28 އޯގަސްޓް 2016 - 08:42

ލަންޑަން (އޮގަސްޓް 28) - ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު އަރައި ލަނޑު ޖަހައި ހަލް ސިޓީ އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުކޮށްދިނުމުގައި އެހީތެރިވި މާކަސް ރެޝްފޯޑް މި ސީޒަނުގައި ވަރަށް ގިނަ މެޗު ކުޅޭނެ ކަމަށާއި އެކަމަކު އެކަމުގައި އަވަސް އަރުވާނުލާނެ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ބައެއް މެޗުތަކުގައި ފަހު ވަގުތު އަރައި ޔުނައިޓެޑް މޮޅުކޮށްދީގެން ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތް ރެޝްފޯޑް ރޭ ކުޅެން ނުކުތީ 71 ވަނަ މިނެޓުގަ އެވެ. އޭނާ ވަނީ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގެ ތެރޭގައި ލަނޑު ޖަހައި ޔުނައިޓެޑް މޮޅުކޮށްދީފަ އެވެ.
އެކަމަކު މޮރީނިއޯ ބުނީ ކުރިއަށް އޮތްތަނުގައި އޭނާ އަށް ފުރުސަތު ދިނުމުގައި ރޭ އޭނާ ޖެހި ލަނޑު މުހިއްމު ނޫން ކަމަށެވެ.
"އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. މިދިޔަ ސީޒަނުން ފެށިގެން އަހަންނަށް އެނގޭ އޭނާ ތަފާތުކަން. އަހަރެމެން މޮޅުވާން ލަނޑެއް ބޭނުންވެފައި ތިބި ދެ މެޗުގައި، ލެސްޓާ އަދި މި މެޗުގައި އޭނާ އަރައި ތަފާތު ދައްކައިދިން،" މޮރީނިއޯ ބުންޏެވެ.
"އޭނާ ކުޅެފާނެ ނުވަތަ ބެންޗުގައި ވެސް ހުރެދާނެ (ކުރިއަށް އޮތް މެޗުތަކުގައި). މީގައި މުހިއްމު ކަމަކީ އޭނާ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން އަންނަކަން. އަދި އުމުރުން 18 އަހަރުވީ."
މޮރީނިއޯ ބުނީ މިހާރު އެ ޓީމުން ކުޅެނީ ޒަލަޓާން އިބްރަހިމޮވިޗުގެ ފަހަތުގައި ފޯވާޑަކު ބަހައްޓައިގެން ކަމަށާއި ބައެއް މެޗުތަކުގައި އިބްރަހިމޮވިޗުގެ ކުރިއަށް ފޯވާޑަކު ލައިފާނެ ކަމަށެވެ.
"އެހެންވީމާ ޔަގީނުން ވެސް އޭނާ ގިނަ މެޗުތަކެއް މި ސީޒަނުގައި ކުޅޭނެ."
ރޭގެ މޮޅާ އެކު ނުވަ ޕޮއިންޓް ހަމަކޮށް ޔުނައިޓެޑް އޮތީ ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ރޭ ބާންލީ އަތުން 3-0 އިން މޮޅުވި ޗެލްސީ އެވެ. އެ ޓީމަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ އެޑިން ހަޒާޑާއި ވިލިއަމް އަދި ވިކްޓަ މޮސެސް އެވެ.
އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާސްގެ މެޗު 1-1 އިން އެއްވަރުވިއިރު ވެޓްފޯޑް އަތުން އާސެނަލް ވަނީ 3-1 އިން މޮޅުވެފަ އެވެ. ޕެނަލްޓީއަކުން ޖޭމްސް މިލްނާ ލިވަޕޫލަށް ލީޑު ނަގައިދީފައިވަނިކޮށް، ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ޑެނީ ރޯސް އެވެ.
ވެޓްފޯޑް ކޮޅަށް އާސެނަލްގެ ލަނޑުތައް ޖަހައިނީ ސެންޓި ކަޒޯލާ އާއި އެލެކްސިސް ސަންޗޭޒް އަދި މެސުތު އޮޒިލް އެވެ. ވެޓްފޯޑުގެ ހަމައެކަނި ލަނޑު ޖެހީ ރޮބާޓޯ ޕެރެއިރާ އެވެ.