ސައިފް އަލީ ހާނާއި އާލިއާ ފަރްނީޗަރުވާލާގެ "ޖަވާނި ޖާނެމަން" ގެ ޝޫޓިން ޖޫން މަހު ފަށަނީ
ސައިފް އަލީ ހާނާއި އާލިއާ ފަރްނީޗަރުވާލާގެ "ޖަވާނި ޖާނެމަން" ގެ ޝޫޓިން ޖޫން މަހު ފަށަނީ

ސައިފް އަލީ ހާނާ އެކު، އާލިއާ ފަރްނީޗާރުވާލާ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޖަވާނި ޖާނެމަން" ގެ ޝޫޓިން ޖޫން މަހު ފަށަން ނިންމައިފި އެވެ.

އާލިއާ، 21، އަކީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރީގެ ދޮށީ އަންހެން ދަރިފުޅެވެ.

"ޖަވާނި ޖާނެމަން" ގެ ޝޫޓިން ޖޫން މަހު ފަށާކަން ކަށަވަރުކޮށް ދެމުން ޑައިރެކްޓަރު ނިތިން ކައްކަރު ބުނީ ފިލްމުގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ސްކްރިޕްޓް ވެސް އޮތީ އެއްކޮށް ނިމިފައި ކަމަށެވެ. އޭނާ ބުނީ ސައިފާ އެކު މަސައްކަތް ކުރެވޭތީ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށާއި މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"ޖަވާނި ޖާނެމަން" އަކީ ސައިފް މިދިޔަ އަހަރު އުފެއްދި ފިލްމު ކުންފުނި ބްލެޓް ނައިޓް ފިލްމްސް އިން ހަދާ ފުރަތަމަ ފިލްމެވެ. މި ފެމިލީ ޑްރާމާގައި ކިޔައި ދޭނީ އުމުރުން ދުވަސްވީ ކަމަށް ގަބޫލު ނުކުރާ ހިތް ޒުވާން ބައްޕައަކާއި އޭނާގެ ޒުވާން އަންހެން ދަރިއެއްގެ ވާހަކަ އެވެ.

ނިތިން ބުނީ ޖޫން މަހު "ޖަވާނި ޖާނެމަން" ގެ ޝޫޓިން ފެށި ނަމަވެސް، ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ.

"އެއީ ޕްރޮޑިއުސަރު ނިންމާނެ ކަމެއް. އަހަންނަށް ހީވަނީ ފިލްމުގެ ޝޫޓިން ފެށުނީމަ އެކަމާ ދޭތެރޭ ގޮތެއް ނިންމާނެހެން،" އޭނާ ބުންޏެވެ.

ދެހާސް ބާރަ ވަނަ އަހަރު "ފިލްމްސްތާން" ގެނެސް ދިން ޑައިރެކްޓަރު މިހާރު އަންނަނީ އޭނާގެ ދެވަނަ ފިލްމު "ނޯޓްބުކް" ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުންނެވެ. އެއީ ސަލްމާން ހާން ޕްރޮޑިއުސްކޮށް، މި މަހުގެ 29 ގައި ރިލީޒް ކުރާ "ނޯޓްބުކް" އެވެ.

މި ފިލްމަކީ މޯނިޝް ބޭލްގެ އަންހެން ދަރިފުޅު ޕްރަނޫޓާން ބޭލް އާއި ސަލްމާންގެ ޒަމާންވީ އެކުވެރިއެއްގެ ދަރިއެއް ކަމަށްވާ ޒަހީރު އިގްބާލް ބޮލީވުޑަށް ތައާރަފު ކުރާ ފިލްމެވެ.