އެފްއޭއެމަށް ޝައުގުވެރިވަންޏާ އިންތިހާބަށް ތައްޔާރުވޭ: ބައްސާމް
އެފްއޭއެމަށް ޝައުގުވެރިވަންޏާ އިންތިހާބަށް ތައްޔާރުވޭ: ބައްސާމް

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބަޔަކު މަސައްކަތްކުރުމުގެ ފަހަތުގައި އޮތީ އެހެން ސަބަބުތަކެއް ކަމަށާއި ލީޑާޝިޕަށް އަންނަން ބަޔަކު ޝައުގުވެރިވާ ނަމަ މެނިފެސްޓޯއެއް ހަދައި އަންނަ އަހަރުގެ އިންތިހާބަށް ތައްޔާރުވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޮވާލައްވައިފި އެވެ.

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދި 15 ކްލަބެއްގެ ސޮޔާ އެކު ދާދި ފަހުން ހުށަހެޅި އެވެ. އެކަމަކު ފީފާއާ މަޝްވަރާކުރުމަށް ފަހު އެފްއޭއެމުން ނިންމީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބާއްވާށެވެ. ސަބަބަކަށް އޭރު ބުނީ އޯޑިނަރީ ކޮންގްރެސްއެއް އޮތުމުން ކްލަބްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އޮތުމެވެ.

ފަހުން އެފްއޭއެމުން ބުނީ ސޮއިކުރި 15 ކްލަބުގެ ތެރެއިން ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައިވާތީ އާއި ރޮކް ސްޓްރީޓްސް އާއި ފޯކައިދޫ އަކީ މެމްބަރު ކްލަބްތަކަށް ނުވާތީ އެ ކްލަބްތައް އޭގައި ނުހިމެނޭނެ ކަމަށެވެ. އަދި އިތުރު ހަތަރު ކްލަބަކުން ނަން އަނބުރާ ގެންގޮސްފައިވާތީ ގާނޫނީ އަދަދު ހަމަނުވާ ކަމަށެވެ.

ބައްސާމް މިއަދު ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ދަ ގްރާންޑޭ، ޔުނައިޓެޑް ވިކްޓްރީ އަދި ކްލަބް އީގަލްސްގެ އޮފިޝަލުންނާ އެކު އެވެ. މީގެ ތެރޭގައި، ސޮއިކޮށް ނަން އަނބުރާ ގެންދިޔަ ކްލަބްތަކެއް ހިމެނޭކަމެއް ނޭގެ އެވެ. ނަން އަނބުރާ ގެންދިޔައީ ކޮން ކްލަބްތަކެއް ކަމަށް އެފްއޭއެމުން ބުނެފައެއް ނުވެ އެވެ.

ބައްސާމް މިއަދު ވިދާޅުވީ ކްލަބްތަކުގެ ހުށަހެޅުމުގައި ގާނޫނީ އަދަދު ހަމަނުވުމުގެ އިތުރުން އެދިފައިވާ ކަމަކީ އެފްއޭއެމް އަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބެއް ބޭއްވުމަށްޓަކައި ނޯމަލައިޒޭޝަން ކޮމިޓީއަކާ ތަން ހަވާލުކުރުމެވެ. ބައްސާމް ވިދާޅުވީ އެއީ ފީފާ އަށް ވެސް ވަކި ހާލަތެއްގައި ކުރެވެން އޮންނަ ކަމެއް ކަމަށެވެ. އެހެންވެ އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަންތައްތަކަށް ހުށަހަޅައިފި ނަމަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާނެ ކަމަށް ވިދާޅުވި އެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ވަކިވަކިން ކްލަބްތަކާ މަޝްވަރާ ކުރި ކަމަށާއި ގިނަ ކްލަބްތަކެއްގައި ކަންބޮޑުވުންތަކެއް ނެތް ކަމަށެވެ. އަދި ކްލަބްތަކުން ބޭނުންވަނީ މިކަންތައްތަކުން ދުރުހެލިވެ ސީޒަނަށް ތައްޔާރުވާން ކަމަށާއި އެފްއޭއެމްގައި ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރަން އެތަނުން ވެސް އެއްބާރުލުން ދޭނެ ކަމަށާއި ކްލަބްތަކުން ވެސް ތިބީ އެއްބާރުލުންދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް އޮއްވާ ކްލަބްތަކުން އެފަދަ ހުށަހެޅުމެއްގައި ސޮއިކުރި ސަބަބާ ބެހޭ ގޮތުބް ސުވާލުކުރުމުން ބައްސާމް ވިދާޅުވީ އެކަމުގެ ފަހަތުގައި އޮތީ އެހެން ސަބަބުތަކެއް ކަމަށާއި އެކަން ތަފްސީލްކުރަން ބޭނުންނުވާ ކަމަށެވެ. ބެލެވޭ ގޮތުގައި ބައްސާމް އެ އިޝާރާތްކުރެއްވީ، ކްލަބްތަކަށް ނުފޫޒުފޯރުވައިގެން އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު އިސްވެ މަސައްކަތްކުރައްވަމުން އަންނަ ކަމަށް އެފްއޭއެމުން ކުރިން ކުރި ތުހުމަތަށެވެ. އެކަމަށް ރިއާތަޔްކޮށް އެފްއޭއެމުން އޭރު ބުނީ ތިން ވަނަ ފަރާތެއް ނުފޫޒު އެތަނަށް ފޯރުވާނަމަ އެ މައްސަލަ ފީފާގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާނެ ކަމަށާއި އެހެންވެއްޖެ ނަމަ ރާއްޖެ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ފީފާ އިން ދީފައިވާ ކަމަށެވެ.

''ފަސްޓް ޑިވިޝަން މި ފަސް ކްލަބާއި އަޅުގަނޑާއި އަދި އިތުރު ކްލަބްތައްވެގެން ބޭނުންވަނީ މިހާރު މި ފުޓްބޯޅައޭ ކިޔައިގެން ދެކެވޭ ވާހަކަތަކުން ހުރިހާ ކްލަބްތަކުން ދުރުވެލައިގެން ތިބުން، އެއަށް ފަހު ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ހުރިހާ ކްލަބްތަކުން ބޭނުންވަނީ. އެފްއޭއެމްގެ ލީޑާޝިޕް އަންނަން ބޭނުންވާ ބަޔަކު ނުވަތަ އިންޓްރެސްޓް ހުރި ބަޔަކު ތިބިއްޔާ އަންނަ އަހަރުގެ އިންތިހާބު ތައްޔާރުވާންވީ،" ބައްސާމް ވިދާޅުވި އެވެ.