07 މާޗް 2019 - 11:57

އެޗްއާރުސީއެމުން ހިލޭ ގާނޫނީ އެހީ ދެމުން އައި މިންގަނޑަށް ބަދަލު ގެނެސް، އާ ގަވައިދެއް އެކުލަވާލައިފި އެވެ. އާ ގަވައިދުގައި ބުނާގޮތުން ދެން އެހީ ދޭނީ، މުސާރައިގެ ގޮތުގައި 10،000ރ. ނުލިބޭ މީހުންނަށެވެ.
އެޗްއާރުސީއެމުން ކުރިން ވެސް މި އެހީތެރިކަން ފޯރުކޮށްދެ އެވެ. އެކަމަކު އޭރު ޝަރުތެއްގެ ގޮތުގައި ބަލާފައި އޮންނަނީ މުސާރައިގެ ގޮތުގައި 4،000ރ. އަށް ވުރެ ދަށުން ލިބުމެވެ.
އެޗްއާރުސީއެމުން ހިލޭ ގާނޫނީ އެހީ ދިނުމުގެ އާ ގަވައިދު މިއަދު ގެޒެޓްކޮށްފައިވާއިރު އެހެން ބައެއް ބަދަލުތައް ވެސް ވަނީ ގެނެސްފަ އެވެ. އެގޮތުން ކުރިން އެ އެހީތެރިކަން ދެނީ، މާލީ ނުކުޅެދުންތެރިކަމުގެ ސަބަބުން، ދައުލަތުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ދައުލަތުގެ އެހެން މުއައްސަސާއަކުން، ހިލޭ ގާނޫނީ އެހީ ނުލިބޭ މީހުންނަށެވެ.
އެކަމަކު 20 އަހަރު ނުފުރޭ މީހުންނަށް، އަހަރަކަށް ވުރެ ކުރު މުއްދަތުގެ ހުކުމެއް ކަނޑައަޅާ ޖިނާއީ މައްސަލަތަކުގައި މިހާރު އެޗްއާރުސީއެމުން އެހީތެރިކަން ދެ އެވެ. އެއީ ގާނޫނީ ގޮތުން ކުޑަކުދިންގެ ގޮތުގައި ބަލާ އުމުރު ކަމަށްވާ 18 އަހަރު ހަމަވުމާއެކު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އެ އުމުރުފުރައިގައި އަންނާތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން، ކުޑަކުދިންނަށާއި އެކި ބާވަތުގެ އަނިޔާ އާއި ތަފާތު ކުރުންތައް ކުރިމަތިވެފައިވާ އަންހެނުންނަށާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް، ގާނޫނީ އެހީތެރިކަން ދިނުމަށް ވަނީ ނިންމާފަ އެވެ.
- މަދަނީ މައްސަލަތައް
- ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، ޝަރީއަތް މެދުވެރިކޮށް ކުރިއަށް ގެންދިޔުމަށް ފެންނަ މައްސަލަތައް
- މައްސަލައިގެ ބާވަތާއި ހާލަތަށް ރިއާޔަތްކޮށް، އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ފެންނަ މައްސަލަތައް
އެޗްއާރުސީއެމުން ބުނިގޮތުގައި އެތަނުން ފޯރުކޮށްދޭ ގާނޫނީ އެހީތެރިކަމުގެ ހިދުމަތްތަކުގެ ތެރޭގައި، ގާނޫނީ ލަފާ ދިނުމާއި ކޯޓުތަކުގައި ތަމްސީލުކޮށްދިނުމާއި ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްދިނުމަށް އެހީތެރިވުން ހިމެނެ އެވެ.
އެ އެހީތެރިކަން ބޭނުންވާ ނަމަ، ފޯމަކުން ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އަދި 15 ދުވަހުގެ ތެރޭގައި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމައި، އެހީތެރިކަން ފޯރުކޮށްދެވޭނެތޯ ނުވަތަ ނޫންތޯ އަންގާނެ ކަމަށް އެޗްއާރުސީއެމްގެ ގަވައިދުގައި ބުނެފައި ވެ އެވެ.
ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން، އެޗްއާރުސީއެމަށް ހުއްޓާލުމުގެ އިހްތިޔާރު ލިބިގެންވެ އެވެ. އެކަމަކު އެއީ، އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމުގައި ނުބައި މައުލޫމާތެއް ހިމަނާފައިވާކަން އެނގުމުން ނުވަތަ އެހީތެރިކަން ލިބޭ މީހާ، ގާނޫނީ ވަކީލަށް ނުވަތަ ލީގަލް އޮފިސަރަށް ބިރު ދެއްކުން ފަދަ ކަމެއް ކޮށްފި ނަމަ އެވެ.