"ހެލޯ ކިޓީ" ބޮޑު ސްކްރީނަށް ގެންނަނީ
"ހެލޯ ކިޓީ" ބޮޑު ސްކްރީނަށް ގެންނަނީ

ޖަޕާނުގެ ސެންރިއޯ ކުންފުނިން އުފަންކުރި ހިޔާލީ ކެރެކްޓާ "ހެލޯ ކިޓީ" ބޮޑު ސްކްރީނަށް ގެންނަން ނިންމައިފި އެވެ.

ލޯބިލޯބި އަންހެން ބުޅަލެއް ސިފަކޮށްދޭ ކެރެކްޓާ ވުޖޫދަށް އައިތާ 45 ވަރަކަށް އަހަރު ފަހުން ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ނިންމާފައި ވަނީ ސެންރިއޯ އާއި ނިއު ލައިން ސިނަމާ އަދި ފްލީން ޕިކްޗާ ގުޅިގެންނެވެ.

"ހެލޯ ކިޓީ" ސިނަމާތަކަށް ގެންނަ އިރު، އޭގެ މުހިއްމު ބައިވެރިން ވެސް ފިލްމުން ފެނިގެން ދާނެ އެވެ. ނަމަވެސް މި ފިލްމު ސްކްރީނަށް ގެންނާނެ ގޮތެއް އަދި މުޅިން ކަށަވަރެއް ނުވެ އެވެ.

ފިލްމު އެނިމޭޓެޑް ފިލްމެއްގެ ގޮތުގައި ގެނެސް ދޭނީތޯ ނޫނީ މިހާރު ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ގޮތަށް ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ހަދާނީތޯ ނުވަތަ ހައިބްރިޑް އުފެއްދުމެއްގެ ގޮތުގައި ގެނެސްދޭނީތޯ އަދި އޮތީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

ނަމަވެސް "ހެލީ ކިޓީ" ގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެކަމަކު ފިލްމު ޑައިރެކްޓް ކުރާނެ މީހަކު ވެސް އަދި ނުނިންމަ އެވެ.

"ހެލޯ ކިޓީ" ސްކްރީނަށް ގެނެވޭތީ އުފަލުން ހުރި ސެންރިއޯގެ ބާނީ އަދި ރައީސް ޝިންޓާރޯ ސޫޖީ ބުނީ ހޮލީވުޑް ފިލްމެއްގެ ގޮތުގައި "ހެލޯ ކިޓީ" އާއި ބައިވެރިން ސްކްރީނަށް އައުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ހަގީގަތުގައި އެކުވެރިންތަކެއްގެ ވާހަކައެއް. އެހެންވީމާ ފިލްމަކީ ވެސް އެންމެން އެކަތިގަނޑަކަށް ހަދާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދު ކުރަން." އޭނާ ބުންޏެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ހަތަރެއްގައި އުފަންވި "ހެލޯ ކިޓީ" ކުރިން ވަނީ ޖަޕާނު ބަހުން ތައްޔާރުކޮށްފައިވާ ކޮމިކް ފޮތްތަކާއި ޓީވީ ސިލްސިލާތަކާއި ވީޑިއޯ ގޭމްތަކަށް ގެނެސްފައިވެ އެވެ.