރުގަދަ ކަމަކީ ވަކި ޖިންސަކަށް ތަބީއީ ގޮތުން ހާއްސަ ސިފައެއް ކަމުގައި ނުވާ އިރު، އަދި އަންހެނުންނަކީ ވެސް ފިރިހެނުންނެކޭ އެއްފަދައިން ހިތްވަރުގަދަ ބައެއް ކަމުގައި ވާއިރު ޖިންސު ސިފަކޮށްދިނުމުގައި މިފަދަ ތަފާތުކުރުންތައް ގެންގުޅުމަކީ ރަނގަޅު ގޮތް ނޫންކަން އަޅުގަނޑު ފާހަގަކުރަން،" ޝިދާތާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި ދައުލަތަށް މުހިއްމު ހިދުމަތްތައް ކުރެއްވި އަންހެން ބޭފުޅުންގެ ނަންތައް ހަނދާން ނަންތާލާފައިވާ ކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮގުގައި ތާރީހަކީ އަމާނާތަކަށް ވާއިރު ވަކި ޖިންސަކަށް ވީތީ ޒިކުރާ އާނުކުރުމަކީ ހިތާމައެއް ކަމަށެވެ.
"ރާއްޖޭގައި ވެރިކަން ކުރި އެކި ރަސްރަސްކަލުންގެ ޒިކުރާ ތަފާތު އެކި ގޮތްގޮތަށް މިއަދު އަޅުގަނޑުމެން ހަނދާން ކުރަމުން ދާއިރު، ދިވެހި ދައުލަތަށް މުހިއްމު ހިދުމަތްތައް ކުރެއްވި އަންހެނުންގެ ނަންތައް ހަނދާން ނައްތާލާފައި އޮތުމަކީ ވަރަށް ހިތާމަހުރި ކަމެއް،" ޝިދާތާ ވިދާޅުވި އެވެ.
ހަނދާން އާކުރުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކުރާ ގޮތުގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ސަރުކާރުގެ އިމާރާތްތަކަށް ދީފައި ހުންނަ ނަންތަކެވެ. ދެން ވިދާޅުވީ އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަަމަށެވެ.
"ކުރިން ދަންނަވާލެވުނު މިސާލުތަަކަށް ބަލާއިރު، ތާރީހީ ހާދިސާތައް ކިޔައި ދިނުމުގައި ވެސް އަންހެނަކަށް ވީތީ ތަފާތުކުރުންތައް ގެންގުޅެފައިވާކަން އެނގި ހާމަވެގެންދޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޝިދާތާ ވިދާޅުވި އެވެ.